ސަރުކާރަށް މަޖިލީހުގެ ސުޕަމެޖޯރިޓީ: ތަރައްގީއާ އިގްތިސޯދު ހިއްލާލަން ދިން ފުރުސަތު

ދިވެހިން ބޭނުންވަނީ އިގްތިސޯދުގައި އަށަގެންފައިވާ ބިދޭސީންގެ ވަކިތަމުން މިނިވަން ކުރާށެވެ. ދިވެހިން ބޭނުންވަނީ ޓޫރިޒަމް ނޫން އިގްތިސޯދީ ބިޔަ ހަރަކާތަކާއެކު ދިވެހިންގެ އިގްތިސޯދު ބަދަލުކޮށްލާށެވެ.

އިހަވަންދިއްޕޮޅަށް ކުރީ ސަރުކާރުން ކުރެވި ކުރެހުމެއް

ރާއްޖޭގެ އިގްތިސޯދުގައި ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. މީގެ ގިނަ މައްސަލަތައް ހައްލުވާނެ ގޮތް ވެސް އެނގެ އެވެ. އެކަމަކު މިހާތަނަށް ބޭނުންވެ ނުވެފައި އޮތީ އެކަން ކުރާނެ ބައެކެވެ. އެކަމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ ސަރުކާރެކެވެ. 

އެންމެފަހުން ނިމި، ފައިބައިގެން ދިޔަ ސަރުކާރު ބޮޑު އަޣުލަބިއްޔަތަކުން ހޮވައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިވެހިން ދިނީ ވެސް އެ އުންމީދުގަ އެވެ. އެ ސަރުކާރަށް ވެސް ދިވެހިން ބޭނުން ވަނީ ބަދަލު ގެނެސް ތަރަގީގައި ކުރިއަރައިގެން ދާންކަން އެނގެ އެވެ. ރާއްޖެ ބޭނުން ވަނީ އިގްތިސޯދު ފުޅާކޮށް ރިފޯމް ކުރާށެވެ. ދުނިޔެއާ އެއްވަރުގައި ފައި ހަމަކުރަން "ދުނިޔޭގެ ކަނޑަ" އަށް ނުކުންނާށެވެ. އެކަމަކު އެމްޑީޕީގެ އަތަށް ދިވެހިން ދިން އަޣުލަބިއްތަަށްވީ ހުސް އެއްޗަކަށެވެ. އެ ސަރުކާރާއި ސުޕަ މެޖޯރިޓީގެ މަޖިލީސް ބޭނުންކޮށްގެން ދިވެހިން އެދުނު ކަންކަމެއް ނުވި އެވެ. 

ރާއްޖޭގެ އިގްތިސޯދު އެހެން ހަރުފަތަކަށް ގެންދާނެ ވިސްނުމެއް ނުނެރެވުނެވެ. ދިވެހިންގެ މިނިވަންކަން ހިމާޔަތްކޮށް ދިވެހިންގެ ކަންކަން ދިވެހިން ނިންމާނެ މަގެއް ނުހޯދުނެވެ. އޭގެ ފަސް އަހަރު ފަހުން އަނެއްކާ ވެސް ދިވެހިން މިވަނީ އެކަން ކޮށްދިނުމުގެ އުންމީދުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ، ވެރިކަން ހިންގަން ހަވާލުވި ކޮންގްރެސް ޕާޓީގެ ސަރުކާރަށް އަތަށް ލައިދިފަ އެވެ. ވަސިއްޔަތަކީ އެންމެ ކަމެވެ. ދިވެހިންގެ ތަރައްގީގެ އުންމީދުތައް ފުރިހަމަ ކޮށްދޭށެވެ. 

ސިޔާސީ ގޮތުން ތަސްރަފު ފުދެމުން އަންނަ ދިވެހި މުޖުތަމައު ތިން ދައުރެއްގައި ޖައްސަ ޖައްސައިގެން ވެރިކަން ހިންގާ ޕާޓީގެ އަތައް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމުގައި ގިނަ މާނަތަކެއް ވެއެވެ. މި ކަމަކީ ހަމަހުރެލާފައިވާ ކަމެއް ނޫނެވެ. މިއީ ދިވެހިން ގަސްތުގައި ކުރާ ކަމެކެވެ. އެނގިގެން ހަމަހޭގައި ތިބެ ކުރާ ކަމެކެވެ. މިއީ އުންމީދު ތަކެއް އޮވެގެން ދޭ ފުރުސަތެކެވެ. ދިވެހިން ބޭނުން ވަނީ މި އިގްތިސޯދުގެ ފުރިހަމަ ބާރުވެރިކަން ދިވެހިންއަށް ހޯދައިދޭނެ ވެރިއެކެވެ. ދިވެހިންގެ އާއްމު ގޭބިސީތަކުގެ ގޯތިތެރެއަށް އިގްތިސޯދުގެ ހަގީގީ މަންފާ ވަންވާނެ މަގުތެކެވެ. ދިވެހިން މި އުންމީދުތައް އަނެއްކާވެސް ބިނާވެފައި އޮތީ އަލަށް މި އަންނަ މަޖިލީހާއި މި ވެރިކަމަށެވެ. 

