24 ގަޑިއިރުތެރޭ އައްޑޫއަށް 167 މިލިލީޓަރުގެ ވާރޭ

މެޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ އަށެވެ.

ރޭ އައްޑޫ ސިޓީ ފޭދޫގައި ފެންބޮޑުވެފައި -- ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީގެ ގަމަށް 24 ގަޑިއިރުގެ ތެރޭގައި 167.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ އަށެވެ. ރާއްޖޭގެ އެހެން އެއްވެސް ހިސާބަކަށް 30 މިލިލީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ރޭ ވަނީ އައްޑޫގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައި ވާތީ ފެން ހިންދުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ މިއަދު ވެސް ދެކުނާއި މެދު އަތޮޅުތަކުގެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީވާ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.

އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން ދާއިރު އަދި ރާއްޖެއަށް ހުޅަނގު މޫސުން ނުފެށެ އެވެ. ހުޅަނގު މޫސުން ފެށޭނީ އަންނަ މަހުގެ ކުރީކޮޅު އެވެ. ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި ފެންނަން ފަށާނީ މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާ އެވެ. އެންމެ ފުރަތަމަ ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށާނީ ދެކުނުގެ އަތޮޅުތަކަށެވެ. އޭގެ ފަހުން މެދުރާއްޖެތެއަށް ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.