ގަދަކަމުން އެންޓިބަޔޮޓިކް ދިން ވާހަކައަކީ ދޮގެއް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ

ފަރުވާ ދޭއިރު ހިތްހަމަނުޖެހޭ ގޮތަކަށް / ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށް ދާހެން ބަލި މީހަކަށް ނޫނީ އެހީތެރިންނަށް ހީވާ ނަމަ އެ ކަންކަން އިތުރަށް ސާފުކޮށް އޮޅުންފިލުވޭނެ ކަމަށެވެ.

އައިޖީއެމްއެޗް

އައިޖީއެމްއެޗް ގައި ވިހެއި ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތަކަކަށް އަމަލު ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި ދެކެވެމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ. 

އައިޖީއެމްއެޗުން މިހެން ބުނީ އެ ހޮސްޕިޓަލްގައި ވިހެއި ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދީފައިވާ ކަމަށާ ކުއްޖާގެ ހާލަތު ރަނގަޅު އިރުވެސް ފަރުވާ ދިނުމުގައި އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައި ވަނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލު ކުރަނީ މެޑިކަލް ޕްރެކްޓިސް ގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށާ ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ. މި މައްސަލާ ގައި ވެސް ބޭސް ދިނުމާއި ފަރުވާއާ ގުޅުން ހުރި އެހެނިހެން ކަންކަން ބަލި މީހާގެ އާއިލާއާ މަޝްވަރާކޮށް ތަފުސީލުކޮށް ކިޔައިދީފައި ވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އަދި ބުނީ ފަރުވާ ދޭއިރު ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށް ދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާ ނަމަ ނުވަތަ އެ ކަހަލަ ކަމެއް ފާހަގަކުރެވޭ ނަމަ އެ ކަންކަން އިތުރަށް ސާފުކޮށް އޮޅުންފިލުވޭނެ އިންތިޒާމުތަކާއި އޭގެ ފަހުން ވެސް މައްސަލައެއް އޮތް ނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން އެއިން މަގެއް އިހްތިޔާރު ނުކޮށް ސޯޝަލް މީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކާ ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް ހެދުމަކީ ޑޮކްޓަރުންގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ އަމަލުތަކަކަށް ވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

"މިފަދައިން ކުރާ އަމަލުތަކާއި ގުޅިގެން ހޮސްޕިޓަލުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ދަންނަވަމެވެ،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.