ބިދޭސީ ވަކިތަކުން އިގްތިސޯދު ދުރުކުރުން

ރާއްޖޭގައި އުޅޭ ބިދޭސީން ތަކެއް

މި ފުރުސަތު ސަރުކާރަށް ދިނީ ބިދޭސީންގެ ވަކިތަކުން އިގްތިސޯދު ސަލާމަތް ކޮށްދޭށެވެ - ދިވެހިން ބޭނުން ވަނީ ރާއްޖޭގެ އިގްތިސޯދުގައި ވަކި ހިއްޕާލާފައިވާ ބިދޭސީންގެ ވަކި ތަކުން އިގްތިސޯދު މިނިވަންކޮށްދޭން މަސައްކަތް ކޮށްދޭނެ އިހުލާސްތެރި 93 މެންބަރުންނެވެ. 

ބިދޭސީން މި ގައުމުގައި މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އެ މީހުން އަމިއްލަ އަށް "އަމިއްލަ" މަސައްކަތް ކުރުމެވެ. އެކަން ކުރެވިގެންނުވާނެ އެވެ. ދިވެހި ގާނޫނުތަކުގައި ބިދޭސީންނަށް ކުދިމެދުފަންތީގެ ވިޔަފާރި ނުކުރެވޭނެ ކަމަށް އޮތް ނަމަވެސް މިހާރު ކޮންމެ ސިކުން ތަކުން ކޮންމެ މިނެޓަކުން އެ މީހުންގެ އެކައުންޓުތައް ފުރެމުން އެދާ ފައިސާއަކީ ނުގަވައިދުން ވަންނަ ފައިސާ އެވެ. 

މި ގައުމަކީ އެކި ގައުމުތަކުން މީހުން އައިސް ވަޒަންވެރި ވެގެން ވިޔަފާރިކޮށްގެން ފައިދާ ގައުމަށް ފޮނުވަން އޮތް "ފްރީޓްރޭޑް ޒޯނެއް" ނޫނެވެ. މި ރާއްޖޭގައި ވިޔަފާރި ކުރެވޭނެ ގޮތްތައް ގާނޫނުތަކުގައި ލިޔެފައިވެ އެވެ. ބިދޭސީންނަށް ދިވެހިން ކުރާ ވިޔަފާރިތަކާ ވާދަ ކުރެވިގެން ނުވާނެ އެވެ. އެ މަގު މި ފަހަރު ބަންދު ކޮށްދޭން ޖެހޭނެ އެވެ.

މިކަން ހައްލު ކޮށްދެއްވައި މި ވިޔަފާރި ތަކުން ބިދޭސީން ނެރެދެއްވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ފައިސަލް ވެސް ވައުދުވި އެވެ. އެކަމަކު އެންމެ ފަހުން އެކަން އެޅުވީ ކޮންމެ ވެސް ގާނޫނެއްގެ ބޮލުގަ އެވެ. އެ ގާނޫނު އިސްލާހު ނުވެގެން އުޅެނިކޮށް ފަސް އަހަރު ނިމުނީ އެވެ. 

ގާނޫނީ ގޮތުން އޮތް ހުރަހެއް އޮތުމުން އެކަންނުވީ ކަމަށް ބުނެ ދެއްކެވީ ހުސް ބަހަނާ އެވެ. އެކަމަކު މި ފަހަރު އަނެއްކާވެސް ދިވެހިން މި ދިން މާސިންގާހާ އަޣުލަބިއްޔަތުން މިހާރުގެ މިނިސްޓަރު މުހައްމަދު ސައީދަށް މިކަމުން ރެކިވަޑައެއް ނުގަނެވޭނެ އެވެ. މި ފަހަރު މިކަމުގައި ދެއްކޭނެ ބަހަނާއެއް ނޯންނާނެ އެވެ. 

މި ފަސް އަހަރު ނުވަތަ އެއަށް ވުރެއަވަހަށް މި މައްސަލަ ހައްލުވާތަން ދިވެހިން ދެކެން ބޭނުންވެއެވެ. މިކަން ހައްލުކުރަން މިކަމުގައި ތިބި ބިދޭސީން ގައުމުން ފޮނުވާލަން ޖެހިއްޖެނަމަ އެކަން ވެސް ކުރަންވީ އެވެ. ރާއްޖެ އަންނަ ވަޒީފާ އިން ބޭރުން މަސައްކަތް ކޮށްގެން އެ މީހުންގެ އެކައުންޓަށް ފައިސާ ވަންނަމަ އެކައުންޓުތައް ވެސް ފްރީޒް ކުރަންވީ އެވެ. އެބާރު ވެސް މިހާރު އެ އޮތީ ދީފަ އެވެ. މަޖިލީހުން ބޭންކިން ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކޮށްގެން އެކަން މިހާރު ކުރެވޭނެ އެވެ. 

