މަޖިލީހުން ކަންކަން ނިންމުން ފަހަތައް ޖައްސާލުމަށް އާޒިމް އެދިއްޖެ

އިންތިހާބީ މަޖިލިސް މެންބަރުންގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ. އެ ދުވަހު މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހުވާ ކުރައްވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

މިހާރު މި އޮތް ރައްޔިތުންގެ މަޖިލީހުން މިވަގުތު ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުން މަޑުޖައްސާލަން މެދު ހެންވޭރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު / ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު، އަލީ އާޒިމް އެދިވަޑައިގެންފި އެވެ. 

ވިހިވަނަ މަޖިލީހުގެ މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބަށް މެދުކަނޑާލުމަށް ފަހު މިއަދު ފެށި ޖަލްސާގައި އާންމު ސިއްހަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސު ކުރަން ހުޅުވާލި އެވެ. އެ ބަހުސްގެ ތެރެއިން ފުރުސަތު ހޯއްދަވައިގެން އާޒިމް ވިދާޅުވީ، ދައުރު ހަމަވުމާ ހަމައަށް މަޖިލިސް ކުރިއަށް ގެންދިއުމަށް ގާނޫނު ލާޒިމު ކުރި ނަމަވެސް، މިވަގުތު ރައްޔިތުންނާ ގުޅުންހުރި ނިންމުންތައް މިހާރުގެ މަޖިލީހުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. 

"ރައްޔިތުން [މަޖިލިސް އިންތިހާބުގައި] އެ ބަސް ބުނީތީވެ، އެ އަޑު އަހައިގެން އަޅުގަނޑުމެން މަޑުކޮށްލައިގެން މެއި 13 ވަަނަ ދުވަހާ ހަމައަށް ތިބުމަކީ އަޅުގަނޑު ހަމަ ޔަގީނުން ވެސް އެދޭކަމަކަށް ވާތީ އެވާހަކަ ރައީސް [ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް]ގެ ސަމާލުކަމަށް ގެނައުމަށް [ދަންނަވާލީ]" ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު ވިދާޅުވި އެވެ. 

އާޒިމްގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، ގާނޫނުގައި ބަޔާންކުރާ މުއްދަތާ ހަމައަށް މަޖިލިސް ކުރިއަށް ގެންދާން ޖެހޭ ކަމަށެވެ. އެ ގަވައިދަށް ބަދަލު ގެނައުން، ނުވަތަ މަޖިލީހުން ގަވައިދަށް ބަދަލު ނުގެންނަ ހިނދަކު އާންމު އުސޫލުން ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. 

"[އިންތިހާބަށް ފަހު ދައުރު ނިމެންދެއް މަޖިލިސް ކުރިއަށް ގެންދިއުމަށް] އެނޫން ގޮތަކަށް ކަނޑައެޅުމުގެ އިހްތިޔާރު އިއްޒަތްތެރި މެންބަރުންނަށް ލިބިލައްވާ. އެގޮތަށް ހުށަހަޅައި ފާސް ކުރުމަށް ވެސް މަޖިލިސް ގަވާއިދަކު ހުރަހެއް ނެތް" އަސްލަމް ވިދާޅުވި އެވެ.

އިންތިހާބީ މަޖިލިސް މެންބަރުންގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ. އެ ދުވަހު މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހުވާ ކުރައްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.