ސިޓީތަކާއި ކުދި ރަށްތަކުން އެމްޑީޕީއަށް ޔަގީން: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޓީތަކާއި ކުދި ރަށްތަކުން ވެސް އެމްޑީޕީއަށް ކާމިޔާބީ ޔަގީންކަމަށެވެ.

ކުރީގެ ރައީސް ސޯލިހު ވަޑައިގަތުމަށް ފަހު މީޑިއާތަކާ ބައްދަލުކުރައްވަނީ: ރައީސް ސޯލިހު ވިދާޅުވީ ފެންނަނީ ސާފު އަގުލަބިއްޔަތަކުން އެމްޑީޕީއަށް ކާމިޔާބީ ލިބޭނެކަމަށް -- ޔާމިން މުހައްމަދު / މިރާ

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑެތި ސިޓީތަކުންނާއި ކުދި ރަށްތަކުން ވެސް އެމްޑީޕީއަށް ކާމިޔާބުވާނެކަން ޔަގީންކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ވޯޓުލާން ވަޑައިގަތުމަށް ފަހު ނޫސްތަކާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފެންނަނީ މި އިންތިހާބުގައި ސާފު އަގުލަބިއްޔަތަކުން އެމްޑީޕީއަށް ކާމިޔާބީ ލިބޭ މަންޒަރުކަމަށެވެ. އެކަން ކެމްޕޭނު ހަރަކާތްތަކުންނާއި، މިއަދު ކުރިއަށްދާ އިންތިހާބުގެ ތެރެއިން ވެސް ފެންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ހާއްސަކޮށް ބޮޑެތި ސިޓީތަކުގެ އަގުލަބިއްޔަތު މާބޮޑަށް އަދި ހަމަ ކުދި ރަށްތަކުން ވެސް އެބަ ފެނޭ" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި އިރު އެމްޑީޕީއިން އެންމެ ފަހުން ވެރިކަންކުރާ ޕާޓީ ޕީއެންސީއާ ވާދަކުރި މާލޭ މޭޔަރު އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ. އަދި ރިޔާސީ އިންތިހާބުގައި މާލެއާ ޖެހިގެން ދެން އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއިން އެމްޑީޕީއަށް ކާމިޔާބީ ލިބުނެވެ. 

މި އިންތިހާބަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު ދެން އޮންނަ އެންމެ ބޮޑު އިންތިހާބެވެ. ކެމްޕޭނުގައި އެމްޑީޕީއިން ބުނަމުން ދިޔައީ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެޕާޓީއަށް އަގުލަބިއްޔަތު ލިބިގެންކަމަށެވެ. ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމުން ބުނަމުން އައީ ގައުމަށް ކުރިއެރުން ލިބި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒުތަކަށް ވާސިލުވުމަށް ކޮންމެހެން ވެސް ސަރުކާރުން ގަބޫލުކުރާ މެންބަރުންތަކެއް މުހިންމު ކަމަށެވެ. 

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ. މިއަދުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.