ވާރުތަވީ ލޯނު ދައްކަން އެއް ބިލިއަނާ ގާތް ރެކޯޑު ހޭދައެއް

ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. ރާއްޖޭން ކުރިއަށް އޮތް 4-3 އަހަރުތެރޭ ލޯނަށް 9.21 ބިލިއަން ރުފިޔާ ހޭދަ ކުރަން ޖެހޭނެ އެވެ.

ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ދަރަނިތައް އަދާ ކުރަން މަސައްކަތް ކުރައްވާ

ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލޯނު ނެގި ފަސް އަހަރަކީ މިދިޔަ ފަސް އަހަރެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ދައުލަތުގެ ދަރަންޏަށް އިތުރުވި އަދަދާއެކު މިހާތަނަށް ސަރުކާރު ތަކުން ނަގާފައިވާ "ވާރުތަވީ ލޯނު" ތައް ދައްކަން މި ސަރުކާރުގައި މިހާތަނަށް ރެކޯޑް އަދަދަކަށް ވަނީ ފައިސާ ދައްކާފަ އެވެ؛ ދެއްކި އަދަދުތައް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާއާ ގާތް ކުރެ އެވެ. 

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވްލޮޕްމަންޓް (ޑަބްލިއުއެފްޑީ) ނުވަތަ ހަފުތާގެ ހަރަދާއި އާމްދަނީގެ ކަރުދާސް ދައްކާ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދައްކަން ހަރަދު ކުރި އަދަދު މިދިޔަ އަހަރަށްވުރެ 98 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. 

ލޯނަށް ހަރަދު ކުރަމުން ގެންދާ ގޮތް

  •  ލޯނު ދައްކަން ދީފައިވާ ބަޖެޓް - 2,202.4 ބިލިއަން
  •  މިދިޔަ އަހަރު މިހާތަނަށް ދެއްކި އަދަދު - 822.6 މިލިއަން
  •  މި އަހަރު މިހާތަނަށް ދެއްކި އަދަދު - 921.2 މިލިއަން

ލޯނު ތަކަށް ދައްކާ އަދަދު އިތުރުވެފައި ވާއިރު، މި އަހަރުގެ ބަޖެޓުން ކުރަމުން ގެންދާ ހަރަދު ވަނީ ސަރުކާރުން މަޑުޖައްސާލާފަ އެވެ. ހަރަދު މަޑު ޖައްސާ ލުމާއެކު މިދިޔަ އަހަރުގެ މިހާތަނަށް ޖުމްލަ ހަރަދު 15 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް މިހާރު މި އަދަދު ހުރީ ތިން ބިލިއަން މަދުކޮށް 12 ބިލިއަން ރުފިޔާގަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް ބަޖެޓުގެ ދަރަނި ވަނީ ހަތަރު ބިލިއަން ރުފިޔާ އިން 1.2 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. 

ދިވެހި ރާއްޖޭގެ ދައުލަތް ނަގާފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ ބޭރު ދަރަނީގެ 11 ޕަސެންޓަކީ ބައިލެޓްރަލް ގުޅުންތަކާއެކު އެހެން ގައުމުތަކުގެ ސަރުކާރުތަކުން ނަގާފައިވާ ލޯނެވެ. ބޭރު ގައުމުތަކުގެ ސަރުކާރު ތަކަށް ދައްކަން ޖެހޭ ދަރަންޏެވެ. މިދިޔަ މެއި މަހުގެ ނިޔަލަށް އާއްމު ކޮށްފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި:  

ބޭރުގެ ދަރަނި ބެހިގެންގޮސްފައިވާ ގޮތް

  •  ބަޔާސް ކްރެޑިޑްސް (ކޮންޓްރެކްޓާ ފައިނޭންސިން) 37 ޕަސެންޓް
  •  ބޮންޑް ހޯލްޑަރުންގެ ދަރަނި 28 ޕަސެންޓް
  •  މަލްޓިލެޓްރަލް އެޖެންސީ (ބޭރުގެ އެޖެންސީތައް) 19 ޕަސެންޓް
  •  ބައިލެޓްރަލް (ބޭރުގެ ގައުމުތަކުގެ ސަރުކާރުތަކުގެ ދަރަނި) 11 ޕަސެންޓް
  •  ޕްރައިވެޓް (އަމިއްލަ ފަރާތްތަކުގެ ދަރަނި) ފަސް ޕަސެންޓް

ރާއްޖޭގެ ދަރަނީގެ 11 ޕަސެންޓް ހިއްސާ ކުރަނީ ސީދާ ބޭރުގެ ސަރުކާރުތަކުން ނަގާ ދަރަންޏެވެ. މި ބައިގައި ހިމެނެނީ އިންޑިއާ އާއި ޗައިނާ އަދި ޖަޕާންގެ އިތުރުން ޔޫއޭއީ ފަދަ ގައުމުތަކެވެ. ކުރިން ދިވެހި ސަރުކާރުން ޗައިނާއިން ގިނަ ލޯނު ތަކެއް ނެގި ނަމަވެސް ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ލޯނުތައް ނަގާފައި ވަނީ އިންޑިއާއިންނެވެ. މިހާރު އިންޑިއާގެ ދަރަނި ދެ ބިލިއަން ޑޮލަރަށްވުރެ މަތިވެފައިވާ ކަމަށް ހިސާބު ތަކުން ކަށަވަރު ވެއެވެ. 

ރާއްޖޭގެ ލޯނުތަކުގެ ތެރޭން ދިގު މުއްދަތަށް ބަލާއިރު ކުރިއަށް އޮތް 10 އަހަރަށް ވުރެ ގިނަ ދުވަހުން ދައްކަން ޖެހޭ ލޯނުގެ ނަމްބަރަކީ 17.67 ބިލިއަން ރުފިޔާ އެވެ. އަދި ކުރިއަށް އޮތް 4-3 އަހަރާ ދެމެދު 9.21 ބިލިއަން ރުފިޔާ ލޯނަށް ދައްކަން ޖެހެ އެވެ. އަދި ފަސް 10-5 އަހަރާ ދެމެދު 3.69 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. 

މިދިޔަ އަހަރުގެ ނިޔަލަށް ދަރަނި

ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ ސަރުކާރުން 2020 އިން ފެށިގެން 21 ލޯނެއް ވަނީ ނަގާފަ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 115.90 ޕަސެންޓެވެ. މީގެތެރޭގައި ސޮވްރިން ގެރެންޓީތައް ހިމަނައިގެން ބަލާނަމަ ބޭރުގެ ދަރަނި ހުރީ 51,1 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 73 ބިލިއަން ރުފިޔާގަ އެވެ. އަދި ސޮވްރިން ގެރެންޓީގެ ސަބަބުން ދަރަންޏަށް 14 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ދަރަނި ދައްކަން 3,174.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.