ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް: ރައީސް

"ސަރުކާރުގެ މި އުންމީދީ މަސައްކަތްތަކާއެކު އިރާދަކުރެއްވިއްޔާ ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެކެވެ. ތިޔާގިކަމުގެ އެތައް ފުރުސަތެކެވެ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެބިނެޓް ބައްދަލްވުމަށް ވަޑައިގަންނަވަނީ
  •  އެންމެ އިސްކަން ދެނީ އަމިއްލަ ކުންފުނިތަކުގެ ދަރަނި އަދާކުރުމަށް
  •  މަސްވެރީންނަށް ނުދީ ހުރި ފައިސާ ދިނުމަށް
  •  މުވައްޒިފުންގެ މުސާރަ ބޮޑުކޮށް ދޭނެ
  •  ލުއި ލޯނުގެ ފުރުސަތު ތަނަވަސްކޮށް ދޭނެ
  •  އެންމެނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށް ދޭނެ

މަސައްކަތްތެރީންނަށް ފަހި ފުރުސަތުތައް ތަނަވަސް ކޮށް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބު ގައެވެ.

މޭޑޭގެ ހިތާބުގައި ރައީސް ވިދާޅުވީ ދިވެހި ސަރުކާރު ހިންގުމާ އެމަނިކުފާނު ހަވާލުވެވެވަޑައިގެންނެވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސް ކަމަކީ މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުން ކަމަށާ ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9000 މިލިއަނަށްވުރެ ގިނަ މަސައްކަތު ބިލުތަކުގެ ދަރަންޏާއި، އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކަން ޖެހޭ ވެސް މިފަދަ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި އޮތް ކަމަށެވެ.

"މިކަމުގެ ނަތީޖާއެއްގެ ގޮތުން މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި ހިންގުމުގެ ހަރަދުތައް ނުކުރެވި ގައުމުގެ އިގްތިސާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައެވެ،" 

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން ދަނީ ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމާއު މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާ އެއްދީ ގައުމުގެ އިގްތިސާދީ ލޭނާރު ހިމާޔަތް ކުރުމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސިވިލް ސާވިސް އާއި ސިއްހީ ހިދުމަތް ފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުމަށް ފަހު މަސައްކަތާ ފެޔަށްޖެހިފައިވާ އެތައް ހިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެމުންދާ ކަމަށެވެ.

"އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ހިދުމަތް ކުރެވޭނޭ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާ ވިޔަނުދީ އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު މިހާރު މިދަނީ ހޯދައިދެމުންނެވެ،"

ރައީސްގެ ހިތާބު ގައު މަސައްކަތްތެރިކަން އުނގަންނައިދިނުމާއި އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ. ގައުމަށް މަންފާ ހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށާ ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށް އާއިލާތަކުން ފުދުންތެރިކަން އިތުރު ކުރުމަށް ފަސޭހަ ކޮށްދެއްްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސަރުކާރުގެ އެކި ހިދުމަތްތަކު ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށައިފައިވާ ކަމަށެވެ. ގައުމުގެ އިގްތިސާދު ގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫން ކަމަށާ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދާން ޖެހޭ ކަމަށް ވެެސް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރު މުވައްޒަފުންގެ އިތުރުން އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތް ކުރާ މަސައްކަތްތެރީންނަށް ވެސް ބޯހިޔާވަހިކަމުގެ ސްކީމްތައް ތައާރަފު ކުރުން މުހިންމު ކަމުގައި ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ. މަސައްކަތުގެ މާހައުލުގެ ރައްކައުތެރި ކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުމާއި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމުކަން ފާހަގަ ކުރައްވާ އެ ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައި ކަމުގައި ވިދާޅުވި އެވެ،

ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅައިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހަލުކުރެވޭނީ ގިނަ ދުވަހުން ހުއްޓުމެއްނެތި ބެލެހެއްޓުމާ އެކު ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން ކަމަށް ވެެސް ރައީސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭ ގައި ހިނގަމުންދާ އިގްތިސާދީ މަސައްކަތްތައް ފުޅާކޮށް އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށާ އައު އިންވެސްޓްމަންޓްތައް ކުރުމަށް ފަސް އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދޭނަމެވެ. ޓޫރިޒަމް ފުޅާކޮށް މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންކަން ތައާރުފުކޮށް ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި ލިބޭ އާމްދަނީ މަތިވަމުންދާނެއެވެ،"

ރައީސް ވިދާޅުވި ގޮތުގައި ބޮޑެތި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަގްވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެއަށް ތަޢާރަފު ކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުސަތު ލިބި ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެ އެވެ. މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުގެ މި އުންމީދީ މަސައްކަތްތަކާއެކު އިރާދަކުރެއްވިއްޔާ ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެކެވެ. ތިޔާގިކަމުގެ އެތައް ފުރުސަތެކެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.