އޭސީސީ ރިޕޯޓް ބޮލާލާ ނުޖަހާނަން، ފްލެޓް ދޭނީ އިންސާފުވެރިކޮށް: ސަރުކާރު

"އަޅުގަނޑުމެން ސަރުކާރުން މަސައްކަތް ކުރާނީ އެންމެ އިންސާފުވެރި ގޮތަކަށް އެންމެ ރަނގަޅު ގޮތަކަށް އެ މައްސަލަ ހައްލު ކުރެވޭނެ ގޮތް ހެދުމަށްޓަކާ،"

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު

ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅައި ގެޒެޓްކޮށްފައިވާ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް، އެ ލިސްޓުގައިވާ މީހުނަށް ފްލެޓް ދޫކުރަން ސަރުކާރަށް އަންގަން މަޖިލީހުން ފާސްކުރި ނަމަވެސް އިންސާފުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކުރީ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރުމާއެކު އާންމުންގެ ގިނަ ޝަކުވާތަކެއް މަޖިލީހަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން ބެލުމަށްފަހު ނިންމީ ކުރީ ސަރުކާރުން ނެރުނު ލިސްޓަށް ބަދަލެއް ނުގެންނަން ސަރުކާރަށް އެންގުމަށެވެ. ކޮމެޓީ ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ 29 މެމްބަރުންގެ ވޯޓުންނެވެ.

ކުރީ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޫކުރަން ސަރުކާރަށް ގޮވާލަން މިއަދު ރިޕޯޓެއް ފާސްކޮށްފައިވާއިރު، އޭސީސީ އިން އެ މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ އެ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. އެއްވެސް މައްސަލައެއް ނެތި ޝަތުރު ހަމަވަނީ އެންމެ 20.7 ޕަސެންޓް މީހުން ކަމަށެވެ. އަދި ޝަރުތު ފުރިހަމަ ވިޔަސް 19.7 ޕަސެންޓް ފޯމުގައި އެކި މައްސަލަތައް ހުރި ކަމަށެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. ކުރީ ސަރުކާރުން ފްލެޓް ދޫކުރި ގޮތާ ގުޅޭގޮތުން އޭސީސީގެ ތަހުގީގު ރިޕޯޓެއް އެބަ އޮތް ކަމަށާ އެ ރިޕޯޓް ބޮލާލާ ޖަހާ ވަކި ގޮތަކަށް ކަންކަން ކުރުމުން އެތައް ބައެއްގެ ހައްލު ގެއްލޭނެ ކަމަށް ހީނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރުން މަސައްކަތް ކުރާނީ އެންމެ އިންސާފުވެރި ގޮތަކަށް އެންމެ ރަނގަޅު ގޮތަކަށް އެ މައްސަލަ ހައްލު ކުރެވޭނެ ގޮތް ހެދުމަށްޓަކާ،"

ސަރުކާރުން ވަނީ ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު އާންމު ކުރަން ވެސް ނިންމާފަ އެވެ. ނަމަވެސް މިހާތަނަށް އާންމު ކޮށްފައެއް ނުވެ އެވެ. އަދި ޝަތުރު ހަމަވި މީހުންނަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.

ކުރީ ސަރުކާރުން ނިންމާފައި އޮތީ ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ވެސް ފްލެޓް ދޭށެވެ. ފުރަތަމަ ނެރުނު ލިސްޓުގައި 15،046 މީހުން ޝަރުތު ހަމަވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އޭރު އަޅަން ފަށާފައި ވަނީ 4000 ފްލެޓެވެ. އެހެންކަމުން ފުރަތަމަ 4000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް ކަމަށް އޭރު އޮތީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.