ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 17

އަހަރެންގެ ދަރިއެއްގެ ގޮތުގަ.،. މަންމައަށްޓަކާ އަޅެ މިވަރު ކަމެއް ކޮށްލަ ދީ.. އާދެސްކޮށްފަ މިބުނީ.. ދެފައި ދަށަށް ވެއްޓި.." އަޑުން އަޑު ނަގާ ރޮމުން، ޒީމާ ތިރިވީ ޝަރާގެ ފައިދަށަށެވެ.


- އެޕިސޯޑް 17 –

އިންތިހާއަށް ހިތްދަތި ވެފައި ހުރެ ޝަރާ ބަލައިލީ ތިރިއަށެވެ. އޭނާގެ ފައިދަށަށް ވެއްޓި ގިސްލާ ރޮމުން އެގެން ދަނީ ޒީމާ އެވެ. ޝަރާގެ ހިތަށް އެމަންޒަރު ބަލަން ފަސޭހައެއް ނުވިއެވެ. އޭނާގެ ދެއަތުން މަޑުމަޑުން އަތްޖައިސައިލީ ޒީމާގެ ކޮނޑުގައެވެ. އަދި މަޑުމަޑުން ޝަރާ ތިރިވެލިއެވެ. ކުޑަކަކޫ ޖަހައިލީ ޒީމާއާ މޫނު ސީދާވާ ގޮތަށެވެ.

"މަންމާ.. ތިވަރަށް ނުރޮއި.." 

ޝަރާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ޝަރާ އޭނާގެ ކަނާއަތުން ޒީމާގެ މޫނުމަތީގައި އަތް ކާއްތާލިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަ ދެމުންނެވެ.

"ދަރިފުޅާ! ޝަރާ.. މަންމަ ކިހިނެއް ކެތްކުރާނީ؟ އެއީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރި.. އަހަރެން ހާދަ އުއްމީދެއް ކުރީމޭ.. އެދަރިފުޅުގެ ހައްޤަށް.. އެ ދަރިފުޅުގެ މުސްތަޤުބަލަށް." 

ޒީމާ ވާހަކަ ކުރިއަށް ގެންދިޔައީ ރޮމުންނެވެ.

"އަހަރެން މިތަނަށް މިއައީ ތި ދެކުދިންގެ މެދުގަ މައްސަލައެއް ޖައްސާކަށް ނޫން.. ޝަރާއަށް ދެރައެއް ދޭކަށް ވެސް ނޫން.. އަހަރެން ދެކޭ ގޮތުގަ، އަހަރެންގެ އުއްމީދުތައް ފުރިހަމަ ކުރެވޭނީ ހަމައެކަނި ޝަރާއަށް.. އެއީ ޝަރާގެ އަތުގަ އޮތް، އަހަރެންގެ ދަރިފުޅު އަހަންނާ ހަވާލު ކުރީމަ.. ހެޔޮނުވާނެ ޝަރާ.." 

ޒީމާގެ ވާހަކަތަކުން ޝަރާއަށް ދިޔައީ ބުނެދޭން ނޭނގޭ ފަދަ ހިތްދަތިކަމެއް ލިބި ދެމުންނެވެ. ރޯން ބޭނުން ނުވިޔަސް، ޝަރާއަށް އޭނާގެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓާ ނުލެވުނެވެ. ހޯސްލާފައި ޝަރާގެ ކޯތާފަތް މައްޗަށް ވާރޭ ތިކިތަކެއް ފަދައިން ކަރުނަތައް އޮއްސައިގަތެވެ.

"ކީއްވެ މަންމާ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން އަޔާ ދެކެ ވަރަށް ލޯބިވޭ! ވަރަށް ބޮޑަށް ލޯބިވޭ! އެއީ އަހަރެންގެ ހުރި ހަމައެކަނި މީހަކީ.. އަޔާ ވެސް އަހަރެން ދެކެ ވަރަށް ލޯބިވޭ.. އެކަން އަހަންނަށް އިޙްސާސް ކުރެވޭ.. އަޔާއަށް ތިހެން ނުހަދާ މަން،މާ.. އަޔާ ބޭނުން ނަމަ، އަހަރެން އަޔާގެ ދިރިއުޅުމުން ދާނަން.. އެކަމު ގަދަ ބާރުން ތިހެން މަޖުބޫރު ނުކުރޭ މަންމާ.."

ޝަރާގެ ކޮންމެ ލަފުޒަކުން ޒީމާއަށް ލިބުނީ ހައިރާން ކަމެކެވެ. ޒީމާގެ އާދޭސްތަކަށް އެފަދަ ޖަވާބެއް ދޭން ޝަރާއަށް ކެރިދާނެ ކަމަށް ޒީމާ ހީވެސް ނުކުރެއެވެ. ރުޅިވެރިކަން ކިތަންމެހާ ވެސް ބޮޑަށް ހިތުގެ ތެރޭގައި ކެކިގެން ދިޔަ ނަމަވެސް، އެކަން ދައްކަން ޒީމާ ބޭނުން ނުވީއެވެ. އެހެން ކަމުން އިޙްސާސްތައް ވަންހަނާކޮށްލަމުން ޒީމާ ގެ ހިތާމަވެރި މޫނާއެކު، އޭނާ ކޮޅަށް ތެދުވިއެވެ.

