ސޯލިހަށް އެޑްވައިޒަރުކަން ދިނީ އަޅުގަނޑު: ފައްޔާޒު

އެމްޑީޕީގެ އެތުރުމުގެ ހައިރާކީއާމެދު ލީޑާޝިޕުން މިހާރު ވާހަކަ ދައްކަން ދެކޮޅު ހެދިޔަސް އެއީ ކުރިއަށް އޮތްތާ ފުޅާކޮށް ބަހުސް ކުރެވޭނެ އަދި އަރައިރުން ވެސް ބޮޑުވާނެ މައްސަލައެކެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ރައީސް ސޯލިހް

އެމްޑީޕީގެ އެޑްވައިޒަރަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވާފައި ވަނީ ޗެއާޕާސަންގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅު ވެއްޖެ އެވެ.

ސޯލިހް އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގަ އެވެ. ނަމަވެސް ގައުމީ މަޖިލީހުން އެ މަނިކުފާނު އެ މަގާމަށް އައްޔަނު ކުރެއްވީ ރައީސަކު އިންތިހާބު ކުރެވެންދެން ވަގުތީ ގޮތުންނެވެ. އެމަނިކުފާނު އެ މަގާމަށް ހަމަޖެއްސެވީ ނޮވެންބަރު 24 ގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ގައެވެ. އެމްޑީޕީގެ ރައީސްގެ މަގާމު އޭރު ހުސްވީ ކުރީން އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވެސް އިސްތިއުފާ ދެއްވުމުންނެވެ.

ފަހުން އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެހެން ކަމުން ވޯޓެއް ނެތި އެމަނިކުފާނު ވަނީ އެ މަގާމަށް އިންތިހާބުވެފަ އެވެ.

އެމްޑީޕީގެ މަޖިލީސް ކެމްޕެއިން ފެށުމާއި އެ ޕާޓީގެ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ފެބްރުއަރީ 26 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައި ޕާޓީގެ އިސް ބޭފުޅުން ރައީސް ސޯލިހަށް މުހާތަބު ކުރެއްވީ ޕާޓީގެ އެޑްވައިޒަރުގެ ގޮތުގައެވެ. އޭގެ ފަހުން އެހެން ބައްދަލްވުންތަކާއި ކެމްޕެއިން ހަރަކާތްތަކުގައި ވެސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ އެ ހައިިސިއްޔަތުންނެވެ. ނަމަވެސް އެމަނިކުފާނު އެ މަގާމަށް ހަމަޖެއްސެވި ގޮތެއް ސާފުކޮށެއް ނުދެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމަކަށް ފަހު ބައްދަލްވުމުގެ މައިގަނޑު ބޭނުން ހާމަކޮށް ދިނުމަށް ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ރައީސް ސޯލިހަށް އެޑްވައިޒަރުގެ މަގާމު ދެއްވި ގޮތަކާއި އެމަނިކުފާނުގެ ހައިސިއްޔަތަކީ ކޮބައިތޯ ނޫސްވެރީން ސުވާލު ކުރި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ "އެއީ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމެއް ނޫން" ކަމަށެވެ. އެކަމަކު އެ ނިންމުމަކީ ޗެއާޕާސަނަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އޭނާ ނިންމަވާފައިވާ ނިންމުމެއް ކަމަށެވެ.

ގައުމީ މަޖިލީހުން ނިންމާފައި ވަނީ ރައީސް ސޯލިހްގެ ދައުރުގައި ހިމެނިވަޑައިގެން ކެބިނެޓް މިނިސްޓަރުން ގައުމީ މަޖިލީހުގެ މި ދައުރު ނިމެންދެން އެ ހައިސިއްޔަތުގައި ދެމި ތިއްބެވުން ކަަމަށް ވިދާޅުވި އެވެ. އެހެން ކަމުން ރައީސް ސޯލިހާއި އެ މަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގެން އެމްޑީޕީގެ ހުރިހާ ވަޒީރުން ގައުމީ މަޖިލީހުގެ މި ދައުރު ނިމެންދެން މެންބަރުންގެ ގޮތުގައި ދެމި ތިއްބަވާނެ ކަަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ހައިރަާކީ އޮތް ގޮތަކީ ކޮބައިތޯއާ އެޑްވައިޒަރެއްގެ ހައިސިއްޔަތުން ސޯލިހް ހިމެނިވަޑައިގަންނަވަނީ ލީޑާޝިޕްގެ ކިހާ އިސް ބޭފުޅެއްގެ ގޮތުގައިތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެ ސުވާލަށް ސާފު ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ ޕާޓީގެ ލީޑާޝިޕަށް އިރުޝާދާއި މަޝްވަރާ ދެއްވާނެ ކަމަށާ ރައީސް ސޯލިހަކީ އެމްޑީޕީއަށް ވަރަށް މުހިންމު ބޭފުޅެއް ކަމަށެވެ. ދެން ވިދާޅުވީ ޕާޓީގެ ހައިރާކީ އޮތް ގޮތް އާންމު މެންބަރުންނަށް އޮޅުމެއް ނެތް ކަމަށެވެ.

