"ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވަވާ ކަމެއް އެންމެ އެކަށީގެންވާ ގޮތެއް ގައި ޓޫރިޒަމް ތަރައްގީ ވެފައި ނެތް އަތޮޅުތަކާއި ރަށްރަށާއި ކައިރިއަށް މި ސިނާއަތް ގެންގޮސް ތަރައްގީ ކުުރުން،"
ޓޫރިޒަމްގެ ދާއިރާ އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ތަސައްވުރަކީ އެންމެ އެކަށީގެންވާ ގޮތެއް ގައި ޓޫރިޒަމް ތަރައްގީ ވެފައި ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ގެންގޮސް ފުޅާ ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމް ގައި ބައިވެރިވެވަޑައިގެން މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމަކީ ދައުލަތަށް އެންމެ ގިނަ ފައިސާ ލިބޭ އިންޑަސްޓްރީގެ އިތުރުން އެންމެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސް ވަމުންދާ އިންޑަސްޓްރީ އެވެ.
ޓޫރިޒަމް ގައި ދިވެހީންގެ ބައިވެރިވުން އިތުރުކުރުމާއެކު ރައީސް މުއިއްޒުގެ އެންމެ ބޮޑު ތަސައްވުރަކީ ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރަށުގައި ތިބެގެން / ރަށާއި ކައިރީން ވަޒީފާ އުފެއްދެން އޮތް އެންމެ ފަހި ފުރުސަތަކީ ޓޫރިޒަމް ފުޅާ ކުރުން ކަމަށެވެ.
"ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވަވާ ކަމެއް އެންމެ އެކަށީގެންވާ ގޮތެއް ގައި ޓޫރިޒަމް ތަރައްގީ ވެފައި ނެތް އަތޮޅުތަކާއި ރަށްރަށާއި ކައިރިއަށް މި ސިނާއަތް ގެންގޮސް ތަރައްގީ ކުުރުން،"
ޓޫރިޒަމް ނެތް އަތޮޅުތަކާއި ސަރަހައްދުތަކަށް ޓޫރިޒަމް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ފެށިފައިވާ ކަމަށާ ސަރުކާރުގެ ކަމާގުޅޭ ކޮމެޓީތަކުގައި މަޝްވަރާކޮށް އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީއާ ލާމުގައި ޓޫރިޒަމް ފުޅާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ރައީސްގެ އަމާޒެއް ކަމަށެވެ. އެ ގޮތުން އައްސޭރި ޓޫރިޒަމްގެ ނަމުގައި އައްޑޫއާ ލާމު ގަމުގައި ހާއްސަ މަޝްރޫއުއެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކައްދޫ ގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މި ދައުރުގައި އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.