އަލީއަށް ހާއްސަ ދުވަހެއް، ރަށެއްގައި އިމާމުވެ ކުރާ ފުރަތަމަ ހުކުރު މަންމަގެ ރަށުގައި

"މީހުން ދިރިއުޅޭ ރަށެއްގައި ހުކުރު ކުރާ މިއީ ފުރަތަމަ ފަހަރު. ފުރަތަމަ ހުކުރު މި ދިމާވީ މަންމަގެ ރަށުގައި،"

އަލީ ރަމީޒު: ދީނީ މައުލޫމާތު ފެތުރުމުގައި އެންމެ އިސް ދައުރެއް ފަރުދީ ގޮތުން އަދާ ކުރާ އެކަކީ އަލީ ރަމީޒު

ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމަކާއި އިހްތިރާމާއި ލޯބި އޮތް އެކަކީ އަލީ ރަމީޒެވެ. ދިވެހީންގެ ހިތުން އޭނާ ފުރަތަމަ ޖާގަ ހޯދީ ރާއްޖޭ ގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާގެ ގޮތުގަ އެވެ. އެ ދާއިރާ އިން އެންމެ އުހުގައި ވިދާލުމަށް ފަހު ކުއްލި ގޮތަކަށް ލަވައިގެ ދުނިޔެއާ ވަކިވެ ދައުވަތު ފެތުރުމުގެ މަސައްކަތަށް ހުރިހާ ވަގުތެއް ހުސްކުރި އެވެ. އެހިސާބުން ވެސް ދިވެހީންގެ މެދުގައި އޭނާއަށް އޮތް މަގުބޫލު ކަމަކަށް ބަދަލެއް ނައެވެ. އިހްތިރާމާއި ލޯބި ވީ އިތުރެވެ. 

މިއަދަކީ އަލީގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެކެވެ. މިއީ މީހުން ދިރިއުޅޭ އާންމު ރަށެއް ގައި އޭނާ އިމާމުވެ ހުކުރު ކުރާ ދުވަހެވެ. ހދ. ކުރިނބީ މަސްޖިދު އީސާކަލޭފާނު ގައި މިއަދުގެ ހުކުރު ހުތުބާ ކިޔާ އިމާމުގެ ނަމާދު ކުރަނީ އަލީ އެވެ.

އިމާމު ކަމުގެ ސެޓިފިކެޓް ހާސިލު ކުރިތާ އެތައް އަހަރެއްގެ ފަހުން އަތޮޅުތެރޭގެ ރަށެއްގައި އިމާމުވެ އޭނާ ކުރާ ފުރަތަމަ ހުކުރަށް ވުމުގެ އިތުރުން ކުރިނބީ ގައި އެކަން ވުމަކީ ވެސް އަލީ އަށް ހާއްސަ ކަމެކެވެ. އެއީ އަލީގެ މަންމަ އެ ރަށަކަށް ނިސްބަތްވާ އޭނާގެ އާއިލާ އޮތް ރަށަކަށް ވާތީ އެވެ.

ކުރިނބީ ގައި މިއަދު ހުކުރު ކުރާ ހަތީބަކީ އަލީ ރަމީޒު ކަން ފާހަގަކޮށް އެ ރަށު ކައުންސިލުން ވަނީ ޕޯސްޓެއް ވެސް ކޮށްފައެވެ. މިއީ ކައުންސިލާއި ރައްޔިތުންނަށް ވެސް ލިބޭ އުފަލަކާއި ޝަރަފެކެވެ.

"ދަ މިރާ" އާ ވާހަކަ ދައްކަމުން އަލީ ބުނީ ރަސްމީ ގޮތެއްގައި ރަށެއްގައި އިމާމުގެ ހުކުރު އަދި ނުކުރާ ކަމަށެވެ. ނަމަވެސް މީގެ ދުވަސްކޮޅެއްގެ ކުރީން ފެށިގެން ވަރަށް ގިނަ ހުކުރުގައި ރިސޯޓް ރަށެއް ކަމަށްވާ -- ކްރޮސްރޯޑް ގައި ހުކުރު ކުރަމުން އައި ހަތީބަކީ އޭނާ އެވެ. 

