ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 23


- އެޕިސޯޑް 23 –

"މަރުޙަބާ ދަރިފުޅާ! އުފާވެރި ދިރިއުޅުމަކަށް އެދެން.."

ޒީމާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ އިޙްސާސް ތަކެވެ. ޒީމާ ހީނލައިގެން ހުރެ ވަށައިގެން ބަލައިލިއެވެ. މުޅި ތަނަށް ވެރިވެފައި ވަނީ އުފާވެރިކަމެވެ. އެންމެން ވެސް ތިބީ އުފަލުން ފޮޅިފައެވެ. ޔޫސުފް މަޑުމަޑުން ހިނގާފައި ގޮސް ޒީމާގެ ކޮނޑުގައި ހިފާލީ އިންތިހާއަށް ލޯތްބާއެކުގައެވެ. އީމާ ވެސް ޝަރާއަށް ބަލަހައްޓައިގެން ހުރީ ހެވި ދިލިފައެވެ. ފަހަރީއާ އެކުގައި ރަނގަޅު، ވަރުގަދަ ގުޅުމެއް އުފެއްދޭނެ ކަމުގެ ފުރިހަމަ ޔަޤީން ކަމާއެކުގައެވެ.

ޝަރާއަށް މައިވަންތަ ލޯބި އުނި ނުކޮށް، އޭނާ ބަލާ ބޮޑު ކުރި އައިމިނަތުގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އައިމިނަތުގެ ލޮލުގެ ކުރިމަތިން ފެންނަމުން ދިޔައީ އޭނާގެ ޙަޔާތުގައި އޭނާ އެންމެ ދެކެން ބޭނުންވާ މަންޒަރުތަކެވެ.

"މަންމާ!"

ޝަރާ ވަރަށް ބާރަށް އައިމިނަތުގެ ގައިގައި އޮޅުލައިގަތެވެ. އައިމިނަތުގެ ލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް އެކީ އެކައްޗަކަށް ބަންޑުން ވެގެން ދިޔަކަހަލައެވެ. އުފާވެރި ކަރުނައިގެ ވާރޭގެ މޫސުމެއް އެތަނަށް އައިސްފައިވާ ފަދައެވެ.

***

ރޭގަނޑު 9 ޖަހައިފިއެވެ. މުޅި މާހައުލުން ފެންނަނީ އެކި ކުލަތަކެވެ. ކައިވެނީގެ ޙަފްލާ ވަރަށް ފުރިހަމައެވެ. ވަރަށް ބޮޑަށް މުޅިތަން ވަނީ ޖަރީކޮށްފައެވެ. ދިއްލިފައިވާ މާތަކާ، އެކި ޑިޒައިންތަކަށް ތައްޔާރުކޮށްފައިވާ އެކި އެކި ޑެކެރޭޝަން ތަކުން މާހައުލުގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ކައިވެނީގެ ޙަފްލާއަށް އަންނަ މެހެމާނުންނަށް ސަލާމް ކުރަން ހުރި ޝަރާ އާއި އަޔާޒް ހީވަނީ ދުނިޔެމަތީގައި މިވަގުތު ހުރި އެންމެ ރީތި 2 އިންސާނުންހެންނެވެ. ޝަރާ ހޫރު ޕަރީއެއް ފަދައެވެ. އެ ރީތި ކަމުގެ ވާހަކަ ޓޭބަލް ތަކުގައި ކެއުމަށް އިންސާފު ކުރަމުން ގެންދިޔަ މީހުން ވެސް ދައްކަމުން ދިޔައެވެ.

ކައިވެނީގެ ޙަފްލާގައި ޒީމާގެ ފަރާތުން ކޮންމެވެސް ވަރެއްގެ އެކަނިވެރި ކަމެއް ފެންނަމުން ދިޔައެވެ. އެއީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށްވާ ނަޒީރާ، މި ޙަފްލާގައި ބައިވެރިވާން ނައުމުންނެވެ. ނަޒީރާއަށް ޒީމާ ދައުވަތު ދިނީ ވެސް ލަދުވެތިކަމާއެކުގައެވެ. ނަޒީރާ ނާންނާނެކަން އެނގި ހުރެއެވެ. އޭނާގެ ޙަލާތާ މެދުގައި ޒީމާ އިންތިހާއަށް ހިތާމަ ކުރެއެވެ. އެ ފިކުރުތަކުން ހަފްލާގައި އިން ޒީމާއަށް ދިޔައީ އުނދަގޫ އިޙްސާސެއް ކުރުވަމުންނެވެ.

