ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 21

ޔޫސުފް އަހައިލީ ހައިރާން ކަމާއެކުގައެވެ. މިއިން ދުވަހެއްގައި ވެސް އަޔާޒް އަކީ އެފަދަ ގޮތަކަށް ވާހަކަދައްކާފައިވާ ދަރިއަކަށް ނުވާތީއެވެ. ޒީމާ އިންތިހާއަށް ބިރުގަންނަން ފެށިއެވެ. އަޔާޒް ހުރީ ކަޅި ޖަހާ ނުލާ ޒީމާއަށް ބަލާށެވެ.

- އެޕިސޯޑް 21 –

ޒީމާގެ ހިތުގެ ހިނގުން ހީވަނީ ރޭސް ޖަހަމުން ދަނީއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް މޭޖެހޭ ގޮތްވެފައެވެ. އަޔާޒްގެ ދެލޮލުން އެފެންނަ އިޙްސާސްތަކުން ޒީމާއަށް ބޮޑު "ރާޅެއް" އަންނާނެ އޭނާއަށް ޔަޤީން ކުރެވުނެވެ.

"މަންމާ.. ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ؟ މަންމައަށް އެނގޭ ދޯ އަހަރެން ޝަރާ ދެކެވާ އިންތިހާ ލޯބި.. މަންމައަށް އެނގޭ ދޯ މި ދަރިފުޅަށް ޝަރާއާ ނުލާ ނޫޅެވޭނެކަން ވެސް.. މިހުރިހާ ކަމެއް އެނގި ހުރެ މަންމަ ކީއްވެތަ އަހަންނާ ޝަރާއާ ދުރު ކުރުވަން ތި ވަރަށް ތި މަސައްކަތް ކުރަނީ؟" އަޔާޒްގެ އަޑުގައި ވަނީ ހިތާމައިގެ އަސަރުތަކެވެ.

އަޔާޒްގެ ވާހަކަ އިވިފައި ޔޫސުފް ނުރުހުމުގެ ނަޒަރަކުން ބަލައިލީ ޒީމާގެ މޫނަށެވެ. ޒީމާ ވަގުތުން އިސް ޖަހާލިއެވެ.

"މަންމާ.. އަހަރެެން ޝަރާ ދެކެ ވަރަށް ލޯބިވޭ! ޝަރާ އަކީ އެއްވެސް ވަރަކަށް ގޯސް ކުއްޖެއް ނޫން.. އެއީ އަހްލާޤު ރަނގަޅު، ކިޔަމަންތެރި، މާތް އިންސާނެއް.. އޭނާ ދުވަހަކު ވެސް ނޫޅޭނެ މުދަލާ ފައިސާގެ ދަހިވެތި ކަމަކު.. އަހަރެން މިއަދު ވަރަށް ދެރަވެއްޖެ.. ވަރަށް ވަރަށް ދެރަވެއްޖެ.." އަަޔާޒްގެ އޭނާގެ ދެ ލޮލުން ވެއްޓެން އުޅުން ކަރުނަތައް އޭނާގެ ކަނާއަތުގެ ނުފުށުން ފޮހެލަމުން އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ. އަސަރާ އެކުގައެވެ.

"އަހަރެން މިއަދު މިއައީ ޝަރާގެ ގާތުގަ އިންތިހާއަށް ރޮއިފަ.. އެ ލޯތްބަށް އެދި އާދޭސް ކޮށްފަ.. ޝަރާ މިއަދު މަންމައަށްޓަކާ އަހަރެން ދޫކޮށް ދިޔަ ނަމަ، މަންމަގެ ކުރިމަތީގަ އޮންނާނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު.." އަޔާޒްގެ ވާހަކަތަކުން ޒީމާއަށް ވެސް ބުނެދޭން ނޭނގޭ ހިތްދަތިކަމެއް ލިބެމުން ދިޔައެވެ. އަޔާޒްގެ ފުރާނައަށް އެއްވެސް ދެރައެއް ލިބުން އެއީ ޒީމާ އެދޭ ގޮތެއް ނޫނެވެ. އެއީ ޒީމާއަށް ވެސް ކެތްވާނެ އިމްތިޙާނެއް ނޫނެވެ.

"ދަރިފުޅާ.." 

ޒީމާގެ އަޑު ކަރު ތެރެއިން ނުކުތީ ހަނި ގޮތަކަށެވެ. އެ އަޑުގައި ތާށި ކަމެއް ވެއެވެ.

"ހުއްޓާލާ! ޒީމާ ހުއްޓާލާ!" 

ޔޫސުފްގެ އަޑު ބާރު ވެގެން ދިޔައެވެ. ކުއްލިއަކަށް ޔޫސުފް އެހާ ބާރަށް ހަޅޭލަވައިގަތުމުން އަޔާޒް އާއި ޒީމާ ސިހުނެވެ. ކޮޓަރި ތެރޭގައި އޮތް އީމާ ވެސް ޔޫސުފް އަޑަށް ކޮޓަރިން ނުކުތެވެ.

"ދަރިފުޅާއޭ ކިޔަން މިއަދު ޒީމާ ލަދުގަންނަން ޖެހޭނެ.. ތީ ކޮންކަހަލަ މަންމަ އެއް؟ ދަރިންގެ އުފާތަކަށް އަހަރެން ވެސް ހުރައެއް ނާޅަން.. އެއީ އަހަރެންގެ ވެސް ދަރިންއޭ.." ޔޫސުފްގެ ދެލޯ ވީދައިގެންދާ ވަރަށް ބޮޑު ކޮށްގެން. ޒީމާއަށް ބަލަމުން ޒުވާބު ކުރާ ރާގެއްގައި އޭނާ ހަޅޭލަވައިގަތެވެ.