"މީހުން ދިރިއުޅޭ ރަށެއްގައި ހުކުރު ކުރާ މިއީ ފުރަތަމަ ފަހަރު. ފުރަތަމަ ހުކުރު މި ދިމާވީ މަންމަގެ ރަށުގައި،"

އޭގެ ކުރީން މިދިޔަ އީދު ދުވަހު ބ. ދަރަވަންދޫ ގައި ކުރެވުނު އީދު ނަމާދުގެ ހަތީބަކީ ވެސް އަލީ އެވެ.

އިމާމުވެ ހުކުރުނަމާދު ކުރުމާއި އީދު ނަމާދު ކުރުމުގެ ހުއްދަ އަލީ ރަމީޒަށް ދީފައިވަނީ އޮކްޓޫބަރު 11، 2010 ވަނަ އަހަރު އެވެ. އަލީ އަކީ ވަރަށް ރީތިކޮށް ކީރިތި ގުރުއާން ކިޔަވާ ބޭފުޅެކެވެ. ބައެއް މިސްކިތްތަކުގައި ވަގުތީ ގޮތުން އިމާމުކަން ވެސް ކޮށްފައިވެ އެވެ. ކުދީންނަށް މަހުރަޖަށް ރީތިކޮށް ގުރުއާން ކިޔަވަަން ދަސްކޮށްދޭން ކްލާސްތައް ވެސް ހިންގަ އެވެ.

ނަމަވެސް މިދިޔަ ދައުރުގައި -- ފަސް އަހަރު އޭނާގެ އިމާމު ކަމުގެ ހުއްދަ އޮތީ ހިފަަހައްޓާ ފައެވެ. މިހާރު ހިނގަމުންދާ ދައުރު ފެށުމާ އެކު އެ ހުއްދަ ވަނީ ލިބިފައެވެ. އެނގިފައިވާ ގޮތުގައި އަލީ ރަމީޒުގެ އިމާމު ކަމުގެ ހުއްދަ ހިފަހައްޓާފައި އޮތީ ގަސްތުގައެވެ. އެ ދައުރުގައި އެ ހުއްދަ އާ ކުރުމަށް ޓެސްޓް ވެސް ހެދި އެވެ. ނަމަވެސް މިނިސްޓްރީން އެ ހުއްދަ ނުދީ ބާއްވާފައި އޮތީ އެވެ. އިސްލާމިކް މިނިސްޓްރީ އޭރު ކޮންޓްރޯލް ކުރި އަދާލަތަށް އަލީ ރަމީޒުގެ ފާޑުކިޔުން އޮވެ އެވެ. އިސްލާމިކް މިނިސްޓްރީން އޭރު ގެންދިޔައީ ހުއްދަ ނެތި އިމާމުވެ އަލީ ރަމީޒު ނަމާދު ކުރޭތޯ ވެސް ބަލަމުންނެވެ.

ދިވެހީންގެ މެދުގައި ދީނީ މައުލޫމާތު ފެތުރުމުގައި އެންމެ އިސް ދައުރެއް ފަރުދީ ގޮތުން އަދާ ކުރާ އެކަކީ އަލީ ރަމީޒެވެ. ފުންނާބު އުސް ދީނީ އިލްމުވެރީންނާއެކު ޓީވީ ޕްރަގްރާމްތައް އޭނާ ގެނެސް ދެއެވެ. އިލްމުވެރީންނާއެކު އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކޮށް ދަރުސްތައް ބާއްވައެވެ. ވަރަށް ގިނަ ދީނީ ފޯރަމްތައް ހުށައަޅައިދެއެވެ. ލިބިފައިވާ މަޝްހޫރު ކަމުގެ ބޭނުން މި ފަހުން މުޅީން ހެން ކުރަނީ ދީނީ މައުލޫމާތު ފެތުރުމުގަ އެވެ. ފޭސްބުކާއި ޔޫޓިއުބް ގައި އިލްމުވެރީންގެ ދަރުސްތަކާއި ދީނީ ގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު ތައް ކޮންމެ ދުވަހަކު ހެން ގެނެސް ދެއެވެ. ސޯޝަލް މީޑިއާ ގައި ދިވެހީން ހިންގާ އެކައުންޓްތަކުގެ ތެރެއިން އެންމެ ގިނަ ފްލޯވަރުން ހިމެނެނީ އަލީ ހިންގާ އެކައުންޓްތަކުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.