މިވަރުގެ ތާއީދެއް ދުވަހަކު ނުދޭ، ފެނުނީ ރައީސަށް އޮތް އިތުބާރާ ކުރާ އުންމީދު

އިއްޔެެގެ ނަތީޖާ އަކީ އިއްތިފާގެއް ނޫނެވެ. މިއީ ރައްޔިތުންގެ ފުރިހަމަ ވިސްނުމާއި އިހްތިޔާރު ގައި ނިންމާފައިވާ ނިންމުމެވެ. ނަތީޖާ އިން ފެންނަނީ ރައީސަށް ކުރާ އިތުބާރެވެ. އުންމީދެވެ. ތަރައްގީ ހާސިލު ކުރަން ބޭނުންވެފައިވާ މިންވަރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިންގެ ފަހު ރެލީ ގައި ބައިވެރިވެވަޑައިގަންނަވަނީ -- ޔާމީން މުހައްމަދު | ދަ މިރާ

އިއްޔެ މުޅި ރާއްޖޭގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ތާރީހީ އިންތިހާބެކެވެ. އިންތިހާބުގެ ނަތީޖާ އިން އެކަނި ވެސް ތާރީހީ އިންތިހާބަކަށް ވުމުގެ ސަބަބަކަށް ފުދެ އެވެ. މިއީ ރާއްޖޭގެ ތާރީހު ގައި ވެސް މަޖިލީސް އިންތިހާބެއް ގައި ސަރުކާރަށް މިވަރުގެ ތަނަވަސް އަޣުލަބިއްޔަތެއް ރައްޔިތުން ދިން ފުރަތަމަ ފަހަރެވެ.

އިއްޔެ އޮތީ މެއި މަހު ފެށޭ ވިހިވަނަ މަޖިލީހަށް މެންބަރުން އިންތިހާބު ކުުރުމެވެ. ޖުމްލަ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރި އެވެ. ސަރުކާރުން ނެރުނު 70 ކެންޑިޑޭޓުން އިންތިހާބު ވި އެވެ. ސީދާ ރައީސް މުއިއްޒުގެ ތާއީދާއެކު ނިކުންނެވި އިތުރު ފަސް / ހަ މެންބަރަކު ވެސް އިންތިހާބު ކާމިޔާބު ކުރި އެވެ.

އެހެން ކަމުން "މަޖިލީސް 20" ވެގެން ދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނެ މަޖިލީހަކަށެވެ. މަޖިލީހުން ކަމެއް ނުވެގެން / ހުރަސް އަޅައިގެން ހުއްޓި ތިބެން ޖެހޭނެ ހަމަ އެއްވެސް ހާލަތެއް މެދުވެރިއެއް ނުވާނެ އެވެ.

މަޖިލީސް އިންތިހާބުގެ މި ތާރީހީ ކާމިޔާބީ ރައީސަށް ލިބިވަޑައިގަތީ ވެރިކަމަށް ވަޑައިގެން މިވީ ފަސް މަހެއްހާ ދުވަސްތެރޭ އިދިކޮޅުގެ ބޮޑު މެޖޯރިޓީ އޮތް މަޖިލީހުން އެމަނިކުފާނަށް ލައްކަ ޖެއްސުމާއި ހުރަސްތައް ކުރިމަތި ކުރުވާފައި ވަނިކޮށެވެ. އިންތިހާބުގެ މުޅި ކެމްޕެއިން ގައި ރައީސް އެންމެ ގިނައިން ދެއްކެވީ އެ ވާހަކަފުޅެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގަން މަޖިލީހުން ދަތިކޮށްފައި އޮތް މިންވަރެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓާފައި އޮތް އޮތުމެވެ. ސަރުކާރާ ޖެއްސުމަށް ކުއްލި ކުއްލިއަށް ގާނޫނުތަކަށް އިސްލާހު ހުށައަޅާ ގެންނަމުން ދިޔަ ބަދަލުތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނަށް ރައްޔިތުން ވަނީ މަޖިލީސް އަގުލަބިއްޔަތު ދެއްވާފައި -- ޔާމީން މުހައްމަދު | ދަ މިރާ

ތަކުރާރުކޮށް އެދިވަޑައިގަތީ އެކަންކަން ބަދަލުކޮށް ދެއްވުމަށެވެ. ސަރުކާރަށް އެއްބާރުލުން ދޭނެ / ހަގީގީ މާނާ ގައި މަސައްކަތް ކުރާ މެންބަރުން ތިބޭނެ މަޖިލީހެއް އިންތިހާބު ކޮށް ދެއްވުމަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގަން ސަރުކާރުން އެދޭ ބަޖެޓް ފާސްކޮށް ދޭނެ އަދި ސަރުކާރުން ބޭނުންވާ ގާނޫނުތައް ފާސްކޮށް ދޭނެ މަޖިލީހެއް އެކުލަވާލަ ދެއްވުމަށެވެ.