ކައިވެނީގެ ވަލީމާ ނިންމާފައި ޒީމާއަށް ގެއަށް އާދެވުނީ ރޭގަނޑު 12 ޖަހަން ގާތްވެފައި ވަނިކޮށެވެ. ގެއަށް އައި ގޮތަށް ޒީމާ ވަނީ ފާޚާނާއަށެވެ. ލޯގަނޑުން މޫނު ބަލާލުމާއެކުގައި ޒީމާއަށް އިސްޖަހާލެވުނެވެ. އޭނާއަށް އޭނާގެ އަމިއްލަ ނަފްސާ ވެސް ކުރިމަތިލާނެ ހިތްވަރު ނެތް ބީދައަކުންނެވެ. ޒީމާއަށް ރޮވޭ ގޮތްވިއެވެ. ވަރަށް އަވަސްކޮށް އިސްކޫރު ދޫކޮށްލަމުން ޒީމާ އޭނާގެ މޫނު ދޮންނަން ފެށީ، ކޮޓަރިއަށް ޔޫސުފް ވަތްކަން އެނގުމާއެކުގައެވެ. އަދި މޫނުމަތި ފުހެލުމަށްފަހު، ޒީމާ ފާޚާނާއިން ނުކުތެވެ.

"އަހަރެން ނިދާލަނީ މި.."

ޒީމާ އޮށޯވެލީ އެނދުމަތީގައެވެ. ޔޫސުފް ވަނީ ފާޚާނާއަށެވެ. ޔޫސުފް ފާޚާނާއަށް ފެންވަރަން ވަނުމާއެކުގައި ޒީމާ އޭނާގެ ފޯނު ނެގިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޒީމާ ހުޅުވާލީ މެސެޖު ބަޔެވެ.

"އަހަންނަށް މާފު ކުރޭ! އަހަންނަށް އެނގޭ އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން. އުއްމީދެއް ނެތް ކަމެއްގަ ތި ދެމައިންނަށް ވަރަށް ބޮޑު ހިތްދަތި ކަމެއް އަހަންނަށް ދެވިއްޖެ. މާފަށް އެދެން ވެސް އަހަރެން ލަދު ގަނޭ. މިއަދު އަޔާޒް އަކީ މީހެއްގެ ފިރިއެއް.. މަޔެއްގެ ހައިސިއްޔަތުން އަހަރެން މިރޭ މިހުރީ ވަރަށް ދެރަވެފަ.. އަހަރެންގެ އުއްމީދެއް ފުޑުވެގެން މި ދިޔައީ.. ސުހާ އަކީ އަހަރެން ވަރަށް އުއްމީދު ކުރި ކުއްޖެއް އަހަރެންނަށް މަންމައޭ ކިޔާ ގޮވާލާނެ ކަމަށް.. އަޙްލާޤު ރަނގަޅު މާތް ކުއްޖެއް އެއީ.. އެކަމު މިއަދު އަހަރެން ވަރަށް ދެރަވެއްޖެ. ވަރަށް ބޮޑަށް ހިތުގާ ޖެހިއްޖެ.. ނަޒީރާގެ ހެޔޮކަމުން އަދިވެސް އެންމެ ގާތް މީހާގެ ގޮތުގަ އަހަރެން ތި ދެކެނީ.. އަހަރެންނަށް ނޭނގެ ތި ދެމައިން ކުރިމައްޗަށް އަރާނެ ގޮތެއް ވެސް.. މާފު ކުރޭ!"

މެސެޖު ލިޔެ ނިންމާލި އިރު ޒީމާ ލޮލުން ކަރުނަ ހިލެން ފެށުނެވެ. އޭނާ އެ މެސެޖު ފޮނުވާލީ ނަޒީރާއަށެވެ. އަދި ފޯނު ބާލިސް ދަށަށް ލަމުން ނިދޭތީ މަސައްކަތް ކުރިއެވެ.

