ސިފައިން އައިގޮތުން ޔަގީންވަނީ ޑްރޯނަށް ފެނިގެން އައިކަމަށް : ދޯނީގެ ވެރިޔާ

ދޯނީގެ ވެރިޔާ ބުނި ގޮތުގައި ކޯސްޓްގާޑް ކައިރި ކުރިއިރުވެސް ޑްރޯނެއް ނުފެނެ އެވެ. އެކަމަކު އެ ވަގުތު ވެސް މަތީގައި ޑްރޯން އުދުހެމުން ދިޔަ ކަމަށް ފޮޓޯތަކުން ފެނެ އެވެ.

ސިފައިންގެ އުޅަނދު ހުއްޓިފައިވާ ދޯނީގެ ކައިރީގައި އޮތް ވަގުތު ޔޫއޭވީއިން ނަގާފައިވާ ފޮޓޯއެއް

މީމު އަތޮޅަށް ކެޔޮޅުކަމު ނުކުމެ އުޅެނިކޮށް އިންޖީނު ހަލާކު ވެގެން އޮޔާ ދަނިކޮށް ދޯނި ހޯދާފައި ވަނީ ސިފައިންގެ ޑްރޯނަށް ފެނިގެން ކަމަށް ޔަގީންވާ ކަމަށް ދޯނީގެ ވެރިޔާ ބުނެފި އެވެ. 

މާފުށިން މ. އަތޮޅަށް ގޮސް ފަރުމަހަށް ނުކުމެ އުޅެނިކޮށް ހޮނިހިރު ދުވަހުގެ ރޭ ހާލުގަ ޖެހުނު "ފަރިހި 2" ދޯނީގެ ޒުވާން ވެރިޔާ އާސިމް މުހައްމަދުފުޅު (ސިމްބެ) "މިރާ" އަށް މި ހާދިސާ ހިނގި ގޮތް މިއަދު ކިޔައި ދެމުން ބުނީ ދޯނި ހުއްޓުނީ އިންޖީނުގެ ހޮޅެއް ފަޅައިގެން ގޮސްގެންނެވެ. އެ ވަގުތު ދޯނީގައި އޮތް އެއްވެސް ފޯނަކަށް ރޭންޖެއް ނުލިބެ އެވެ. 

ފޯނުގެ ރޭންޖެއް އެއްގޮތަކަށްވެސް ނުލިބޭ

ދޯނީގެ ވެރިޔާ ވިޔަފާވެރިޔާ ސިމްބެ

"އާއްމުކޮށް ވަރަށް ހަނދާން ކުރާ ކަމެއް ސެޓެލައިޓް ފޯނު ގެންނަން. އެކަމަކު އިއްޔެ ސެޓެލައިޓް ފޯނު މާލެ އިން ހިފައިގެން ގޮސްފަ ލޯންޗުގަ ބާއްވާފަ ހަނދާން ނެތިގެން ދޯންޏަށް އެރުނީ. އެހެންވެ އިންޖީނު ހަލާކު ވެގެން ބެލިއިރު އެއްވެސް ކޮމިއުނިކޭޝަނެއް ނެތް،" މ. އަތޮޅުގައި މަސްވެރިކަމަށް ބާވާފައިވާ ދޯނީގައި ކުރި މި ދަތުރުގެ ވާހަކަ ކިޔައިދެމުން ސިމްބެ ބުންޏެވެ. 

އޭނާ ބުނި ގޮތުގައި އިންޖީނު ހުއްޓުނު ހިސާބުން އިންޖީނު ހެދޭތޯ ވަރަށް މަސައްކަތް ކުރިކަމަށާ ގާތްގަނޑަކަށް 23 މޭލު ބޭރަށް ދިޔައިރުވެސް އެކަންވާ ގޮތް ނުވި ކަމަށެވެ. 

