- އެޕިސޯޑް 22 –
ޒީމާ ގިސްލާ ރޯތަން ބަލަން ހުންނަން އަޔާޒަކަށް ކެތެއް ނުވިއެވެ. އޭނާ ގޮސް ޒީމާގެ ދާދި ގާތުގައި އިށީންނެވެ. އަދި ވަރަށް ލޯބިން ޒީމާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.
"މަންމާ."
އަޔާޒްގެ އަޑުގައި އެެއްވެސް ވަރެއް ނެތެވެ. އޭނާ ހުރީ ވަރަށް ދެރަވެފައިކަން އޭނާގެ އަޑުން ހެކިކޮށްދެއެވެ.
"މަންމަވެސް ދެން މާ ބޮޑަށް ކަންކަމާ މެދުގަ ވިސްނަނީއޭ.. ދަރިންނާ ދޭތެރޭ ވިސްނާނީ މައިންބަފައިން.. އެކަން އަހަރެންނަށް ވެސް.. ކޮއްކޮއަށް ވެސް އެނގޭ.. އެކަމު ދަރިންގެ ދިރިއުޅުމުގެ ބޮޑެތި ނިންމުންތައް ނިންމަން ދަރިންނަށް ފުރުސަތު ދޭން ވާނެ.. އެއީ އެންމެ ރަނގަޅު ގޮތް މަންމާ.." އަޔާޒް މަސައްކަތް ކުރީ އޭނާގެ މަންމައަށް ހިތްވަރު ދޭށެވެ.
"ވަގުތު ފާއިތުވީނު.. ބައްޕަ ވެސް މަންމަ ވަރިކޮށްލީ.. މަންމަ ކިހާ އެކަނިވެރި ވާނެ.. މަންމަ ކިހިނެއް ދެން ހަދާނީ؟" ޒީމާއަށް އޭނާއަށް ހުރެވުނު ޙާލަތާމެދުގައި ވިސްނާލެވުނެވެ.
"ގޮސް ބައްޕަ ގާތުން މާފަށް އެދޭ! ބައްޕަ އަކީ އެހާ ހިތްހަރު މީހެއް ނޫން.."
ޒީމާއާ ދިމާލަށް ކުރިއަށް ފިޔަވަޅެއް ނަގަމުން އީމާ ބުނެލިއެވެ.
***
ދުވަސްތައް ފާއިތުވަމުން ދެއެވެ. ދުވަހަކަށް ފަހު ދުވަހެކެވެ. މާދަމާ އަކީ ޝަރާ އާއި އަޔާޒްގެ ކައިވެނި ކުރެވެން އޮތް ދުވަހެވެ. އެކަމުގެ ތައްޔާރީތަކުގައި އަޔާޒްގެ މުޅި ޢާއިލާއާއި އޭނާގެ ރައްޓެހިން ދިޔައީ ބައިވެރިވަމުންނެވެ.
***
ކޮޓަރި ތެރޭގައި ޒީމާ އޮތީ ފުން ޚިޔާލެއްގެ ތެރެއަށް ގެނބިގެން ގޮސްފައެވެ. ކައިވެނީގެ ތައްޔާރީ ތަކުގައި އުޅުމަށްފަހު ވަރުބަލި ފިލުވާލަން ޒީމާ އޮށޯވެލީ ފަސޭހަ އިޙްސާސްތަކަކާ އެކުގައެއް ނޫނެވެ. އޭނާގެ ބޮލުގެ ތެރެއަށް ތަފާތު އެތައް ފިކުރު ތަކެއް ސަވާރު ވެގެން ދިޔައީއެވެ.