"އަހަރެން.. އަހަރެން... ޝަރާ އަކަށް އެއްވެސް ދެރައެއް ނުދެން.. އަހަރެން ވިސްނީ އަޔާޒްއާ ދޭތެރޭ.. އަޔާޒްގެ ދިރިއުޅުމާ ދޭތެރޭ.. އެއީ ހަމައެކަނި އަހަރެން ވިސްނާ ކަމަކީ...." ޒީމާ ރޮމުން ޔޫސުފަށް ރައްދު ދިނެވެ.

"ހުސް ދޮގު.. ތީ ކަނޑައެޅިގެން މުޅީން ދޮގު.. މުދަލާ ފައިސާއަށް ދަހިވެތި ވެގެން އުޅެނީ ޝަރާއެއް ނޫން.. ޒީމާ ތިއުޅެނީ އެ ދަހިވެތިކަމުގަ.. ބެސްޓް ފްރެންޑާ އޮންނަ ގުޅުން ވަރުގަދަ ކުރަން ދަރި ވިއްކާލަން ވެސް ޒީމާ ފަސް ނުޖެހޭނެ.. އެހާ އަމިއްލަ އެދުން ބޮޑު މީހެއް ޒީމާ އަކީ.. އެކަން ޒީމާ ތި ސާބިތު ކޮށްދިނީ.." ޔޫސުފްގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ޒީމާގެ ކުރިމަތީގައި ހުރެ ޒީމާ ފުކަކަށްވާ ވަރަށް ޔޫސުފް ހަޅޭލަވަމުން ގެންދިޔައެވެ. އޭނާގެ ދަރީންގެ ހާޟިރުގައެވެ.

ޒީމާ އަށް މަޑުމަޑުން ރޮވޭ ގޮތް ވިއެވެ. ދޫ ހަރަކާތްކޮށްލަން ޒީމާ ބޭނުންވީ އަދިވެސް އޭނާގެ ވިސްނުން ހާމަކުރުމުގެ ނިޔަތުގައެވެ.

"އަހަރެން މި ބުނަނީ... އަހަރެންނަށް މުހިންމީ އަޔާޒް.. އަހަރެންގެ ދަރިފުޅު.. ޝަރާ އަކީ ދަރިފުޅަށް އެންމެ ރަނގަޅު ޗޮއިސްއެއް ނޫން.." އަޔާޒްއަށް ބަލައިލަމުން ޒީމާ އެހެން ބުނުމާ އެކު، އަޔާޒް ނުރުހިފައި އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ.

"އަދިވެސް ޒީމާ ތި ސާބިތު ކޮށް ދެނީ ޒީމާގެ އަސްލު ސިފަ.. އަހަރެން މިއަދު ވަރަށް ލަދުގަނެއްޖެ.." ޔޫސުފް ގޮސް ހުއްޓުނީ އަޔާޒް އާއި އީމާގެ ކުރިމަތީގައެވެ.

"ބައްޕަގެ ދެ ދަރީން ތި ތިބީ ބޮޑުވެފަ... ދަރިފުޅުމެން ބައްޕައަށް ހިތްބަރު ކަމެއް ނުބާއްވާތި.. މަންމަ ގާތުގަ ބައްޕަ ބުނިން.. އަޔާޒްގެ ކައިވެންޏަށް ހުރަސް އެޅޭ ކަމެއް ކޮށްފިނަމަ، އަހަރެން ޒީމާ ވަރިކުރާނަމޭ.." ޔޫސުފްގެ ޖުމުލައާއެކުގައި އަޔާޒް އާއި އީމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއާއި އެކުގައި މުޅި ތަނަށް އައީ ހިމޭން ކަމުގެ ސިކުންތު ތަކެކެވެ. ނޭވާ ހިފަހައްޓާލައިގެން ޒީމާ ހުރީ ދެއަތް ދެއަތާ ކާއްތާލަ ކާއްތާލައެވެ.

"އެހެންވީމާ.. ޒީމާ.. ޒީމާ ތިހުރީ ވަރިކޮށްފަ!" ޔޫސުފްގެ ދެ ދަރީންގެ ކުރިމަތީގައި ޔޫސުފް އޭނާގެ އަންހެނުން ވަރިކޮށްލިއެވެ. އަދި އަވަސް ހިނގުމެއްގައި ޔޫސުފް ހިނގާފައި ވަނީ ކޮޓަރިއަށެވެ. ލިބުން ހާސް ކަމުގައި އަޔާޒް އާއި އީމާ ހުރީ ދޫ ބަންދުވެ، ގަނޑުވެފައެވެ.

ޒީމާއަށް އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް ހިފަހައްޓާލެވުނީ ކުޑަ ހިނދުކޮޅަކަށެވެ. ބަޑި ފަޅައިގެން ގޮސް، ޒީމާއަށް އޭނާގެ މޫނުމަތީގައި އަތް އަޅާލެވުނެވެ. އަޑުން އަޑު ނަގާ ރޮމުން ޒީމާ ސިޓިންގރޫމަށް ޖެހެގަތެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.