ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 18

އަހަރެން.. އަހަރެން.. އަޔާ ދޫކޮށްލާނަން މަންމާ.." ޝަރާގެ ދުލުން ކުދިކުދި ވަމުން ދިޔަ ލަފުޒުތައް ޒީމާގެ ކަންފަތުގައި ޖެހުނީ ހިތްގައިމު މިއުޒިކެއް ފަދައިންނެވެ. "ކީކޭ ދަރިފުޅާ؟" ޒީމާ އުފަލުން ފޮޅިގެން ހުރެ ފަހަތް ބަލައިލިއެވެ.

- އެޕިސޯޑް 18 –

ޝަރާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދަނީއެވެ. އޭނާގެ ހިތަށް އަރާފައިވާ ދިލަ ތަދުގެ ވޭން ބަޔާން ކުރަން ވެސް އޭނާ އަށް ދައްޗެވެ. ޝަރާ ކަޅި ޖަހާ ނުލައި ބަލަމުން ދިޔައީ ޒީމާގެ މޫނަށެވެ. ޒީމާއަށް ވަގުތުން އޭނާގެ ތުންފަތަށް ފައުޅުވެފައިވާ ހިނިތުންވުން ފޮރުވާލެވުނެވެ.

"ކީކޭ ދަރިފުޅާ؟ މަންމަގެ ކަންފަތުގަ މި ޖެހުނީ ކޮން ލަފުޒެއް ތަ؟ އެއީ ޙަޤީޤަތެއްތަ ދަރިފުޅާ؟ އަޅެ ބުނެ ބަލަ!" ޒީމާ ގޮސް ހިފާ ތަޅުވާލީ ޝަރާގެ ދެއަތެވެ.

ހިތް ކުދިކުދިވަމުންދާ ޙާލުގައި ޝަރާ ބޯޖަހާލީ އާނއެކޭ ބުނާ ފަދަ ބީދައަކުންނެވެ. ޒީމާއަށް ހީވީ ދުނިޔެ ރަންވި ހެންނެވެ. އުފަލުން އޭނާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. ޝުކުރުގެ ޙަމުދެއް ޒީމާ އަޅާލީ ޝަރާގެ ކުރިމަތީގައެވެ. ޝަރާއަށް ވަރަށް އަސަރު ކުރިއެވެ. ހިތަށް ވަރަށް ވޭނީ އުދާސްތަކެއް ލިބުނެވެ.

"ދަރިފުޅާ! ދަރިފުޅު ތި ސަލާމަތް ކޮށްދިނީ މަންމަގެ ފުރާނަ. މުޅި އުމުރު ތި ހެޔޮކަން، ތި ވީ ޤުރުބާނީ ހަނދާނުގަ ބަހައްޓާނަން.. މަންމަގެ ދުޢާ އަކީ ދަރިފުޅަށް ވެސް ދަރިފުޅުގެ ފެންވަރުން އުފާޥެރި ދިރިއުޅުމެއް ލިބުން.." ޒީމާ ކޮޓަރިން ނުކުމެގެން ދިޔައީ އެންމެ ފަހު ވަގުތުގައި ވެސް ޝަރާއަށް އޭނާގެ ފެންވަރު ހަނދާންކޮށްދެމުނެނެވެ.

ޒީމާ ކޮޓަރިން ނުކުތުމާއެކުގައި ޝަރާއަށް "ޕާސް" ކިޔާފައި ރޮއިގަނެވުނެވެ. އެނދުމައްޗަށް ބަންޑުން ވެއްޓިގަންނަމުން ގިސްލާ ރޯން ފެށީ ވަރަށް ވޭނީ ގޮތަށެވެ. ޝަރާއަށް އޭނާގެ ނޭވާ ހުއްޓުން ކަހަލައެވެ. ދިރިއުޅުމަށް ދުށް ހުވަފެންތަކާ ފުރަގަސްދީ، ފަހަތަށް ހިނގައިގަންނަން އޭނާއަށް މަޖުބޫރު ވީއެވެ. ޝަރާގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. ވެވުނު އަލަތު ލޯތްބާ ދުރުވާން ޖެހުނީ ކައިވެނީގެ މަންޒިލަށް ބަނދަރު ކުރަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ.

މިއީ އެއްވެސް ޙާލެއްގައި ޝަރާއަށް ފަސޭހަ އިމްތިޙާނެއް ނޫނެވެ. އޭނާއަށް އަޔާޒްއާ ދުރުވާން އެއްބަސް ވެވުނީ އޭނާ ހީކުރި ވަރަށް ވުރެ މާ ފަސޭހައިން ކަމުގައި ވިޔަސް، މި އިމްތިޙާނުގައި ޝަރާއަށް ދަތުރު ކުރަން ޖެހޭ ރާސްތާ ވަރަށް އެކަނިވެރިއެވެ. އަދި އެހާމެ ހިތްދައްޗެވެ. އެއީ ޔަޤީންކޮށް ވެސް ޝަރާއަށް އަނދިރި، ވޭނީ އިމްތިޙާނީ ދަތުރަކަށް ވެގެން ދާނެއެވެ. ނަމަވެސް ކެތްކުރުން ނޫން އިތުރު ގޮތެއް ޝަރާއަކަށް ނެތެވެ. އަޔާޒްގެ މަންމަގެ ފުރާނައިގެ އަގަށްޓަކައި ޝަރާއަށް އޮތީ ފަހަތަށް ޖެހިލުމެވެ.

ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޝަރާ ނެގީ އޭނާގެ ފޯނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޝަރާ ބޭނުންވީ އަޔާޒަށް މެސެޖެއް ފޮނުވާށެވެ. އެވަގުތު ޝަރާގެ ބޮލަށް މިދޭތެރެއިން ކުއްލި ކުއްލި އަށް އަރާ ތަދު މަޑުމަޑުން ސަވާރު ވަމުން ދިޔައެވެ. ނަމަވެސް ބޮލުގައި ދެއަތް ޖައްސާލުމަށްފަހު އަނެއްކާ ވެސް ފޯނު ނަގައި ޝަރާ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު ޝަރާ ބޭނުންވީ އޭނާގެ އިޙްސާސްތައް އަޔާޒަށް އަންގާލަދޭށެވެ.

"އަޔާ.. އަހަރެން ވަރަށް ކެތްކޮށްފިން.. ވަރަށް ބޮޑަށް ކެތްކޮށްފިން.. އެކަމު ދެން އަހަންނަކަށް ކެތެއް ނުވާނެ،.. ތަޤުދީރުގަ ވާން ނެތް ކަމެއް އަހަރެމެން ކިތަންމެ ބޭނުން ވިޔަސް ނުވާނެ. އެކަން ޤަބޫލު ކުރޭ! އަޔާ.. އަހަރެން ގޮތެއް ނިންމައިފިން... އަހަރެން ބޭނުމީ މިކައިވެނި ނުކުރަން.. ޕްލީޒް އަޔާ... އަހަންނަށް އިތުރަށް މިކަމުގަ އުނދަގޫ ނުކުރޭ! އަހަރެން ވަރުބަލި ވެއްޖެ.. އަހަރެން މިއަދު ބޭނުމީ އަޔާއާ ދުރަށްދާން.. ވަރަށް ބޮޑަށް ދުރަށް ދާން.. އަހަރެން މާދަން ރަށަށް ދާނަން.. އަހަރެންނަށް ހުރަސް ނާޅާތި، ޕްލިޒް.." ޝަރާ ރޮމުން އިނދެ މެސެޖު ލިޔެ ނިންމާލިއެވެ. އަދި ދަތި ގޮތަކަށް ނޭވާއެއް ދޫކޮށްލަމުން އެ މެސެޖް އަޔާޒަށް ފޮނުވާލިއެވެ.

ދެބަ ނިދީގައި އޮތް އަޔާޒަށް އޭނާގެ ދެލޯ ވަގުތުން ހުޅުވާލެވުނެވެ. އޭނާގެ ފޯނުގެ ޑިސްޕްލޭ ދިއްލުމާއެކުގައި އައި ނޮޓިފިކޭޝާންގެ އަޑުންނެވެ. ދެލޯ ކުޑަކޮށް ހުޅުވާލަމުން އަޔާޒް ބަލައިލީ ފޯނަށެވެ. ފަރުވާ ކުޑަ ގޮތަކަށް އަޔާޒް ހުޅުވާލީ އޭނާގެ ފޯނުގެ އިންބޮކްސްއެވެ. ޝަރާގެ ދިގު މެސެޖެއް ފެނުމާ އެކުގައި ފުންމައިގެން އަޔާޒް އެނދުން ތެދުވިއެވެ. އެއްކޮށް ނިދި ފިލާ މީހާ މުޅިން "އެކްޓިވް" ވި ފަދައެވެ.

މެސުޖުގައި ލިޔެފައިވާ ކޮންމެ ލަފުޒަކުން އަޔާޒްގެ ހިތަށް ދިޔައީ ކުދި ލޮޅުންތައް އަރަމުންނެވެ. އަޔާޒަށް ކޮޅަށް ތެދުވެވުނެވެ. މެސެޖު ކިޔަމުން ކޮޓަރީގެ ދެކޮޅަށް ހިނގަން ފެށުނެވެ. މެސެޖު ކިޔާ ނިމުން އިރު އަޔާޒްގެ ހަށިގަނޑަށް ވަނީ ވަރަށް ހޫނުވެފައެވެ.

"ނޫން... ނޫން.. އެހެން ނުވާނެ.. ޝަރާ.. ނޫން.." އަޔާޒް ވަރަށް އަވަހަށް ގަޔަށް ޓީޝާޓު ހެޔޮވަރުކޮށްލަމުން ޖިންސު ލިއެވެ. ޖިންސުގެ ގޮށްތައް އަޔާޒް އަޅުވަން ފެށީ ވެސް ކޮޓަރިން ނުކުތުމަށް ފަހުގައެވެ. ދުވެފައި ކަހަލަ ގޮތަކަށް އަޔާޒް ގެއިން ނުކުތެވެ. ސައިކަލަށް އަރާ މުށްގަނޑު ފެލާލީ ވީ އެންމެ އަވަހަކަށް ޝަރާއާ ބައްދަލު ކުރުމަށެވެ. އޭރު އަޔާޒްގެ ހިތް ހީވަނީ ހަށިގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.