ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މިއަހަރު ޑައިލިސިސްގެ ހިދުމަތް ފަށަނީ

މިނިސްޓަރު ވިދާޅުވީ މާލޭ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް، ހާއްސަކޮށް އައިޖީއެމްއެޗަށް އޮންނަ ބާރު ކުޑަ ކުރުމަށް އަތޮޅު ތެރޭގައި ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް: ހުރިހާ އަތޮޅެއްގައި މިއަހަރު ޑައިލިސިސްގެ ހިދުމަތް ފެށިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައި

ރާއްޖޭގައި ހުރި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މިއަހަރު ތެރޭގައި ޑައިލިސިސް ހިދުމަތް ފެށިގެން ދާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލޭ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް، ހާއްސަކޮށް އައިޖީއެމްއެޗަށް އޮންނަ ބާރު ކުޑަ ކުރުމަށް އަތޮޅު ތެރޭގައި ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެގޮތުން، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ނެތް ހިދުމަތްތައް ތައާރަފް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެތެރޭގައި އެމްއާރްއައި ހެއްދުމާއި، ސީޓީ ސްކޭންގެ ހިދުމަތުގެ އިތުރުން ޑައިލިސިސްގެ ހިދުމަތް އަތޮޅު ތެރޭގައި ފުޅާ ކުރުމުން މާލެ އަށް އޮންނަ ބާރު ކުޑަވެގެން ދާނެކަން ފާހަގަކުރެއްވި އެވެ.

"އެކަން ހައްލު ކުރުމަށްޓަކާ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގަ ސިއްހީ ހިދުމަތް ފުޅާކުރުމަށްޓަކާ. ހާއްސަކޮށް ސެންޓާސްތަކެއްގަ. ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލްތަކުގެ ގޮތުގަ ފާހަގަ ކުރެވޭ ތަންތަން އެބަހުރި. އެތަންތަނުގެ ހިދުމަތް އަޕް ކުރުމުގެ މަސައްކަތާ ރަގަޅު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗްގެ ހިދުމަތްތައް ރަގަޅު ކުރުމަށް އެ ހޮސްޕިޓަލުން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބަލި މީހުން އެޑްމިޓްވެގެން ތިބޭ ތަންތަނުގައި ޕްރައިވަސީ ލިބޭނެހެން ކަންކަން އިންތިޒާމް ކުރުމުގެ ޕްލޭނެއް ހަދައިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ. 

އައިޖީއެމްއެޗަށް ބާރުބޮޑުވަނީ ރާއްޖޭގައި އެކަށީގެންވާ ޑޮކްޓަރުން ނެތިގެންނާއި މާލެއަށް އާބާދީ ޖަމާވަމުންދާތީ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުގައި ހުރި ހިދުމަތްތައް ރަގަޅުކޮށް އަދި އަތޮޅު ހޮސްޕިޓަލްތަކުގައި ނެތް ހިދުމަތްތައް ތައާރަފް ކުރުމުން މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

އަތޮޅު ތެރޭގެ ބައެއް ހިސާބުތަކުގައި މިހާރުވެސް ޑައިލިސިސްގެ ހިދުމަތް ދެއެވެ. އޭގެ ތެރޭގައި ރ. އުނގޫފާރު ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލާއި ޅ. އަތޮޅު ހޮސްޕިޓަލް ހިމެނެ އެވެ.

ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ކިޑްނީއަށް ފަރުވާ ދިނުމުގެ ގޮތުން ޑައިލިސިސް ހަދަން ޖެހެ އެވެ. މިއީ ވަރަށް ވަގުތުވެސް ދާ ކަމެކެވެ. އެހެންކަމުން މި ހިދުމަތް އަތޮޅުތެރޭގައި ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.