"ހާސްކަމެއް ނެތް. އެކަމަކު އެނގޭ ރަށުގަ ތިބޭ މީހުން ހާސްވާނެ ވަރު. ރަށަށް އައީމި މި އެނގުނީ މިކޮޅު [މާފުށި] އޮތީ ވަރަށް ހާލުގަކަން،" ވޯޓާ ސްޕޯޓްސްގެ ވިޔަފާރި ކުރާތާ އަށެއްކަ އަހަރުވީ ތަޖުރިބާކާރު ސިމްބެ ކިޔައި ދިނެވެ. 

ސިފައިންގެ އުޅަނދު ހުއްޓިފައިވާ ދޯނީގެ ކައިރީގައި އޮތް ވަގުތު ޔޫއޭވީއިން ނަގާފައިވާ ފޮޓޯއެއް

މާފުށީގައި އެންމެ ފުޅާކޮށް ޑައިވިން އާއި މޫދުކުޅިވަރު ވިޔަފާރި ކުރާ ވިޔަފާރިވެރިޔާ ސިމްބެ ބުނި ގޮތުގައި ކޯސްޓްގާޑް އައީ ސީދާ އެ މީހުންނާ ދިމާލަށް ކަމަށާ އެހެންވެ ޔަގީންވަނީ ޑްރޯނަށް އެމީހުން ފެނިގެން އައި ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ދޯނި ކައިރީގައި ކޯސްޓްގާޑް އޮތްއިރު ވެސް އެ މީހުންނަށް މަތީގައި ޑްރޯނެއް އުދުހެމުން ދިޔަކަން ނޭނގޭ ކަމަށެވެ.

"ފަހުން ސިފައިން ބުނީމަ އެނގުނީ ޑްރޯނަށް ލޮކޭޓް ކުރެވިގެން އައިކަން،" ސިމްބެ ބުންޏެވެ. 

މި ކާމިޔާބު އޮޕަރޭޝަން ހިންގީ މާފަރުގަ ތިބެގެން

ސިފައިންގެ ޔޫއޭވީ ބޭނުންކޮށްގެން މާފަރުގައި ތިބެގެން 300 ކިލޯމީޓަރު ދުރުގައި އޮންނަ މ. އަތޮޅުގައި ހިންގި މި އޮޕަރޭޝަނަށްފަހު ސިފައިން ވަނީ ފޮޓޯތައް އާއްމުކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ދޯނި ހުއްޓިފައި ކަނޑުމަތީގައި އޮންނަތަން ފެނެ އެވެ. އަދި ދޯނި ކައިރީގައި ކޯސްޓްގާޑް އުޅަނދެއް ހަރަކާތްތެރިވާތަން ވެސް ފެނެ އެވެ. 

ސިފައިން ވަނީ މި ދޯނި ހޯދުމުގެ އޮޕަރޭޝަންގައި ހުއްޓުމެއްނެތި ހައެއްކަ ގަޑިއިރު މާފަރުން ޔޫއޭވީ އޮޕަރޭޓްކޮށްކޮށްގެން ކޮަށްފަ އެވެ. މި ޔޫއޭވީތައް އުދުއްސީ ބޭރުން ތަމްރީންވެފައި ތިބި ދިވެހި ސިފައިންނެވެ.  

މާފުށްޓަށް ނިސްބަވްތާ "ފަރިހި 2" ދޯނި ގެއްލިގެން އިއްޔެ ފުރަތަމަ ފަހަރަށް ބޭނުންކުރި ޑްރޯންތަކަކީ ތުރުކީގެ ބައިކާރުގެ ޓީބީ-2 އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) އެކެވެ. މި އުޅަނދަކީ 25،000 ފޫޓު މަތިން އުދުހުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ސިފައިން މިފަދަ އުޅަނދެއްގެ އެހީގައި ސާޗް މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ސާޗް މަސައްކަތް ހިންގަނީ އިންޑިއާ ސިފައިންގެ އެހީ އާއި މޯލްޑިވިއަންގެ ބޯޓުގެ އެހީގައި ދުރުމި އަޅައިގެން ހޯދާ ގޮތަށެވެ. ނަމަވެސް މިޑްރޯންއަކީ އަނދިރީގައި ވެސް ދުރު ދެކެގަތުމުގެ ކުޅަދާކަން ހުރި އުޅަނދެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.