ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ދިވެހި ޅެންވެރި ކަމުގެ "އުޖާލާވި ރަންތަރި" ޝައިހު މުހައްމަދު ޖަމީލް ދީދީއާ އެެއް ބަފާ މޫސާ ޖަމީލަކީ ވެސް ޅެންވެރިއެކެވެ. އަދި އޭނާ އަކީ ގުރުއާން ހިތުދަސް ކުރައްވައިގެން ހުންނެވި ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ.

އަބްދުالله ޝާހިދު އާއި އޭނާގެ ބައްޕާފުޅު މޫސާ ޖަމީލް

ކުރީގެ ވަޒީރު އަދި އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދުގެ ބައްޕާފުޅު މުސާ ޖަމީލް އަވަހާރަ ވެއްޖެ އެވެ. ދަރަވަންދޫގެއަށް ނިސްބަތްވާ މޫސާ ޖަމީލު އަވަހާރަވީ މިއަދު ހެނދުނު އެވެ. މޫސާ ޖަލީލް އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ގެންދެވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. އަވަހާރަވީ އުމުރުފުޅުން 88 އަހަރުގަ އެވެ.

ދިވެހި ޅެންވެރި ކަމުގެ "އުޖާލާވި ރަންތަރި" ޝައިހު މުހައްމަދު ޖަމީލް ދީދީއާ އެެއް ބަފާ މޫސާ ޖަމީލަކީ ވެސް ކުޅަދާނަ ޅެންވެރިއެކެވެ. އަދި އޭނާއަކީ ގުރުއާން ހިތުދަސް ކުރައްވައިގެން ހުންނެވި ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ކުރީގެ މަޖައްލާ "ސޫލާ" އަށް ވެސް މޫސާ ޖަމީލް ޅެން ލިޔުއްވި އެވެ. އޭނާގެ ޅެންތަކުގެ ތެރެއިން "މަރުގެ ނިދާ އައުމުން" އެއީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ޅެމެކެވެ.

މިއަދު އަވަހާރަވި މޫސާ ޖަމީލުގެ ތިއްބަވަނީ އެންމެ ދޮއްޓަށް މުހައްމަދު ޝާހިދެވެ. ދެން އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. ހަގަށް ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ އެވެ. މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާއެއްގައި ޝާހިދާގެ ދެބެން އެކުގައި އަވަހާރިވި އިރު ފާތުމަތުގެ އުމުރަކީ 14 އަހަރެވެ. އާމިނަތުގެ އުމުރުން 12 އަހަރެވެ. އެ ހާދިސާ ހިނގީ 1980 ވަނަ އަހަރު ސްކޫލް ޗުއްޓީގައި ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެނެވެ. 

ޅެންވެރި ކަމުގައި މުސާ ޖަމީލްގެ ދީނީ ނަސޭހަތުގެ ޅެންތައް އެއީ މައިގަނޑެއް ނަމަވެސް އޭނާ އެންމެ ގިނަ ޅެން ހައްދަވާފައި ވަނީ އަވަހަރާވެފައިވާ އޭނާގެ އަންހެން ދެ ބޭފުޅުންގެ ހަނދާނުގައި ހައްދަވާފައި ޅެންތަކެވެ. އެ ގޮތުން އެ ބޭފުޅުން އަވަހާރަވުމާ ހަމައިން 25 އަހަރާ ހަމައަށް ހެއްދެވި 45 ޅެމަކާއި އެ ހާދިސާގެ 20 އަހަރު ކުރިން ހައްދަވާފައި ޅެމެއް ހިމެނޭ ފޮތް ވަނީ ޗާޕް ޖަހައިގެން ނެރެފަ އެވެ. 

މޫސާ ޖަމީލުގެ އެ ދެބެން އަވަހާރަވުމަށް ފަހު މާލެ ވަޑައިގަތް ދުވަހުން ފެށިގެން ފުރަތަމަ އެއް މަސް ދުވަސްވަންދެން ހެއްދެވީ ކޮންމެ ހަފުތާއަކު ޅެމެކެވެ. އެއް މަސްވުމުން ހެއްދެވީ މަހަކު ޅެމެކެވެ. ސާޅީސް ފުރުނު ދުވަހަށް ވަކި ޅެމެކެވެ. ހަތަރު މަހާ ދިހަވީ ދުވަހު ޅެމެކެވެ. އަހަރުވުމަށްފަހު ހެއްދެވީ ކޮންމެ އަހަރަކަށް ޅެމެކެވެ. ގިނަ ޅެންތަން ހައްދަވާފައި ވަނީ އެ ދެބެން ނަން އަޖުޒާއި ސޮދުރުގައި ތަރުތީބުވާނެހެނެވެ. 

މޫސާ ޖަމީލްގެ ހިދުމަތް

މޫސާ ޖަމީލުގެ ހަޔާތުގެ ބޮޑު ބައި ހޭދަ ކުރެއްވެވީ ކިޔަވައި ދެއްވުމުގަ އެވެ. އެންމެ ގިނަ ދުވަހު ކިޔަވައި ދެއްވެވީ މަދަރުސަތުއް ސަލާހިއްޔާގަ އެވެ. އަދި ރާއްޖޭގައި އެންމެ ގިނަ އަދެއްގެ މުދިމުން ތަމްރީނުކޮށް ދެއްވި ހިދުމަތްތެރިޔާއަކީ މާލޭގެ ހެންވޭރު އަވަށުގެ ހަތީބުކަން އެންމެ ފަހަށް ކުރެއްވެވި މޫސާ ޖަމީލެވެ. މޫސާ ޖަމީލު ވަނީ އިސް ފަނޑިޔާރެއްގެ ގޮތުގައި ރާއްޖޭގެ ޖުޑިޝަރީއަށް ވެސް ގިނަ ގުނަ ހިދުމަތް ކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.