ޒީމާ އާއި ޔޫސުފްގެ ކައިވެނި ރުޖޫޢަ ކުރެވިގެން ދިޔައީ މިއަދު ހެނދުނުއެވެ. ޒީމާ ވައުދުވީ އޭނާގެ ފުރިހަމަ އެހީތެރިކަން އޭނާގެ ދަރިންގެ އުފާތަކަށް ލިބޭނެ ކަމަށެވެ. ކުރިން ކަންތައް ކުރެވުން ގޮތުން ޔޫސުފް އާއ އަޔާޒް އަދި ޝަރާގެ ކިބައިން ޒީމާ މާފަށް އެދުނެވެ. ނަމަވެސް ޒީމާގެ ކައިވެނި މިކަމުގެ ސަބަބުން ރޫޅުނުކަން އެ ޢާއިލާއިން ނިންމީ ޝަރާއާށް ސިއްރު ކުރާށެވެ. އެއީ އާއިލީ ސިއްރެއްގެ ގޮތުގައި ބަލައިގެންނެވެ.
***
ކައިވެނި ކުރެވޭތީ އެކަމުގެ އެންމެ ބޮޑު އުފާ ލިބިގަންނަމުން ދަނީ ޝަރާއެވެ. އޭނާ ކޮޓަރި ތެރޭގައި އޭނާގެ ބޮޑުދައިތަ ކަމަށްވާ އައިމަނަތުއާ އެކުގައި އެތައް ވަގުތެއް ހޭދަ ކުރީ އެކި ކަހަލަ ޚިޔާލީ ފޮލާ ކެއްކުމުގައެވެ. ކައިވެންޏަށްފަހު ކަންތައް ވާނެ ގޮތާއި، ވިސްނަން ޖެހޭނެ ކަންކަން އައިމިނަތު ދިޔައީ ޝަރާއަށް ކިޔައިދެމުންނެވެ. ފިރިމީހާއަށް ކިޔަމެންތެރި ވުމާއި އެންމެންނާ ގުޅިގެން އުޅުމުގެ މުހިންމުކަން އައިމިނަތު ގެންދިޔައީ ޝަރާއަށް ވިސްނާދެމުންނެވެ.
"މަންމާ.. އަހަރެން އެންމެ އުފާވަނީ އަޔާގެ މަންމަ ބަދަލުވީމަ.. ހާދަ ހެވޭ މިހާރު.. ހީވަނީ އެހެން މީހެއްހެން.. މާފަށް އެދުން އިރުވެސް ވަރަށް ރުއި.. އަހަރެން ފަހުން ވަރަށް ދެރަވިން އަޔާ މަންމަ އެވަރަށް ރުއީމަ.."
ޝަރާ ދައްކަމުން ދިޔަ ވާހަކަތައް އައިމިނަތު ދިޔައީ ކަނުލައި އަޑު އަހަމުންނެވެ.
"މަންމަ ޝައްކެތް ނުކުރަން ދަރިފުޅުގެ މުރާލި ކަމާއި ގެވެހި ކަމަކަށް.. ޔަޤީންނުން ވެސް ތިފަދަ ދަރިއެއް ދެކެ މައިދައިތަ އަކު ރުޅިއަންނަން ނުލިބޭނެ އެއްވެސް ފުރުސަތެއް.." އައިމިނަތު ފަހުރުވެރިވެލާފައި ބުނެލިއެވެ. ޝަރާ ހިނިތުންވެލިއެވެ.
"ދަރިފުޅާ! ބޮލުގެ ތަދު ކިހިނެއް؟"
ކުއްލިއަކަށް ހުރެފައި އައިމިނަތު އަހައިލިއެވެ. އެއީ މިއަދު ހޭލި ގޮތަށް ޝަރާ އުޅުނީ ބޮލެއްގައި ރިއްސާ ވަރުންނެވެ.
"އެ ތަދު ގޮސްފި މަންމާ.."
ބޮލުގައި އަތް ޖައްސާލަމުން ޝަރާ ބުނެލިއެވެ.