މުޅި އިގްތިސޯދު ޓޫރިޒަމުން ނައްޓުވައިދީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހއ. އިހަވަންދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ދިވެހި ރައްޔިތުން މި ފަހަރު މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ޕާޓީ، ކޮންގްރެސް އަށް ދިނީ ވަރަށް އުންމީދުގަ އެވެ؛ މި އުންމީދު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގަތް ތަރައްގީ އަށެވެ. މިއިން ދުވަހަކު ގައުމުގެ އިގްތިސޯދު މައްޗަށް އުފުލައިލަން ވެރިއަކު ނުދައްކަވާހާ ބޮޑެތި ވާހަކަފުޅުތައް ރައީސް މުއިއްޒު ދައްކަވާތީ އެވެ. މި ވެރިކަމުގެ ހައެއްކަ މަސް ނިމެންދާއިރު މި ވާހަކަތަކުގައި ކުލަ ޖެހެމުންދާ މަންޒަރު ފެނުމަކީ މި އުންމީދު ހަގީގަތަކަށްވުމުގެ ކޮޅުމައްޗެވެ. ރާއްޖޭގެ އެންމެ އުތުރުން ލާމުގައި އިންޓަނޭޝަނަލް "މެރިޓައިމް" ހަބެއް ހަދަން ވަނީ ނިންމާފަ އެވެ. އަދި ދުވާލަކު 400 އާގު ބޯޓު ހުރަސްކުރާ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ވިޔަފާރި ފެށުމުގެ ވާހަކަ އެބައޮތެވެ. 

މާލެ ސަރަހައްދު ގުއިފޮނަދޫ ބަދަލު ކޮށްލައި ފައިނޭންޝަލް ސެންޓަރެއް ހެދުމުގެ ޕްލޭނެއް ވެސް އެބައޮތެވެ. ދިވެހިންނަށް ކާނާގެ ޔަގީންކަން ކަށަވަރު ކޮށްދޭން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) އެއް ހެދުމަށް ބަޔަކަށް ހަވާލު ވެސް ކޮށްފި އެވެ. ގިނަ އެއާޕޯޓުތަކެއް އަޅައި ދަތުރުފަތުރު ވަރުގަދަ ކުރުން ވެސް އެބައޮތެވެ. ދިވެހިންގެ ގައުމީ އެއާލައިންއަކީ ދިވެހިން ފަހުރުވެރިވާ އެއާލައިނަކަށް ހައްދަވާނެ ކަމަށް ރައީސް ވައުދުވެ އެވެ. 

މި ހުރިހާކަމެއް އައި ވަށައި ޖެހެނީ ރާއްޖޭގެ އިގްތިސޯދު ހަމައެކަނި އޮތް ޓޫރިޒަމުން ނެއްޓުމާ ދިމާލަަށެވެ. ކޮންޓެއިނަރު ޓްރާންފާ ވިޔަފާރި ނުވަތަ ޓްރާންސިޕްމަންޓް ވިޔަފާރި އަށް ރާއްޖެ ފުރޮޅާލަން ސަރުކާރުންވީ ވައުދު މި އަގުލަބިއްޔަތުން އަވަހަށް ފުއްދޭނެ ކަމަށް ރައްޔިތުން އުންމީދު ކުރެ އެވެ. ދުނިޔޭގެ އޮޔާއި ވައިގެ ތެރޭގައި ރާއްޖެ އަބަދު މިހެން ހޫރިހޫރިއެއް ނޯވެވޭނެ އެވެ. ރާއްޖެ އިގްތިސޯދީގޮތުން މިނިވަންވާން ބާރުވެރިވާން އެބަޖެހެ އެވެ. 

ރާއްޖެއަކީ ކުޑަ ގައުމެކޭ ވަސީލަތް މަދޭ ކިޔަން އަބަދަކު ނުތިބެވޭނެ އެވެ. ދިވެހި ރައްޔިތުން މިފަހަރު މި ދިން ފުރުސަތަކީ މި ހުރިހާ ކަމެއް ބަދަލު ކޮށްލަން ދިން ފުރުސަތެކެވެ. އަދި މި ފުރުސަތަކީ މިގޮތަށް ދޭނެ ފަހު ފުރުސަތައް ވެސް ވެދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.