ރައީސްގެ ޔަގީންކަން: ފުރުސަތު ދީފިނަމަ ވައުދުތައް ހަލުވި ދުވެލީގައި ފުއްދާނެ

އެމަނިކުފާނު އެދިވަޑަައިގަތީ ސިޔާސީ ވިސްނުމާއި ޒާތީ ކަންކަން ދޫކޮށް ތަރައްގީއާ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވޯޓް ދެއްވުމަށެވެ. އެ ފަދަ ވޯޓެއްގެ ނަތީޖާ މި ފަސް އަހަރު މުޅި ރާއްޖޭން ފެންނާނެ ކަމުގެ ޔަގީން ވެސް ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓުން އިންތިހާބު ކޮށް ދެއްވައިފިނަމަ ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފަސް އަހަރުގެ ތެރޭގައި ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

މާލެ ސިޓީގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ކޮންމެ ވައުދަކީ ވެސް އެ ވައުދެއް ފުއްދެވުމުގެ އިހްލާސްތެރި ހެޔޮ / ތެދު ނިޔަތް އޮވެގެން ވެވަޑައިގެންނެވި ވައުދުތަކެއް ކަމަށެވެ.

އެމަނިކުފާނުގެ ބޭނުންފުޅަކީ ރާއްޖެ ތަރައްގީކޮށް ސަލާމާތައި ރައްކާތެރިކަން ކަށަވަރު ގައުމަކަށް ހެއްދެވުން ކަމަށް ވިދާޅުވި އެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ ވަގުތުކޮޅެއް ހޭދަ ކުރައްވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ސަރުކާރު ހިންގުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ އެހެން ބާރުތަކުގެ އެހީތެރިކަމާއި އެއްބާރުލުން އިންތިހާއަށް މުހިންމު ކަމަށެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިންމު ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން

އަބަދާއި އަބަދު ބަދަލު ހިފުމުގެ ރޫހުގައި ތިބޭ ބަޔަކަށް މަޖލީހުން ފުރުސަތު ދީފިނަމަ އޮންނާނީ ހަމަނުޖެހުން ކަމަށާ އޭރުން ސަރުކާރުން ބޭނުންވާ އަމާޒަށް ގައުމުގެ މިސްރާބު ނުގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. އެފަދަ މެންބަރުން އިންތިހާބު ކޮށްފިނަމަ ރައްޔިތުންގެ ތަރައްގީ ހުއްޓި ސަރުކާރަށް ހުރަސް އެޅުން ނޫން ކަމެއް ނުފެންނާނެ ކަމަށް ވިދާޅުވި އެވެ. މިހާރު އޮތް މަޖިލީހުން އެކަންކަން މިދިޔަ ފަސް މަސްދުވަހު، ކޮންމެ ޖަލްސާއަކުން ދިޔައީ ފެންނަމުން ކަމުގައި ވިދާޅުވި އެވެ.

"މިސާލަކަށް ވަޒީރުންނަށް ރުހުން ނުދިން. އެއްވެސް ސަބަބެއް ނެތި. އެގޮތަކަށް ނޫންތޯ މި ފަސް މަސް މިދިޔައީ،"

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައި އިހްލާސްތެރިކަމާ އެކު ބައިވެރިވެ ތަރައްގީ ގެނައުމަށް އެހީތެރިވެދޭނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކަމަށެވެ. މުޅި ރާއްޖެއިން 93 ދާއިރާއަށް އެމަނިކުފާނާއި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓުން އިންތިހާބު ކޮށް ދެއްވައިފިނަމަ ވަރަށް ބާރު ސްޕީޑްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެއީ ހަމަ ހުރެފައި ވިދާޅުވާ ވާހަކަފުޅެއް ނޫން ކަމަށާ ފަސް އަހަރުތެރޭ އަމަލާއި ބަހުން އެކަން ސާބިތު ކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ރައްޔިތުން އަދާކުރަން ނިކުންނަނީ ވަރަށް މުހިންމު ޒިންމާއެެއް ކަމަށާ އެއީ ސުވާލު ވެވޭނެ ގައުމީ ޒިންމާ އެއް ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ތަކުރާރު ކޮށް އިލްތިމާސް ކުރެއްވި އެވެ. އެމަނިކުފާނު އެދިވަޑަައިގަތީ ސިޔާސީ ވިސްނުމާއި ޒާތީ ކަންކަން ދޫކޮށް ތަރައްގީއާ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވޯޓް ދެއްވުމަށެވެ. އެ ފަދަ ވޯޓެއްގެ ނަތީޖާ މި ފަސް އަހަރު މުޅި ރާއްޖޭން ފެންނާނެ ކަމުގެ ޔަގީން ވެސް ދެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.