މި ސަރުކާރު ކަންކަން ކުރާނީ ރަނގަޅަށް، ދެން އަޒުލެއްވެސް ނުކުރެވޭނެ: ބޮންޑެ

ބޮންޑޭ ވިދާޅުވީ މާލެ ސަރަހައްދުން ދިން ގޯތިތައް ހަވާލުކުރާނެ ކަމާއި، ރައީސް ނަޝީދުގެ ވެށިފަހި މާލެ ޕްރޮގްރާމުވެސް މިސަރުކާރުން ކުރިއަށް ގެންދާނެކަން ޔަގީންކުރައްވާ ކަމަށެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ކަންކަން ކުރާނީ ރަނގަޅައްކަން ޔަގީން ކުރައްވާ ކަމަށް މާފަންނު މެދު ދާއިރާގެ ޑެމޮކްރޭޓްސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅު ވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، އެ  މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ފަހު، މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބޮންޑެ ވިދާޅުވީ، އާދީއްތަ ދުވަހުގެ އިންތިހާބުގައި ސުޕަ މެޖޯރިޓީ ނެގި ވެރިކަން ކުރާ ކޮންގްރެސްއިން މަޖިލިސް ހިންގާނެ ގޮތް ތަފާތު ވާނެ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާނެކަން ވެސް ޔަގީން ކުރައްވާ ކަމަށެވެ. 

"މި ސަރުކާރަށް އަޅުގަނޑުވެސް ވޯޓު ދިނީމޭ. އެހެންވީމަ އަޅުގަނޑުމެންގެ ވެސް ޒިންމާއެއް އެބަ އޮތް. [ރައީސު ޑރ. މުހައްމަދު މުއިއްޒު] އަޒުލެއް ވެސް ނުކުރެވޭނެ،" އިދިކޮޅު އެމްޑީޕީއަށް ގޮން ޖައްސަވަމުން ބޮންޑެ ވިދާޅުވި އެވެ. 

ކުރިން އެމްޑީޕީގައި އިސްކޮށް އުޅުއްވި ބޮންޑެގެ ވާހަކަފުޅުގައި، މަޖިލިސް އިންތިހާބާ ދިމާކޮށް އެ ޕާޓީއިން ރައީސް އަޒުލު ކުރާނެ ކަމަށް ދެއްކި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. 

"ފުރަތަމަ ބަދަލުވާންވީ އެމްޑީޕީގެ ލީޑަޝިޕް. މިހާރު އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދޭންވީ. ޕާޓީއެކޭ ކިޔައިގެން ގޭންގެއް އޮޕަރޭޓްކުރާހެން އޮޕަރޭޓް ކުރީމާ ވީގޮތް މިއީ،" ބޮންޑެ ވިދާޅުވި އެވެ. 

އިދިކޮޅު އެމްޑީޕީއަށް ލިބުނު ނާކާމިޔާބީގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބޮންޑެ ފާހަގަ ކުރެއްވީ ސަރުކާރު އަޒުލު ކުރަން ގޮވާލުމެވެ. އިންތިހާބާ ފަސް ދުވަހަށް ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ އެންމެ އިސް ލީޑަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ގޮވާލުމުން ރައްޔިތުންގެ ހިޔާލު ބަދަލުވީ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ. 

"އެހިސާބުން ރައްޔިތުން ނިންމައިފި އަޒުލު ނުކުރެވޭ ގޮތް ހަދަން. ދެން ނުކުރެވޭނެ އަޒުލެއް" ވާހަކަ ނިންމާލައްވަމުން ބޮންޑެ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.