ކޮންގްރެސް ކެންޑިޑޭޓުން ހޮވައިދެެއްވާ، ހުވަފެން ހަގީގަތަކަށް ހަދައިދީ ފަސް އަހަރުން އައްޑޫ ބަދަލުކޮށްލާނަން: ރައީސް

"އަޅުގަނޑު ދޭ ޔަގީން ކަމަކީ އައްޑޫ ސިޓީގެ ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް އަޅުގަނޑުމެންގެ އަށް ކެންޑިޑޭޓުން ހޮއްވަވައިދެއްވައިފިނަމަ އެ ނަތީޖާ ނެރެދޭނަން. ބަދަލު ގެންނަން ވީ ހެޔޮ ބަދަލެއް ވީމަ. މިއީ ހެޔޮ ބަދަލެއް،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިން ރެލީ އެއް ގައި ވާހަކަފުޅު ދައްކަވަނީ

އައްޑޫ ސިޓީގެ އަށް ދާއިރާ އިން ކޮންގްރެސްގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކޮށް ދީފިނަމަ މާލެ ސިޓީއާ އެ ފެންވަރަށް އައްޑޫ ސިޓީ ތަރައްގީކޮށް ކުރިއަށް އޮތް ފަސް އަހަރު އެ ސިޓީ މުޅިން ބަދަލުކޮށްލާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށް މާލެ ސިޓީގައި މިރޭ ބޭއްވި ކެމްޕެއިން އިވެންޓެއް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީއާ ކުރިއެރުމުގެ ފޮނި އުންމީދުގައި އައްޑޫގެ ރައްޔިތުން އެއް ބަޔަކަށް ވަރަށް ގިނަ ފުރުސަތު ދީފައިވާ ކަމަށެވެ. ބައެއް ބޭފުޅުންނަށް ވިހި / ފަނަރަ އަހަރު ވޯޓް ދީ އިންތިހާބު ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުން ކުރި އުންމީދާއި ބޭނުންވި ނަތީޖާގެ ކުޑަ މިންވަރެއް ވެސް ހާސިލު ނުކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވިހިވަނަ މަޖިލީހަށް ސަރުކާރު ކޯލިޝަނުން -- ކޮންގްރެސްގެ ޓިކެޓް ގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ނިކުމެ ތިބީ އައްޑޫ ސިޓީ ބޭނުންވާ ނަތީޖާ ނެރެ ދިނުމަށް ކަމަށާ އެއީ އިހްލާސްތެރި ކަމާއެކު މަސައްކަތް ކުރާނެ މެންބަރުންތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި ފަހަރުގެ އިންތިހާބު ގައި ދެވަނަ ވިސްނުމަކަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާ ތިމާ އަކީ ކޮންމެ ޕާޓީއެއްގައި ހުރި މެންބަރަކަށް ވިޔަސް ކޮންގްރެސް ކެންޑިޑޭޓަަށް ވޯޓްދީ ހޮވައިދީފިނަމަ އެއީ ތަރައްގީއަށް ދެވޭ ވޯޓަކަށް ވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.

"އަޅުގަނޑު ދޭ ޔަގީން ކަމަކީ އައްޑޫ ސިޓީގެ ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް އަޅުގަނޑުމެންގެ އަށް ކެންޑިޑޭޓުން ހޮއްވަވައިދެއްވައިފިނަމަ އެ ނަތީޖާ ނެރެދޭނަން. ބަދަލު ގެންނަން ވީ ހެޔޮ ބަދަލެއް ވީމަ. މިއީ ހެޔޮ ބަދަލެއް،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނާއި މުޅި ވަޒީރުންގެ މަޖިލީސް އަދި ސަރުކާރުން ކޮންމެ ވަގުތެއް ހޭދަކުރަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ކަމަށެވެ. މި ސަރުކާރުގެ ތަރައްގީގެ އެންމެ މައި އެއް ހަބަކީ އައްޑޫ ސިޓީކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ އައްޑޫ ތަރައްގީއަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. 