އެފަދަ މަޖިލީހަކަށް އެކަށީގެންވާ މެންބަރުންނަކީ ކޮންގްރެސްގެ ކެންޑިޑޭޓުން ކަމުގައި ވިދާޅުވި އެވެ. ކޮންމެ ބައްދަލްވުމެއް ގައި ތަކުރާރު ކުރައްވާ އެދިވަޑައިގަތީ އެ މެންބަރުން އިންތިހާބު ކޮށް ދެއްވުމަށެވެ. ސަރުކާރަށް ޖެއްސުންކޮށް ތުރާކުރާނެ އިދިކޮޅު މެންބަރުންނަށް މި ފަހަރު ފުުރުސަތު ނުދިނުމަށެވެ.
 
އެކަން ކޮށް ދެއްވައިފިނަމަ ދެއްވެވި ޔަގީން ކަމަކީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަވާނެ ކަމެވެ. ހަމަ އެންމެ ވައުދެއް ވެސް ދޫކުރައްވާނެ ކަމެވެ. ހާއްސަކޮށް އިޖްތިމާއީ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވާ ކޮންމެ މީހަކަށް މަދުވެގެން އެއް ހައުސިން ޔުނިޓް / ފްލެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމެވެ. މިނިވަންކަން ކަށަވަރު ކޮށް ދެއްވާ ހުރިހާ މާނަ އެއްގައި ދިވެހީންނަކީ އަމިއްލަވަންތަ ބަޔަކަށް ހައްދަވާނެ ކަމެވެ. 

އިގްތިސާދު ހަރުދަނާކޮށް ދިވެހީންގެ ފުއްދުންތެރިކަން އިތުރުކޮށް ދެއްވާނެ ކަމެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް މިއިން ޒަމާނަކު ދިވެހީން ނުދެކޭހާ މިންވަރަށް ތަރައްގީކޮށް ކުރިއަށް ގެންދަވާނެ ކަމެވެ. ތަރައްގީގެ މުޅިން އައު ބިޔަ މަޝްރޫއުތަކާ އެކު ދިވެހި އިގްތިސާދު މުޅީން ބަދަލުކޮށް ލައްވާނެ ކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްްމަދު މުއިއްޒު: އެމަނިކުފާނަށް ރައްޔިތުން ވަނީ މަޖިލީސް އަގުލަބިއްޔަތު ދެއްވާފައި -- ޔާމީން މުހައްމަދު | ދަ މިރާ

ރައީސްގެ މި ޔަގީންކަމާ އެކު އެމަނިކުފާނު އެދިވަޑައިގެންނެވި މިންވަރަށް ވުރެ މާ އިތުރަށް ރައްޔިތުން ވަނީ ތާއީދު ދީފައެވެ. ކޮންގްރެސްގެ 70 ކެންޑިޑޭޓުން އިންތިހާބު ކޮށް ދިނެވެ. ރައީސްގެ ތާއީދު އޮތް އެހެން ކެންޑިޑޭޓުން ވެސް ހޮވައި ދިނެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މަޖިލީހުން ސުޕަ،ސުޕަ މެޖޯރިޓީއެއް މި ވަނީ ދީފައެވެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަން ބޭނުންވާނަމަ އެކަން ދާދި ފަސޭހަ އިން ކުރެވޭނެ ފަދަ ތަނަވަސް މެޖޯރިޓީ އެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެކަމުގެ ސަބަބަކީ ސަރުކާރާއި ރައީސް މުއިއްޒަށް ރައްޔިތުންގެ އޮތް އިތުބާރެވެ. އެމަނިކުފާނު ދައްކަވާ ވާހަކަފުޅަށް ރައްޔިތުން ކުރައްވާ އިތުބާރެވެ. އަދި އެކަންކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އޮތް މިންވަރެވެ. އެކަންކަން ހާސިލު ކުރަން ރައްޔިތުން ބޭނުންވެފައިވާ މިންވަރެވެ.

އެެކަމުގެ އެންމެ ސާފު ހެއްކަކީ ފުރަތަމަ ފަހަރަށް މާލެ ސިޓީއާ އައްޑޫ ސިޓީން ރައީސަށް ދެއްވި ތާއީދެވެ. ރާއްޖޭގެ ސިޔާސީ ކުޅިބައި މިހާރު އެތުރިފައި މިވަނީ މީގެ ކުރީން އޮތް ގޮތާއި މުޅީން ހިލާފަށެވެ. އިހަށް ވިއްޔާ ކުރެވުނުހާ މަސައްކަތެއް ކުރުމުން އައްޑޫން ލިބޭނީ ގޮނޑިއެއް / ދެ ގޮނޑި އެވެ. މާލޭން ވެސް އެފަދަ އެވެ. އެކަމަކު މައި ދެ ސިޓީން ދެ ތީން ހަތަރު ގޮނޑިއެއް ނޫނީ ހުރިހާ ގޮނޑިއެއް މި ފަހަރު ދިނީ ޕީޕީއެމް / ޕީއެންސީ އަށެވެ. ރައީސާއި ސަރުކާރަށެވެ.