ޒީމާއާ އެކުގައި ޝަރާ ވެސް ކޮޅަށް ތެދުވިއެވެ. ޒީމާ ވަގުތުކޮޅަކު ބަލަން ހުރީ ސީދާ ޝަރާގެ ދެލޮލަށެވެ. އެދެލޮލުން އޮހެމުން ދިޔަ އެއްވެސް ކަރުނައަކަށް ޒީމާގެ ފަރުވާއެއް ނެތެވެ. ޒީމާ ކަރުކެހިލަމުން ޝަރާއާ ފުރަގަސް ދިނެވެ.

"އަހަރެން ހައިރާން ވެއްޖިން.. އިންތިހާއަށް ދެރަވެއްޖިން.. ޝަރާއަށް ހަޤީޤީ މައިވަންތަކަން ނޭނގެނީ.. އެއީ ޝަރާއަށް އެލޯބި ނުލިބި ބޮޑުވީމަ ވާގޮތް... އެހެން ނޫން ނަމަ، ތިޔަ ނަސޭހަތް މަޔަކަށް ނުދޭނެ.. އަޅެ ޝަރާ ބޭނުން ވާނެތަ ޝަރާގެ ދަރިއަކަށް މިހެންވާން.. އަހަރެން ވަރަށް ބޮޑަށް ތި މާޔޫސް ކޮށްލީ.. މި މަންމަގެ ކަށު ނަމާދަށް ދައުވަތު އަރުވަން.." 

ޒީމާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.

"މަންމާ.." 

ޝަރާއަށް ކުއްލިއަކަށް ހުރެފައި ގޮވާލެވުނެވެ. ޒީމާ ދެއްކި ވާހަކަތަކުން ޝަރާގެ ހިތަށް ބޮޑު ބިރުވެރިކަމެއް ވެރިވެގެން ދިޔައީއެވެ.

"ނޫން މަންމާ.. ހެޔޮނުވާނެ!" 

ޝަރާ ކުރިއަށް އެޅި ފިޔަވަޅާއެކުގައި ޒީމާ ލުއިކޮށް ހީނލަމުން ހުއްޓުނެވެ. އަދި މޫނު އަނބުރާލަމުން ޝަރާއަށް ބަލައިލީ ހިތާމަވެރި މޫނަކާ އެކުގައެވެ.

"މަންމާ.. ކީއްކުރަން ތި އުޅެނީ؟" 

ޝަރާއަށް އަވަސް އަވަހަށް ނޭވާ ލެވެމުން ދިޔައެވެ.

"އަމިއްލަ އަށް މަރުވާނީ.. އަހަންނަކަށް ދެން ކެތެއް ނުވާނެ.. އަހަރެންގެ ދަރި ރަނގަޅަށް ބަލާތި! އިނގޭ.،. އަހަރެން ދެން ދަނީ ޝަރާ.. އަހަރެންގެ ދަރިފުޅުގެ ޙަޔާތުން އަހަރެން މުޅި އުމުރަށް މިދަނީ.. ހިތްހެޔޮ ކުރާތި!" 

ޒީމާ ލަސް ފިޔަވަޅުތަކެއް ނަގަމުން ހިނގައިގަތެވެ.

"ނޫން މަންމާ.." 

ކެތް ނުވެގެން ޝަރާއަށް އަޑުގެ ނެތްކޮޅަށް ރޯން ފެށުނެވެ. ޝަރާގެ ހިތް ހީވަނީ ރޫޅެނީހެންނެވެ. ހިތާމައިގެ ވޭނުން ޝަރާގެ ތިރީ ތުންފަތް ތުރުތުރު އަޅަނީއެވެ. ޝަރާ ބުނަން ދުލު ކުރީގައި އޮތީ އޭނާއަށް އެއްވެސް ވަރަކަށް ފަސޭހަ ވާހަކަތަކެއް ނޫނެވެ.

"އަހަރެން.. އަހަރެން.. އަޔާ ދޫކޮށްލާނަން މަންމާ.." ޝަރާގެ ދުލުން ކުދިކުދި ވަމުން ދިޔަ ލަފުޒުތައް ޒީމާގެ ކަންފަތުގައި ޖެހުނީ ހިތްގައިމު މިއުޒިކެއް ފަދައިންނެވެ.

"ކީކޭ ދަރިފުޅާ؟" ޒީމާ އުފަލުން ފޮޅިގެން ހުރެ ފަހަތް ބަލައިލިއެވެ. (ނުނިމޭ)


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.