މަގުތަކުގައި ޖެހި އީދު ގިޑިގެތަކާއި ބޮކިތައް ނަގަން ފަށައިފި

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ބޮޑެތި ސިޓީ އަދި ރަށްތަކުގެ މަގުތަކުގައި ކުލަ ބޮކިތަކާއި ގިޑިގެތައް ޖެހި އެވެ.

އީދު ފާހަގަ ކުރަން މާލޭގެ މަގެއް ކުލަބޮކިން ދިއްލާފައި -- ފޮޓޯ: ދަ މިރާ

ކުޑަ އީދު ފާހަގަ ކުރަން މާލެއާ އަތޮޅުތަކުގެ ބޮޑެތި ރަށްތަކާއި ސިޓީ ތަކުގެ މަގުތަކުގައި ޖެހި ގިޑިގެތަކާއި ކުލަބޮކިތައް ނެގުމުގެ މަސައްކަތަށް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވާކްސް އިން ބުނެފި އެވެ. 

މި ތަކެތީގެ ތެރެއިން މިހާތަނަށް ނުނަގާ ހުރި ތަކެތި ނަގަން ފެށި އިރު އީދު ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގެ އެއާޕޯޓު ސަރަހައްދުގައި ޖަހާފައި ހުރި ގިޑިގެއެއް ވެއްޓިފައި އޮއްވައި، އޭގައި ޖެހި އިއްޔެ ޒުވާނަކު އެކްސިޑެންޓެއް ވެފައެވެ. 

ލޯކަލް ގަވަމެންޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ރަޝީދު މިއަދު "މިރާ" އަށް ވިދާޅުވީ، އެތަކެތި ނެގުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާކަމަށެވެ. 

"މިހާރު ނަގަން ފަށާފައި ހުންނާނީ އެ އެއްޗިހިތައް [އީދަށް މަގުތަކުގައި ޖެހި ގިޑިގެތަކާއި ކުލަބޮކިތައް]، މިހާރު އެ މަސައްކަތް ކުރިއަށް ދަނީ އިނގޭތޯ" ރަޝީދު ވިދާޅުވި އެވެ. 

ރަޝީދު ވިދާޅުވީ ކުރިއަށް އޮތް އީދެއްގައި ވެސް ބޭނުން ކުރާނީ މިފަހަރު ގެނައި ތަކެތި ކަމަށެވެ. 

"ދެން އީދެއްގައި ވެސް ހަމަ އެތަކެތި ބޭނުންކުރާނީ، މިހާރު އެގޮތަށް ކައުންސިލްތަކަށް އިރުޝާދު ދެވިފައި ވާނީ" ރަޝީދު ވިދާޅުވި އެވެ. 

އީދަށް މަގުތައް ޒީނަތްތެރިކުރީ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެނެވެ. މިހާރު އޭގެ ފަހުން ގިނަ ދުވަސްތަކެއް ވެފައިވާއިރު، ބައެއް ބޮކިފަތިތައް ހަލާކުވެފައި ވެސް އެބަހުއްޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.