ފުވައްމުލަކު ސިޓީގެ ތިން ގޮނޑިއާ ތިނަދޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ ދެ ގޮނޑި ސަރުކާރަށެވެ. ގިނަ އަތޮޅުތަައް ސަރުކާރަށެވެ. ހއ އަތޮޅާއި ރ އަތޮޅާއި އެކީ އެކަށް ސަރުކާރަށެވެ. މިއީ ވަރަށް ބޮޑު ތާއީދެކެވެ. ރައްޔިތުން ދިން ވަރުގަދަ ޔަގީން ކަމަކާ އިތުބާރަކެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގެން ބޭފުޅުންގެ ތެރެއިން އިންތިހާބު ގައި ވާދަކުރެއްވި ހަތަރު ބޭފުޅުންނަށް ކުރިމަތިވެވަޑަައިގެންނެވީ ނާކާމިޔާބީ

ސަރުކާރަށް މިވަރުގެ ތާއީދެއް ރައްޔިތުން ދިނީ އިދިކޮޅު ކެންޑިޑޭޓުން ނެތިގެނެއް ނޫނެވެ. އެ ކެންޑިޑޭޓުންގެ ތެރޭގައި ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުން ނެތިގެނެއް ވެސް ނޫނެވެ. މަޖިލީސް އިންތިހާބު ގައި ރައީސް ސޯލިހްގެ ކެބިނެޓް ގައި ހިމެނިވަޑައިގެން ހަތަރު ވަޒީރުން އިންތިހާބަށް ނިކުންނެވި އެވެ.

އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އެ ހުރިހާ ވަޒީރުންނަށް ނޫނެކޭ ބުނެ ރައްޔިތުން ހޮވީ ރައީސް މުއިއްޒު ދެއްކެވި ކެންޑިޑޭޓުންނެވެ.

މީގެ އިތުރުން މަޖިލީހުގައި ވަރަށް ފާާހަގަކޮށްލެވޭ ގިނަ މެންބަރުންތަކެއް ވެސް އިންތިހާބު ގައި ވާދަ ކުރެއްވި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމް އާއި ކުރީގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު އަހްމަދު (ބިގޭ) އާއި މެންބަރު ހަސަން ލަތީފާއި މެންބަރު އަލީ އާޒިމްއާއި މެންބަރު އިބްރާހިމް ރަޝީދު އާއި ޑިމޮކްރެޓްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ދުންޔާ މައުމޫން ފަދަ ކިތަންމެ ބޭފުޅެކެވެ.

ނަމަވެސް މި ބޭފުޅުންނަށް ވުރެ ސިޔާސީ ގޮތުން މާ ވިދުން ކުޑަ / އެއްވެސް ވިދުމެއް ނެތް ޒުވާން އެތައް ބޭފުޅުންނަކަށް ރައްޔިތުން ފުރުސަތު ދިނީ އެއީ ސަރުކާރު ކެންޑިޑޭޓުންނަށް ވުމުންނެވެ. ރައީސާއި ސަރުކާރަށް ތާއީދު ދޭން ރައްޔިތުން ބޭނުން ވުމުންނެވެ.

އިންތިހާބުން ނާކާމިޔާބުވެ މަޖިލީސް ދައުރު ނިންމާލަންް ޖެހިވަޑައިގަތް ބަައެއް މެންބަރުން

މީގެ އިތުރުން ސިޔާސީ ގޮތުން ނުފޫޒު ގަދަ އެމްޑީޕީ ގައި ބާރުގަދަ އަދި އިދިކޮޅުގެ ފުރިހަމަ ތާއީދާ އެކު ނިކުތް ކިތަންމެ ކެންޑިޑޭޓުންނަކަށް ވެސް ރައްޔިތުން ނޫނެކޭ ބުންޏެވެ. އޭގެ ތެރޭގައި ރަައީސް ސޯލިހްގެ ދެ ކޮއްކޯފުޅު، އަލީ ނިޔާޒާއި ޖީހާން މަހްމޫދު ހިމެނިވަޑައިގަންނަވަ އެވެ.

