ރައީސް ޔާމީން މިނިވަންކުރުމުން އުފާކުރަން: ސަރުކާރު

ރައީސް ޔާމީނު މިނިވަންވުމުން މަރުހަބާ ނުދެންނެވީ ކީއްވެގެންތޯ ސުވާލުކުރުމުން ސަރުކާރު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވިދާޅުވީ، އެމަނިކުފާނު މިނިވަންވުމުން އުފާކުރައްވާކަމަށެވެ.

ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަށް ފަހު ސަޕޯޓަރުންނާ އެކު އުފާފާޅުކުރައްވަނީ ފޮޓޯ -- ޔާމިން މުޙައްމަދު |މިރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތުމުން މުޅި ސަރުކާރުން އެކަމާ އުފާކުރައްވާކަމަށް، ޕީއެންސީ/ޕީޕީއެމް ހިމެނޭ ސަރުކާރު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ހީނާ މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް ސަރުކާރުގެ އިސްވެރިން މަރުހަބާ ނުދެންނެވީ ކީއްވެގެންތޯ ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ. 

"އެމަނިކުފާނު [ރައީސް ޔާމީން] އެ ހަރާމް ހުކުމުން ކުރީ ދުވަހު މިނިވަންވެވަޑައިގަތުމަކީ ޕީޕީއެމް/ޕީއެންސީގެ ހުރިހާ ބޭފުޅުން އުފާކުރާކަމެއް." ހީނާ ވިދާޅުވި އެވެ. 

ހީނާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް "ހަރާމް ހުކުމެއް" އިއްވައި، އެމަނިކުފާނު ޖަލުގައި ބަންދުކޮށް، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގުން މަހުރޫމްކުރުވީ ވެސް އޭރު އޮތް އިދިކޮޅު އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. 

ރައީސް ޔާމީން މިނިވަންވެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އުފާކުރައްވާ ކަމަށާއި، އެކަން އެކި ޕޯޑިއަމްތަކުގައި ރައީސް ހާމަކުރެއްވި ކަން ހީނާ ފާހަގަކުރި އެވެ. 

"އެމަނިކުފާނުގެ ވައުދުފުޅު އެއީ އެއްވެސްގޮތަކަށް ޝަރުއީ ނިޒާމަށް އަތް ނުބާނާ ޝަރުއީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކުރެއްވުމުގެ ވައުދު އެމަނިކުފާނު އެވަނީ ފުއްދަވާފައި" ހީނާ ވިދާޅުވި އެވެ. 

ވ. އާރަށް ވިއްކުމުގައި ކޮރަޕްޝަނާއި މަނީލޯންޑަރިންގެ އަމަލު ހިންގާފައިވާކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022ގަ އެވެ. އެ ހުކުމް ކްރިމިނަލް ކޯޓުގައި އިސްތިއުނާފްކުރުމަށް ހުށަހަޅައި، އަޑު އެހުންތައް ނިންމާލީ މިދިޔަ ނޮވެމްބަރުގަ އެވެ. ހުކުމްކުރުން އޮތީ ބުރާސްފަތި ދުވަހު އެވެ. 

އެމްއެމްޕީއާރުސީގެ ތެރެއިން ގއ. ވޮޑެމުލާ ވިއްކުމުގައި ހިޔާނާތުގެ އަމަލު ހިންގިކަން ސާބިތުވެ ރައީސް ޔާމީނުގެ މައްޗަށް ހުކުން ވެސް ކުރި އެވެ. އެކަމަކު އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް ވަނީ ދައުލަތުގެ ފައިސާކަން ސާބިތު ނުވާތީ ސުޕްރީމްކޯޓުން ރައީސް ޔާމީން މިނިވަންކުރި އެވެ. 

މީގެ ތެރެއިން އަދި ނުނިމި އޮތް މައްސަލައެއް ވެސް ހިމެނެ އެވެ. އެގޮތުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނެ، ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައި ވެއެވެ. މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އަދިވެސް ކުރިއަށް ދެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.