ޝިޔާމާ އަބްދުއްރަހީމަށް އިހްލާސްތެރީންގެ ވާހަކަ ދެއްކުމުގެ ހައްގެއް ނެތް: ޔާމީން

ރައީސް މުއިއްޒުގެ ރޯލް މޮޑެލް އަކީ އަބްދުއްރަހީމް. އެކަމަކު އަޅުގަނޑުގެ ރޯލް މޮޑެލްއަކަށް އަބްދުއްރަހީމެއް ނުވާނެ. އެއީ ވާނެ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް (ކ) އަބްދުއްރަހީމް އަބްދުﷲ (މ) ރައީސް އަބްދުﷲ ޔާމީން (ވ)

އެމަނިކުފާނަށް އިހްލާސްތެރީ ކޮން ބައެއްކަން މިނިސްޓަރު އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަށް އެނގިވަޑައިނުގަންނަވާނެ ކަމަށާ އެ ވާހަކަ ދެއްކެވުމުގެ ހައްގު ވެސް އެ ދެ ބޭފުޅުންނަށް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދެ ދައުވާއެެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ގައި ހުންނެވި ރައީސް ޔާމީން މިރޭ ވަނީ މިނިވަންވެވަޑައިގެންފަ އެވެ. މިދިޔަ ފަސް އަހަރެއްހާ ދުވަހު އެމަނިކުފާނުގެ މައްޗަށް ގިނަ ދައުވާތައް އުފުލާ ފުލުފުލު ގައި ޝަރީއަތް ހިންގާފައިވެ އެވެ. ޔާމީން މިނިވަންވެވަޑައިގެންނެވިއިރު އެމަނިކުފާނުގެ ދިފާއުގައި ކުރީން އަޑުއުފުލި ވަރަށް ގިނަ ބޭފުޅުން ތިއްބެވީ މިވަގުތު އެމަނިކުފާނާ ދުރުގައެވެ.

ޔާމީން އަރިހުގައި ތިއްބެވީ ލީޑާޝިޕްގައި ހިމެނޭ ވަރަށް މަދު ބޭފުޅުންކޮޅެކެވެ. އެ ބޭފުޅުންގެ އިހްލާސްތެރިކަމާ މެދު ޔާމީނާއި ދުރުގައި މިވަގުތު އޮތް ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕުން ދަނީ ސުވާލު އުފައްދަމުންނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ޔާމީނަށް އަދިވެސް އިހްލާސްތެރީ އެ ބޭފުޅުންނެވެ.

ޔާމީންގެ މައްޗަށް އޮތް ދެ ހުކުމް ބާތިލުކޮށް މިނިވަން ކުރުމާ އެކު ޕީއެންއެފް އޮފީގަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ޕީޕީއެމް / ޕީއެންސީގެ ވެރީން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

"ރައީސް ޔާމީނަށް އިހްލާސްތެރި ވަނީ ތިމަންނާމެންނޭ ބުނުމުގެ ހައްގެއް އެ މީހުންނަށް [ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ވެރީންނަށް] ނޯންނާނެ. އެ ޖަޖު ކުރާނީ އަޅުގަނޑު. އޭގެ ފަނޑިޔާރަކަށް ވާނީ އަޅުގަނޑު،"

ޔާމީން ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް މިއަދު ވާހަކަ ދައްކާ ބޭފުޅުންނަކީ އެމަނިކުފާނު "ބިލްޑު ކުރި" -- އުފެއްދި ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންގެ ވާހަކަތަކާއި އަމަލުތައް ހުރި ގޮތުން ހިތުގައި ޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މީހެއްގެ އިހްލާސްތެރިކަން ސާބިތު ކޮށް ދޭނީ ދައްކާ ވާހަކަ އަކުން ނޫން ކަމަށާ އެއީ އަމަލު ސާބިތުކޮށް ދޭން ޖެހޭ ކަމެއް ކަމެވެ.

ޔާމީން ވިދާޅުވީ ޖަމީލްގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދާއިރު އެމަނިކުފާނުގެ މައްޗަށް އުފުލުނު ދައުވާތަކާއި ގުޅިގެން ވަކީލަކު އައްޔަނު ކުރުމަށް ކުރެވުނު މަސައްކަތު ގައި އެތައް ބޭފުޅުންނެއް އަރިހަށް ވަޑައިގެންނެވި ކަމަށެވެ. ވަރަށް ގިނަ ސީނިއާ ވަކީލުންނަށް ހުށައެެޅުމުން ވެސް އެއްބަސްވެވަޑައިނުގެންނެވި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވަކީލަށް ޖަމީލް ވަޑައިގެންނެވީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށެވެ.

"އަޅުގަނޑު އެންމެ ބޭނުންވީ ދުވަހު އެއްވެސް މަަޖުބޫރު ކަމެއް ނެތި އަޅުގަނޑާ އެކީ އަޅުގަނޑުގެ ލީގަލް ޓީމު ބަލަހައްޓައިދޭން އިސް ބޭފުޅަކަށް ޑރ. ޖަމީލް ވަޑައިގަތީ. އަޅުގަނޑުގެ ގެ ހިތުގައި އެކަން ދެން އެކަމެއް ނުފިލާނެ، އިންތިހާއަށް އަޅުގަނޑު ޝުކުރުވެރިވާނެ،"

އަދި ވިދާޅުވީ ޖަމީލާ މަލީހަކީ ކޮން ބައެއް ކަމާއި އިހްލާސްތެރިކަން ކިޔައިދޭން ޕީޕީއެމާއި ޕީއެންސީގެ އިސް ވެރީން ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުގެ ކައިރީގައި ޑރ. ޖަމީލާ މަލީހާ ގޯސް ހަދާ ވާހަކަ ޝިޔާމްއާ އަބްދުއްރަހީމާ ދެން ދައްކަވާނެ ކަމެއް ނެތް. ރައީސް މުއިއްޒުގެ ރޯލް މޮޑެލް އަކީ އަބްދުއްރަހީމް. އެކަމަކު އަޅުގަނޑުގެ ރޯލް މޮޑެލްއަކަށް އަބްދުއްރަހީމެއް ނުވާނެ. އެއީ ވާނެ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.