ސަރުކާރުގެ ވެރީން ދެން ނުނިދާނެ، ކުރިއަށް އޮތީ ތަަރައްގީގެ ދުވަސްތައް: ރައީސް

"ދެން އޮތީ ރައްޔިތުން ތިކުރެއްވި އިތުބާރާއި ދެއްވި ތާއީދުގެ މައްޗަށް މި ފަސް މަހު ކުރެވުނު މަސައްކަތަށް ވުރެ އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސްކޮށް ދިވެހި ރައްޔިތުން އެދޭ ތަރައްގީ ގެނެސް ދިނުމުގެ މަސައްކަތް،"

މިރޭ އޮތް ރެލީ ގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ދެންގެ ފޮޓޯއެއް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ދިން ފުރިހަމަ ތާއީދާ އިތުބާރާއެކު ގައުމު ދެން ދެކޭނީ ތަރައްގީ ވުމުގެ ދުވަސްތައް ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅު ވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ އޮތް ވިހިވަަނަ މަޖިލީސް އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއި ގުޅިގެން އުފާފާޅު ކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ހާއްސަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެތައް ސަތޭކަ ބަޔަކު ޖަމާވެ އޮތް އެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެން އޮތީ އިހްލާސްތެރިކަމާ އެކު ކުރިއަށް ދިއުމުގެ ދުވަސްތައް ކަމަށެވެ.

އަދި މަޖިލީސް އިންތިހާބު ގައި ރައްޔިތުން ނިންމި ނިންމުމާ އެކު މި ގައުމުގެ ކުރިމަގު ވަަރަށް އުޖާލާކަން ޔަގީން ވެއްޖެ ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ގައުމު ނުބައި މިސްރާބަކަށް ދަނިކޮށް ރަނގަޅު ހެޔޮ މިސްރާބަކަށް ގެންދިއުމަށް މިދިޔަ ރިޔާސީ އިންތިހާބު ގައި ރައްޔިތުން ކުރި ބުރަ މަސައްކަތް މަޖިލީސް އިންތިހާބުގެ ނަތީޖާ އިން ފުރިހަމަ ކޮށްދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މި ނިންމުމަކީ ރާއްޖެ، އިސްލާމީ ޝިއާރު މަތިވެރި ކުރާ ގައުމެއްގެ ގޮތުގައި ދެމި އޮތުމާއި ދިވެހީންގެ މިނިވަންކަން ޔަގީންވުމާއި ރައްޔިތުން އެދޭ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމާއި ރާއްޖޭގައި ދެން އޮންނަން ޖެހޭނީ ހިތްހަމަޖެހުމާއި ހަމަޖެހުން ކަން ބުނެ ދިނުމުގެ ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދެން އޮތީ މަސައްކަތް ކުުރުން. މަސައްކަތުގެ ދުވެލި އަވަސްކުރުން. ވޭތުވެގެން މިދިޔަ ފަސް މަސްދުވަހު ވަރަށް ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ނަމަވެސް ކަންކަމުގައި ނަތީޖާ ނެރެވުނު. ދެން އޮތީ ރައްޔިތުން ތިކުރެއްވި އިތުބާރާއި ދެއްވި ތާއީދުގެ މައްޗަށް މި ފަސް މަހު ކުރެވުނު މަސައްކަތަށް ވުރެ އެތައް ގުނައަކުން މައްޗަށް ސްޕީޑް އަވަސްކޮށް ދިވެހި ރައްޔިތުން އެދޭ ތަރައްގީ ގެނެސް ދިނުމުގެ މަސައްކަތް،"

"އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމު ތަރައްގީ ވުމުގެ ދުވަސްތައް،" ޖޯޝު ގައި ދެއްކެވި ވާހަކަފުޅު ގައި ރައީސް ވިދާޅުވި އެވެ.

މިރޭ އޮތް ރެލީ ގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ޔާމީން | ދަ މިރާ

ރައީސް ވަނީ އެމަނިކުފާނާ އެކު ސްޓޭޖް ގައި ތިއްބެވި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރީންނާއި އިންތިހާބީ މަޖިލީސް މެންބަރުންނަށް ވެސް ހާއްސަ މެސެޖެއް ދެއްވާފައެވެ. ވިދާޅުވީ މިިދޔަ ފަސް މަސް ދުވަހަކީ އަދި އެއްޗެއް ނޫން ކަމަށާ އެމަނިކުފާނުގެ އެ ޓީމު ދެން އުޅުއްވަން ޖެހިވަޑައިގަންނަވާނީ 24 ގަޑިއިރު ހޭލާ ކަމަށެވެ.

"މި ޓީމު ދެން ނުނިދާނެ. މި ދަންނަަވަނީ އަމަލީ ގޮތުން ނުދިދާނެ ވާހަކައެއް ނޫން. މަސައްކަތުގައި ދެން ތިބޭނީ. ރައްޔިތުން އެދޭ މަތީ ސްޕީޑްގައި އެ ގިޔަރުގައި މަސައްކަތު ކުުރުމުގައި. އަޅުގަނޑު އަޅުގަނޑުގެ ކެބިނެޓްގެ މެންބަރުންނަށާއި ކުންފުނިތަކުގެ ވެރީންނަށް އަދި މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ދަންނަވާނީ މިދިޔަ ފަސް މަސް ދުވަހަކީ އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަން ޖެހިވަޑައިގަންނަވާނީ 24 ގަޑިއިރު ހޭލައޭ،"

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ބަހަނާ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށާ ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވައުދުވީ ގޮތަށް ތަރައްގީ ގެނެސް ދިނުމަށް ކަމަށެވެ. އަދި ގައުމުގައި ހުރި ބޮޑެތި ހުރިހާ މައްސަލަތައް ހަމަޖެއްސެވުމަށް ކަމަށެވެ. ހާއްސަކޮށް ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް މާޒީއަށް ދޫކޮށް ވެވަޑައިގެންފައިވާ ގޮތަށް އެ މައްސަލަ ހައްލު ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އަދި ވިދާޅުވީ ހަލާކުވެފައި އޮތް އިގްތިސާދު ކޮޅަށް ޖެހުމަށް މިިދިޔަ ފަސް މަސް ދުވަހު ކުރެއްވި މަސައްކަތް ތިން ހަތަރު ގުނަ އަވަސް ކުރައްވާ އިތުރު ކުރައްވާނެ ކަމަށެވެ. ރައްޔިތުންގެ ނިންމުމުން އެ ރައްޔިތުން ބުނެދިނީ ވާހަކަ ދެއްކުމުގެ ދުވަސްތައް މާޒީކޮށް އަމަލުން ކަންކަން ދެއްކުމުގެ ދުވަސްތައް ފެށުން ކަމަށާ ދެން ފެންނާނީ އަމަލު ކަން ކުރާ މަންޒަރު ކަަމަށެވެ. އަދި ދެން އޮތީ އުފާފާގަތި ގައުމަކަށް ހެދުމުގެ އަމަލީ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ބަހަނާ ދައްކާ ބައެއް ނޫން،" ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ ރައީސް މިރޭ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.