ފޮނުވާލީ އިންޑިއާ ސިފައިންގެ 51 މީހެއް، ބާކީ ސިފައިން ފައިބާން ހަތަރު ދުވަސް

ދެ ޕްލެޓްފޯމަކުން ސިފައިންގެ 51 މީހަކު ފައިބާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މީގެ ހަތަރު ދުވަސް ފަހުން މެއި 10 ގެ ނިޔަލަށް ހުރިހާ ސިފައިން ފައިބައިގެން ދާނެ ކަމަށެވެ.

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އޭރުގެ އިދިކޮޅުގެ ސަޕޯޓަރުން ކުރި މުޒާހަރާ އެއް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މިހާތަނަށް ދެ ޕްލެޓްފޯމެއް ގައި ތިބި އިންޑިއާ ސިފައިން 51 މީހަކު ފައިބާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމް ގައި ތިބި އިންޑިއާ ސިފައިން މާޗް 10 ވަނަ ދުވަހު ގެންދިއުމަށް އޮތީ އެއްބަސް ވެފައެވެ. އެ އެއްބަސްވުމާއި އެއްގޮތަށް އައްޑޫ ސިޓީ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް އެ ގައުމުގެ ސިވިލިއަން ކުރޫއެއް ފެބްރުއަރީ މަހު ވަނީ ރާއްޖެ އައިސް ފައެވެ.

އައްޑޫގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ ދެ ޕްލެޓްފޯމް ގައި ތިބި އިންޑިއާގެ ސިފައިން 10 މެއިގެ ކުރީން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިމިފައިވާ ކަމަށް މިދިޔަ މަހު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ފޭބި ސިފައިންގެ އަދަދާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ ދެ ޕްލެޓްފޯމަކުން ސިފައިންގެ 51 މީހަކު ފައިބާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މީގެ ހަތަރު ދުވަސް ފަހުން މެއި 10 ގެ ނިޔަލަށް ހުރިހާ ސިފައިން ފައިބައިގެން ދާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.

ދިވެހި ސަރުކާރުން އެދިފައި ވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.