ރައީސް ސޯލިހްގެ ދެ ކޮއްކޯފުޅަށް ޅަވިޔަނިން ނޫނެކޭ ބުނެފި

ދެވަނަ ފަހަރަށް ޖީހާނަށް ގޮނޑި ހޯއްދަވައި ދެއްވުމަށް އަދި އަލީ ނިޔާޒަށް ކުރެންދޫ ގޮނޑި ހޯއްދަވައި ދެއްވުމަށް ރައީސް ސޯލިހް ވަނީ ކެމްޕެއިން ގައި ދެ ފަހަރު މަތީން ހިންނަވަރަށް ވަޑައިގެން ވަރުގަދަ ކެމްޕެއިނެއް ހިންގަވާފަ އެވެ.

ޖީހާން (ކ) ރައީސް ސޯލިހް (މ) އަލީ ނިޔާޒް (ވ)

ރައްޔިތުންގެ މަޖިލީހުގެ ޅ. ހިންނަވަރު ދާއިރާ އާއި ކުރެންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަ ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ކޮއްކޯފުޅަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.

ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. ކުރެންދޫ ދާއިރާއަށް ވާދަ ކުރެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. މި ދެ ބޭފުޅުންނަކީ ރައީސް ސޯލިހްގެ ދެ ކޮއްކޯފުޅެވެ. އަލީ ނިޔާޒަކީ ސޯލިހްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.

ރައީސް ސޯލިހް ފަސް ދައުރު -- 25 އަހަރު ހިންނަވަރު ދާއިރާގެ ގޮނޑި ފުރުއްވި އެވެ. މިދިޔަަ ފަސް އަހަރު އެ ގޮނޑީގައި އިންނެވީ ޖީހާން އެވެ.

ނަމަވެސް މިއަދު އޮތް އިންތިހާބުގައި ޖީހާންގެ މައްޗަށް ކުރި ހޯއްދަވާ ފުރަތަމަ ފަަހަރަށް އެމްޑީޕީ ނޫން ޕާޓީއަކަށް ހިންނަވަރު ދާއިރާގެ ގޮނޑި ވަނީ ދީފައެވެ. ހިންނަވަރު ދާއިރާގެ ގޮނޑި އަންނަ މަޖިލީހުގައި ފުރުއްވާނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނެވެ.

ކުރެންދޫ ދާއިރާ އިން އަލީ ނިޔާޒަށް ވެސް ލިބިވަޑަައިގަތީ ލަދުވެތި ނަތީޖާ އެކެވެ. ފަސް ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ވަނައަށް ދިޔައީ ނިޔާޒެވެ. އެ ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި މުހައްމަދު ޝާމިން ހަބީބެވެ.

ދެވަނަ ފަހަރަށް ޖީހާނަށް ގޮނޑި ހޯއްދަވައި ދެއްވުމަށް އަދި އަލީ ނިޔާޒަށް ކުރެންދޫ ގޮނޑި ހޯއްދަވައި ދެއްވުމަށް ރައީސް ސޯލިހް ވަނީ ކެމްޕެއިން ގައި ދެ ފަހަރު މަތީން ހިންނަވަރަށް ވަޑައިގެން ވަރުގަދަ ކެމްޕެއިނެއް ހިންގަވާފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.