އެހެން ކަމުން އާދިއްތަ ދުވަހު އޮންނަ އިންތިހާބު ގައި އައްޑޫގެ ރައްޔިތުން ނިކުންނަންވީ ސިޓީގެ ރޫހުގައި ތަރައްގީ ޔަގީން ކުރުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް މިރޭ ވެސް ވިދާޅުވީ ސަރުކާރުން ކިތަންމެ މަސައްކަތް ކުރިނަމަވެސް މަޖިލީހުން އެއްބާރުލުން ނުލިބޭނެމަ ސަރުކާރުން އެދޭ ބާރު ސްޕީޑްގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގޭނެ ކަމަށެވެ. ނިމެމުންދާ 19 ވަނަ މަޖިލީހުން ސަަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާ ފުރަތަމަ ކަމަކަށް ސަރުކާރުން ބޭނުންވި ބަޖެޓް ފާސްކޮށްދޭން ވެސް އިދިކޮޅު މެންބަރުންގެ މެޖޯރިޓީ އޮތް މަޖިލީހުން ދެކޮޅު ހެދި ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެފަދަ މެންބަރުން ދެން ހޮވައިފިނަމަ ތަރައްގީގެ މަޝްރޫއުތަކާއި ދެކޮޅަށް ވޯޓް ދޭން ވެސް އެ ޕާޓީތަކުން އަންގާފާާނެ ކަމަށާ މިއީ އެެފަދަ ބަޔަކަށް ފުރުސަތު ދޭންވީ ވަގުތު ނޫން ކަމަށެވެ.

"ކީކުރަންތޯ އެހެން ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން، އެ މީހުން ހޮވިޔަސް ވާނެ ގޮތަކީ -- މިއީ ހަަމަ ހަގީގަތް، އެ ޕާޓީއެއްގެ ޕާޓީ ލައިން ފޮލޯ ކުރަން ޖެހޭނީ،"

އައްޑޫ ސިޓީގެ ބްރިޖްގެ މަސައްކަތާއި 282 މިލިއަން ރުފިޔާގެ ފެނުގެ ނެޓްވޯކް މަސައްކަތާއި ކަރަންޓް އަޕްގުރޭޑް މަޝްރޫއު މިހާރުވެސް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ. މި މަޝްރޫއުތައް ނިމޭއިރު އައްޑޫ ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގުރޭޑް ވާނީ ކުރިއަށް އޮތް 20 އަހަރު އިތުރު މައްސަލަތަކެއް ދިމާނުވާނެ މިންވަރަށް ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ހަންކެނޑެ މަޝްރޫއު ފެށިފައިވާއިރު އައްސޭރި ޓޫރިޒަމް މަޝްރޫއުގެ ދަށުން 6،000 އެނދު ތަރައްގީ ކުރެވޭނެ ކަމަށެވެ. އައްޑޫ އެދެމުންދާ ފަދަ ފެންވަރަށް އެއާޕޯޓް ތަރައްގީ ކުރާނެ ކަމަށާ ޝަންގްރިލާ މަަޝްރޫއު ވެސް ހަގީގަތަކަށް ހަަދައިދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސްކާރުހާނާތައް ތަރައްގީ ކުރުމާ އެފަދަ އެތައް މަޝްރޫއުތަކެއް މި ފަސް އަހަރަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަކީ އަބަދު ތަރައްގީގެ އުންމީދުގައި ތިބެން ޖެހޭނެ ބަޔަކަށް ދެން ނުހައްދަވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ މަޖިލީހުގައި އައްޑޫގެ އަށް ގޮނޑި ކޮންގްރެސްއަށް ހޯދައިދީފިނަމަ މާލެ ސިޓީއާ އެ ފެންވަރަށް އައްޑޫ ސިޓީ ތަރައްގީކޮށް ދޭނެ ކަމުގެ ކަށަވަރު ކަން މިރޭ ވެސް ދެއްވާފައެވެ. ރައީސް ވިދާޅުވީ ފަސް އަހަރުން އައްޑޫ ބަދަލު ކޮށްލައްވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.