"ތިހެން ހުރިހާ ކަމެއް ފަސޭޙަ ކޮށްލަން ދޫކޮށްލާނީ އެއް ނޫން.. މަންމަ ވެސް ކިހާ ވަރަކަށް އެބަ ކިޔަން ޑޮކްޓަރަށް ދައްކާލަން.. އެއްފަހަރު ދަރިފުޅު ވެއްޓެން ވެސް ވެއްޓުނެއްނު؟ ތިކަހަލަ ކަންކަން ކަންފަސޭހަ ކޮށްލާކަށް ނުވާނެ ދަރިފުޅާ!"
އައިމިނަތު ކަންބޮޑުވެފައި އިނދެ ވާހަކަދެއްކިއެވެ.
"ނޫން މަންމާ.. މިއީ ދެން އެހާ ބޮޑު ކަމެއް ނޫނޭ.. ކުޑަކޮށް އެހެން ހުރެ ތަދުވެފަ ވަރަށް އަވަހަށް ދާނެ.. ވެދާނެ ކައިވެނި ކުރެވެން އުޅެވެންތީ އެކްސައިޓް ވެގެން އެކަމާ މާބޮޑަށް ވިސްނާ، ނުނިދާތީ ވާގޮތެއް ކަމެއް ކަމަށް.. މާ ބޮޑަށް ތަދުވަންޏާ ޑޮކްޓަރަށް ދައްކާނަމޭ މަންމާ... އެކަމާ ހާސް ނުވެބަލަ!"
ޝަރާ ހީނލަމުން ބަލައިލީ އައިމިނަތުގެ މޫނަށެވެ. އައިމިނަތު ވެސް ހިނިތުންވެލިއެވެ.
ފެށިގެން ދިޔަ އައު ދުވަހަކީ އަޔާޒް އާއި ޝަރާގެ ޙަޔާތަށް ބަހާރު މޫސުމެއް އައި ދުވަހެކެވެ. ކައިވެނީގެ މަތިވެރި ގުޅުމުން އެދެމީހުންގެ އަގުމާތްވި ގުޅުން ގުޅިގެން ދަނީއެވެ. އެކަމުގެ އުފާވެރިކަން އެވަގުތު ފެމިލީ ކޯޓުގައި ތިބި އެންމެންގެ މޫނުމަތިން ވެސް ދިޔައީ ފެންނަމުންނެވެ. އެންމެން ވެސް ތިބީ ހިނިތުންވުމަކާ އެކުގައެވެ. އަޔާޒް ކައިވެނީގެ މަޖިލީހުގައި އިން އިރު ދޭތެރެ އަކުން ޒީމާގެ މޫނަށް ބަލައިލެވެއެވެ. އެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމުން އަޔާޒްގެ ހިތަށް ވަރަށް ބޮޑު އުފަލެއް، ތަސައްލީއެއް ލިބެމުން ދިޔައެވެ.
"އަނބި ޤަބޫލުކޮށްފިން.."
އަޔާޒްގެ ދުލުން ނުކުތް ބަހާއެކުގައި މުޅި މަޖިލީހުން ގުގުމާލީ އުފާވެރިކަމުގެ އިޙްސާސްތަކުގެ އަޑެވެ. ޝަރާއަށް ހިނިތުންވުމަކާއެކުގައި އިސްޖަހާލެވުނީއެވެ.
"ދަރިފުޅާ.. "
ކައިވެނީގެ މަޖިލިސް ނިމުމާ އެކުގައި އެންމެ ފުރަތަމަ ޝަރާގެ ގައިގައި އޮޅުލައިގަތީ ޒީމާއެވެ. އަދި ޒީމާގެ ކަނާއަތުން ޝަރާގެ ކޮލުގައި ވަރަށް ލޯބިން ހިފާލަމުން ހިނިތުންވެލިއެވެ. އެ މަންޒަރު ބަލަން އަޔާޒް އާއި ޔޫސުފް ހުރީ އުފަލުން ފެންކަޅި ވެފައެވެ. އެއީ ޔޫސުފް ވެސް ޒީމާގެ ފަރާތުން ފެންނަން ބޭނުންވާ އުޅުމެވެ. (ނުނިމޭ)