ފޮނަދޫއާ ގަން ސިޓީއަކަށް ބަދަލުކޮށް އެންމެ ތަރައްގީ ސިޓީއަށް ހަދާނަން: ފައިސަލް

"އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބެއް ގައި މިތަނުގައި [ފޮނަދޫއާ ގަމުގައި] ބޭއްވޭނީ މޭޔަރު ކަމުގެ [ސިޓީ ކައުންސިލް] އިންތިހާބު. މިތަނުގައި އަޅުގަނޑުމެން އިންތިހާބު ކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،"

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ހައްދުންމަތީ ފޮނަދޫ އާއި ގަމަކީ ސިޓީ އަކަށް ބަދަލުކޮށް އެއީ ރާއްޖޭގައި އޮތް އެންމެ ތަރައްގީ ސިޓީއަށް ބަދަލުކޮށް ލައްވާނެ ކަމަށް ޒުވާން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ލާމުގެ ފޮނަދޫއަށް ނިސްބަތްވާ މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ މަޖިލީސް އިންތިހާބު ގައި ލާމުން ސަރުކާރަށް ދިން ތާއީދާއި ގުޅިގެން އުފާފާޅު ކުރުމަށް މިއަދު ބޭއްވި ސައިކަލް ބުރަށް ފަހު ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވަނީ އޭނާގެ ތަސައްވުރު ލާމާ މެދު އޮތް ވިދާޅުވެ ދެއްވާފައެވެ.

ވިދާޅުވީ ގުޅިފައިވާ ފޮނަދޫއާ ގަމަކީ ސިޓީއަކަށް ބަދަލު ވެގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އެ އުންމީދު ހާސިލުވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމުގައި ވެސް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ގައި ހައްދުންމައްޗަށް ހާއްސަ މަޝްރޫއުތައް ރޭވިފައިވާ ކަމަށާ ފޮނަދޫއާ ގަން ސިޓީއަކަށް ބަދަލު ކުރުމަށް އެ މަޝްރޫއުތައް މަގު ކޮށައިދޭ ކަމަށެވެ.

އެ ގޮތުން ސިއްހީ ހިދުމަތް ތަރައްގީ ކުރެވި ގެދޮރުވެރިކަން ކަށަވަރު ކުރެވިފައިވާ ދެ ރަށަށް އެ ދެ ރަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ހައްދުންމައްޗަކީ ޓޫރިޒަމްގެ ބޮޑު ސަރަހައްދަކަށް ބަދަލު ކުުރުމުގެ މަޝްރޫއުއެއް ވެސް ސަރުކާރުން ހިންގަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ބަރެސްދޫ މަޝްރޫއު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ވަން އައިލެންޑް ކޮންސްޕެޓްގެ ދަށިން އިތުރު ރިސޯޓްތަކެއް އެ އަތޮޅުގައި ތަަރައްގީ ކުރެވޭނެ ކަމަށެވެ.

އޭގެ ފަހުން ވިދާޅުވީ ދެން އޮންނަ ލޯކަލް ކައުންސިލް އިންތިހާބެއްގެ ކުރީން އެ ދެ ރަށަށް ސިޓީއެއްގެ ދަރަޖަ ލިބޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބެއް ގައި މިތަނުގައި [ފޮނަދޫއާ ގަމުގައި] ބޭއްވޭނީ މޭޔަރު ކަމުގެ [ސިޓީ ކައުންސިލް] އިންތިހާބު. މިތަނުގައި އަޅުގަނޑުމެން އިންތިހާބު ކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،" ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ފައިސަލްގެ ބައްޕާފުޅު އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި ހަރަކާތުގަައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.