ބީއެމްއެލް ހޯމް ބިލްޑާސް، ގެދޮރު އިމާރާތް ކުރަން ރަހުނު ބެހެއްޓުން ނިމުމަކަށް

މި ފެސިލިޓީ އެއް މިލިއަން ރުފިޔާއާ ހަމައަށް ނެގޭނެ އެވެ. އަނބުރާ ދައްކަން 15 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ގައުމީ ބޭންކް ބީއެމްއެލް

ދިރިއުޅުމަށްޓަކައި އިމާރާތް ކުރުމަށް، މަރާމާތު ކުރުމަށް ނުވަތަ ވަކި ވަރަކަށް ހަދާފައި ހުރި ތަނެއް ނިންމަން ބޭންކުން އިއްޔެ ތައާރަފުކުރި ހޯމް ބިލްޑާ ފައިނޭންސިން އާއި ހޯމް ބިލްޑް ލޯނުގެ ސަބަބުން ރަހުނު ބެހެއްޓުން ނިމުމަކަށް އަންނާނެ ކަމަށް ބޭންކުން ބުނެފި އެވެ.

ބޭންކުން އިއްޔެ ތައާރަފު ކުރި ލޯނުގެ ތަފުސީލް ދެއްވަމުން ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މީގެ ކުރިން ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވެގެން އަންނަ ކަސްޓަމަރުން އިމާރާތްކުރާ ތަން ފިޔަވައި އިތުރު ރަހުނު ބަހައްޓަން ޖެހޭ ކަމަށެވެ.

"އެކަމަކު އިއްޔެ ތައާރަފްކުރި ހޯމް ބިލްޑް ފްރޮޑަކްޓްތަކާއެކު މިވަނީ އިތުރު ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާގެ ފައިނޭންސް ނެގޭ ގޮތް ހަމަޖެހިފަ. މިއީ ވަރަށް ގިނަ ކަސްޓަމަރުންނަށް ފައިނޭންސް ހޯދުމުގައި ދިމާވެފައިވާ ދަތިތަކަކަށް ލިބިގެންދާނެ ހައްލެއް،" ސައީދު ވިދާޅުވި އެވެ. 

ބީއެމްއެލް އިން އިއްޔެ ތައާރަފު ކުރި މާލީ ޕްރޮޑަކްޓުގައި ލޯނެއްގެ އިތުރުން ޝަރިއްޔާ ހުއްދަކުރާ ގޮތަށް ފަރުމާކޮށްފައިވާ ފައިނޭންސިން ފެސިލިޓީއެއްވެސް ހިމެނެ އެވެ. 

ބީއެމްއެލް ފައިނޭންސިންގެ މައުލޫމާތު

  •  ފައިނޭންސިން ފެސިލިޓީގައި 9 ޕަސެންޓު ހިމެނޭ
  •  މި ފައިނޭންސިން އެއް މިލިއަން ރުފިޔާއާ ހަމައަށް ލިބޭނެ
  •  އަނބުރާ ދައްކަން 15 އަހަރު ލިބޭނެ
  •  އަމިއްލައަށް ހަރަދު ކުރަން ޖެހެނީ ޕްރޮޖެކްޓްގެ އަގުގެ 25 ޕަސެންޓް 

ހޯމް ބިލްޑް އަށް އެދި ހުށަހަޅާއިރު ގެރެންޓާރާ އެއް ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް އިތުރު މީހަކާ އެކު މި ފައިނޭންސަށް އެދި ހުށަހެޅޭނެ އެވެ.

ސައީދު ވިދާޅުވި ގޮތުގައި ކަސްޓަމަރުގެ ދަރަންޏަށް އިތުބާރު ކުރެވޭ މިންވަރަކީ މިފަދަ ފައިނޭންޝަލް ޕްރޮޑަކްޓަތަކުގައި ވަރަށް މުހިންމު ބައެއް ކަމަށެވެ. މީގެ އިތުރުން އަމިއްލައަށް ހަރަދުކުރަން ޖެހޭ ބަޔަށް ފައިސާ ދެއްކުމުގެ ގާބިލުކަމާއި އަނބުރާ ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރަށް ވެސް ބޭންކުން ބަލާނެ ކަމަށެވެ.

"ހަމައެހެންމެ ވޭތުވެ ދިޔަ 12 މަސް ދުވަހު ކުރިން ނަގާފައިވާ ލޯނަކަށް، ފައިނޭންސަކަށް ނުވަތަ ކްރެޑިޓް ކާޑަކަށް ގަވާއިދުން ފައިސާ އަނބުރާ ދައްކާފައިވާން ވާނެ،" ސައީދު ވިދާޅުވި އެވެ.

ހޯމް ބިލްޑް ފައިނޭންސަށް ކަސްޓަމަރު އަމިއްލައަށް ހިއްސާކުރަން ޖެހޭ އަދަދު ހުންނަން ޖެހޭނީ ކަސްޓަމަރުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވަތަ އިމާރާތަށް ހަރަދު ކޮށްފައެވެ. މިގޮތަށް އިމާރާތަށް ހަރަދު ކޮށްފައިވާނަމަ، އެކަމުގެ ލިޔުން ބޭންކަށް ހުށަހަޅަން ވާނެ އެވެ. އަމިއްލައަށް ކުރަންޖެހޭ ހަރަދު ކޮށްފައި ނުވާނަމަ އެ ހަރަދު ކުރާނެގޮތް ބޭންކަށް ހުށަހަޅަން ވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.