ރައީސް ސޯލިހަށް އެޑްވައިޒަރުގެ ގޮތުގައި މުހާތަބު ކުރެވުނު ފުރަތަމަ ޖަލްސާ ގައި އެމަނިކުފާނު ވަނީ އެމްޑީޕީގެ ލީޑާޝިޕް ގައި ހުންނަވާނެ ކަމަށާ ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއް ގައި ކުރިއަށް ނިކުމެ ޕާޓީ ތަރުތީބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކު އެމްޑީޕީގެ އިސް މަގާމުތަކުގައި ބައިވެރިވުން ކަމަށެވެ. އަދި ވިދާޅުވީ ދެމި ހުންނަވާނީ އެމްޑީޕީގައި ކަމަށާ ޕާޓީގެ ލީޑާޝިޕް ގައި ދެމި ހުންނަވާނެ ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް އަޅުގަނޑު މިރޭ ވެސް ޔަގީންކޮށް އަރުވަނީ އަޅުގަނޑު މި ޕާޓީގައި ހުންނާނަން. ލީޑާޝިޕް ގައި އަޅުގަނޑު ހުންނާނަން އިރާދަ ކުރެއްވިއްޔާ. މި ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއް ގައި ކުރިއަށް ނިކުމެ އަނެއްކާ ވެސް ތަރުތީބު ކޮށްލުމަށް އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން،" ސޯލިހް ވިދާޅުވި އެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި -- ނޮވެންބަރު 17، 20218 އިން ނޮވެންބަރު 17، 2023 އަށް ރައީސް ސޯލިހް ހުންނެވީ އެމްޑީޕީގެ އިސް ލީޑަރުގެ މަގާމުގަ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހައިސިއްޔަތުން އެ މަގާމުގައި ހުންނަވާއިރު ލިބިވަޑައިގަންނަވާ މަގާމެކެވެ.

އޭގެ ފަހުން ނޮވެންބަރު 24، 2023 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމީ ރައީސް ސޯލިހް އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ބެހެއްޓުމަށެވެ. އާ ރައީސަކަށް އަބްދުﷲ ޝާހިދު އިންތިހާބު ކުރުމުން އެ ދައުރު ހަމަވީ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސް ދައުރެއް އޮންނަނީ ޗެއާޕާސަން އަށެވެ. އަދި ރައީސަށް ވެސް ހާއްސަ ދައުރެއް އޮވެ އެވެ. މީގެ ކުރީން އެ ޕާޓީގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅަކާ ޗެއާޕާސަންއާ ހާއްސަ ގުޅުމެއް އޮވެ އެވެ. އެހެން ކަމުން ބާރުގަދަ ވެފައި ވަރުގަދަ ކަމަށް ބޭރަށް ފެންނަނީ ރައީސްގެ މަގާމެވެ. ނަަމަވެސް މިހާރު އެ ގޮތް ތަފާތެވެ. 

އެމްޑީޕީގެ އެތުރުމުގެ ހައިރާކީއާމެދު ލީޑާޝިޕުން މިހާރު ވާހަކަ ދައްކަން ދެކޮޅު ހެދިޔަސް އެއީ ކުރިއަށް އޮތްތާ ފުޅާކޮށް ބަހުސް ކުރެވޭނެ އަދި އަރައިރުން ވެސް ބޮޑުވާނެ މައްސަލައެކެވެ. އެކަމުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ގަދައަށް ވާދަކޮށް އެ ބޭފުޅެއްގެ ވިސްނުން ކުރިއަރުވަން މަަސައްކަތް ވެސް ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.