އެ ދެ ބޭފުޅުން އިންތިހާބު ކުރެއްވުމަށް ރައީސް ސޯލިހް ދެ ފަހަރު ކެމްޕެއިނަށް ވަޑައިގަތެވެ. އެތައް މަސައްކަތްތަކެއް ކުރެއްވި އެވެ. ނަަމަވެސް މިދިޔަ 30 އަހަރު، އެ ބޭފުޅުން ކޮންޓްރޯލް ކުރެއްވި ހިންނަވަރު ދާއިރާއާ ކުރެންދޫ ދާއިރާ އިން ރައީސްގެ ދެ ކޮއްކޯފުޅަށް ކުރި ހޯއްދެވޭ ގޮތެއް ނުވި އެވެ. ލަދުވެތި ބޮޑު ބައްޔަކުން ނާކާމިޔާބު ވެވަޑައިގަތީ އެވެ.

އެމްޑީޕީގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އެމްޑީ -- ފެނަކައިގެ ކުރީގެ ވެރިޔާ އަހްމަދު ސައީދާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) އާއި ރައީސް ސޯލިހްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ވެސް އިންތިހާބުން މޮޅުވެ މަޖިލީހަށް ވަޑައިގަތުމުގެ ފުުރުސަތު ރައްޔިތުން ނުދެއްވި އެވެ.

ނުފޫޒު ގަދަ / މަޖިލީހުގައި އެންމެ ހަރުއަޑު ކަމުގައިވި އަބްދުﷲ ޖާބިރަށް ވެސް ނޫނެކޭ ބުނެ ކާށިދޫ ދާއިރާގެ ގޮނޑި ވެސް ހަވާލު ކުރީ ހިންނަވަރުން ވަޑައިގެންނެވި ސަރުކާރުގެ ކެންޑިޑޭޓަށެވެ. 

އިންތިހާބުން ނާކާމިޔާބުވެ ބައެއް ބޭފުޅުން

މިއީ އިއްތިފާގެއް ނޫނެވެ. އަދި މިއީ ގިނަ ކެންޑިޑޭޓުންތަކެއް ނިކުމެ ވޯޓްތަކެއް ބައިބައިވެގެން ވީ ގޮތެކޭ ވެސް މުޅީން ބުނެވޭ ކަމަށް ނެތެވެ. ރައީސް މުއިއްޒު ނެރުއްވި 40 ކެންޑިޑޭޓަކާއި ދެކޮޅަށް ރައީސް ޔާމީން 40 ކެންޑިޑޭޓުން ނެރުއްވި އެވެ. ބައެއް ދާއިރާތަކުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވި އެވެ.

ސަރުކާރުގެ ކެންޑިޑޭޓުން ނެރުނު ބައެއް ދާއިރާތަކަށް އެމްޑީއޭ ކެންޑިޑޭޓުން ނެރުނެވެ. އަދި ކޮންމެވެސް ސަބަބަކާ ހުރެ ސުވާލު އުފެދި ކޮންގްރެސްގެ ކެންޑިޑޭޓެއް ހުރި ތިން ހަތަރު ދާއިރާތަކަށް އަމިއްލަ ގޮތުން ކެންޑިޑޭޓުން ނެރެ އެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ރައީސް އެދިވަޑައިގަތެވެ. ރައްޔިތުން ވޯޓް ދީ ހޮވީ އެ ކެންޑިޑޭޓުންނެވެ.

އެހެން ކަމުން މިއީ ރައްޔިތުން، އެ ރައްޔިތުންގެ ފުރިހަމަ ވިސްނުމާއި އިހްތިޔާރު ގައި ނިންމާފައިވާ ނިންމުމެވެ. ރައްޔިތުން ބޭނުންވީ ރައީސް އެދިވަޑައިގެންނެވި ތާއީދު ދިނުމަށެވެ. އެއީ އެ ރައްޔިތުން އެދިއެދި ތިބި ތަަރައްގީ ހާސިލު ކުރުމަށެވެ. އިއްޔެގެ ނިންމުމަކީ އެ އުންމީދުގައި ދިން ވޯޓެވެ. ނިންމި ނިންމެކެވެ. ރައީސަށް އެ އިތުބާރު އޮތީތީ ދިން ވޯޓެވެ. ރައީސް ވިދާޅުވި ކަންކަން ހާސިލު ކޮށް ދޭނެ ކަމުގެ އުންމީދު އޮތީތީ ނިންމި ނިންމުމެކެވެ.

ދެން އޮތީ ރައީސްގެ މަަސައްކަތްޕުޅެކެވެ. ވިދާޅުވި ގޮތަށް ރަނުން ރަނަށް ވައުދުތައް ފުއްދެވުމެވެ. އެކަން އެ މަގުން ހިނގައިފިނަަމަ ރައްޔިތުން ދެން ދޭނީ ދެވަނަ ދައުރެއްގެ ކަށަވަރު ކަމެވެ. ކަން ވާ ގޮތް ބަަލަން ތިބެމާ ހެއްޔެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.