***

އެނދުމަތީގައި ޝަރާ އިށީންދެެގެން އިނީ ކައިވެނީގެ ހަފްލާގައި ލައިގެން ހުރި ހެދުމާ އެކުގައެވެ. އޭނާގެ ހިތުގެ ތެރޭގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސެކެވެ. ކުއްލިއަކަށް ޝަރާއަށް އިވުނީ ފާޚާނާގެ ދޮރު ހުޅުވުނު އަޑެވެ. ފާޚާނާގެ ދޮރާ ދިމާލަށް ބަލައިލުމާ އެކު ލަދުވެފައި ވެފައި އިން ހޫރެއް ފަދައިން ޝަރާއަށް އިސްޖަހާލެވުނެވެ.

"ޝަރާ.." 

އަޔާޒް ގޮވާލީ ވައި އަޑަކުންނެވެ. އެ އަޑުގައި ވަނީ މަސްތީކަމެވެ. ފިރިހެންވަންތަ ކަމުގެ އިންތިހާއެވެ. ލަދުރަކިކޮށް ޝަރާ ބަލައިލީ އަޔާޒްއާ ދިމާލަށެވެ. އަޔާޒްގެ ބުޅި އިސްތަށިގަނޑު ވަރަށް ތަރުތީބުކޮށް ކޮނޑުގެ ދެފަރާތަށް ވާގޮތަށް ވައްޓާލާފައި އޮތެވެ. ތަނަވަސް މޭމައްޗެކެވެ. "ފިޓް" ހަށިގަނޑެކެވެ. އަޔާޒް މަޑުމަޑުން ހިނގާފައި އައިސް ހުއްޓުނީ ޝަރާގެ ކުރިމަތީގައެވެ. އޭރު އަޔާޒް ލައިގެން ހުރީ ހަމައެކަނި ބޮކްސާ ކޮޅެކެވެ.

ޝަރާގެ ދެއަތުގައި އަޔާޒް ހިފައިލަމުން އޭނާ ކޮޅަށް ނެގީ ވަރަށް ލޯބިންނެވެ. އަދި ޝަރާގެ ވެޑިން ޑްރެސް ބާލުވާ ދިނުމުގައި އަޔާޒް އެހީތެރިވެލަދިނެވެ. އަޔާޒްގެ ހަށިގަނޑުން ހޫނުކަން ޝަރާއަށް ވަމުން ދިޔައިރު އޭނާ ހުރީ ލަދުން ގުނޑެލަން ވެސް ނޭނގިފައެވެ. ނަމަވެސް އެ ލަދުވެތިކަން ޝަރާގެ ކިބައިގެން ފިލައިގެން ދާކަށް މާއިރެއް ނުނެގިއެވެ. އެޔަށް ވުރެ އަޔާޒް މާ ހުށިޔާރެވެ. ކައިވެނީގެ ފުރަތަމަ ރޭގައި، ޝަރާ އޭނާގެ އިއްފަތްތެރިކަން އަބުރެވިކަމާއެކުގައި އަޔާޒްއާ ހަވާލު ކުރީ އަޔާޒްއާ އެކުގައި މުޅި އުމުރު އެއްކޮށް ހޭދަކުރާށެވެ.

***

ފަތިސް ވީ އިރު ވެސް ޒީމާގެ ލޮލަށް ނިދީގެ އެއްވެސް އަސަރެއް ނުކުރެއެވެ. ހިތާއި ސިކުނޑީގައި ވާ ޚިޔާލު ތަކާއި ފިކުރުތަކުން އޭނާއަށް ހަމަ ތުރާލާ ވޭން ލިބެނީއެވެ.

"ހާދަ ނުބައި މީހެކޭ! ހާދަ ނުބައި މީހެކޭ!" އެންމެ ފަހުން ކެތް ނުވެގެން ޒީމާއަށް ވަރަށް މަޑުމަޑުން ބުނެވުނެވެ. (ނުނިމޭ)


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.