ރައީސް އެންޑޯސްކުރި ކެންޑިޑޭޓުން ކޮންގްރެސްއަށް ސޮއިކުރައްވައިފި

ރައީސް އެންޑޯސްކުރި ހަ އަމިއްލަ ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. ވިހި ވަނަ މަޖިލީހަށް ހޮވި ވަޑައިގެންނެވި ބޭފުޅުން މެންބަރުކަމުގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ.

ރައީސް އެންޑޯސްކޮށްގެން އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރި އަމިއްލަ ކެންޑިޑޭޓުން ރައީސް ޑރ. މުއިއްޒުއާ އެކު؛ މި ކެންޑިޑޭޓުން ސޮއިކުރީ އިއްޔެ

މިދިއަ އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންތަކެއް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަނުގެ މައި ޕާޓީ، ކޮންގްރެސްއަށް ސޮއި ކުރައްވައިފި އެވެ. 

މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓަކު އިއްޔެ ކޮންގްރެސްއަށް ސޮއިކުރެއްވިކަން ހާމަކޮށްފައި ވަނީ އެ ޕާޓީގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށެވެ. 

ކޮންގްރެސްއަށް ސޮއިކުރި އިންތިހާބީ މެންބަރުން

  • 1.ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • 2.ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  • 3.އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • 4.އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • 5.ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
  • 6.ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ


މަޖިލިސް އިންތިހާބުގެ ކުރިން ޖެނުއަރީ 27 ގައި ކޮންގްރެސް އިން އެޕާޓީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމެރީއެއް ބޭއްވި އެވެ. އެ ޕްރައިމެރީގައި ވާދަކޮށް ޓިކެޓު ކާމިޔާބުކުރި ބައެއް މެންބަރުންނަށް އެ ޕާޓީއިން ތާއީދުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ތާއީދު ކޮށްފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށެވެ. 

ކޮންގްރެސްގެ ޓިކެޓު އޮތް ކެންޑިޑޭޓުން ތިއްބަވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ ޕާޓީގެ އިސްވެރިން އަމިއްލަ ކެންޑިޑޭޓުންގެ ކެމްޕޭންތަކުގައި ވެސް ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި ސަޕޯޓަރުންނަށް ވެސް ރައީސް މުއިއްޒު "އެންޑޯސް" ކުރައްވާ ކެންޑިޑޭޓުންގެ ގޮތުގައި ދައްކާފައި ވަނީ އެ ބޭފުޅުންނެވެ. 

މިކަމާ ގުޅިގެން ޓިކެޓު ލިބުނު ކެންޑިޑޭޓުންނާއި އިދިކޮޅުން ފަރާތްތައް ކޮންގްރެސްއަށް ފާޑުކިއުންތައް އަމާޒުކުރި އެވެ. އެ ފާޑުކިއުންތަކާއި ގުޅިގެން ތަރުޖަމާނު ހީނާ ވަލީދު ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ އެ ބޭފުޅުން ކުރައްވަނީ ސިޔާސީ މަސައްކަތެއް ކަމަށާއި، ސިޔާސީ ކަންކަމުގައި އެފަދަ ހާލަތްތަކާއި ކަންކަން ވެސް ހިމެނޭނެ ކަމަށެވެ. 

އޭޕްރީލް ދޭއް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ހީނާ ވިދާޅުވީ: 

"އަޅުގަނޑުމެން ކުރަން މިއުޅެނީ ސިޔާސީ މަސައްކަތެއް އަދި ސިޔާސީ މަސައްކަތް ކުރުމުގައި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި މަޖިލީހުގެ ގޮނޑިތައް ވިން [ކާމިޔާބު] ކުރުމުގައި ސިޔާސީ ޕާޓީތަކުން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންދާނެ،" 

މިކަމުގައި ރައީސް މުއިއްޒު ވިދާޅުވަނީ ޓިކެޓު ލިބުނު ބައެއް ކެންޑިޑޭޓުންގެ ބަދަލުގައި އެހެން އަމިއްލަ ކެންޑިޑޭޓުންތަކަކަށް ތާއީދު ކުރަން ޖެހިވަޑައިގަތީ ޓިކެޓު ލިބުނު ކެންޑިޑޭޓުންނަށް ގޮނޑި ކާމިޔާބުވާނެކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ. 

މިގޮތުން މި މަހުގެ ހަތަރުވަނަ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވި އެވެ: "އަޅުގަނޑުމެން އަތުގައި ހުރި ގޮނޑިތަކެއް، ވިލިނގިލި ފަދަ [ގޮނޑިތަކަކީ]. ދޫކޮށްލަންވީ ސަބަބެއް ނެތް. އެކަން ނުކުރައްވަވާ،" 

އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބުކުރެއްވި ޔާސީން ޕީއެންސީއާ ގުޅިވަޑައިގަތް އިރު، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އޮތީ އެންޓިޑިފެކްޝަނުގެ ބިލެއް ފާސްކޮށްފަ އެވެ. އެ ބިލު ރައީސް ތަސްދީގު ވެސް ކުރައްވާފައި ވެއެވެ. 

ވިހި ވަނަ މަޖިލީހަށް ހޮވި ވަޑައިގެންނެވި ބޭފުޅުން މެންބަރުކަމުގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.