"ޝަރީއަތް ދިގުލައިގެން ގޮސް ބޮޑެތި ހައްގުތަކެއް ގެއްލިއްޖެ"

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވުމުން ޒާތީ ގޮތުން ކަންބޮޑުވެވަޑައިނުގަތް ނަމަވެސް އެއީ ވެސް ގެއްލިގެން ދިޔަ ހައްގެއްކަން ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ހައިކޯޓު ކުރިމަތީ ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- މި

 ވ. އާރަށު މައްސަލައިގައި އުފުލި ދައުވާތައް ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިފަހުން ޝަރީއަތް އެތައް ދުވަހަކަށް ދިގުލައިގެން ދިއުމުން ވަރަށް ބޮޑެތި ހައްގުތަކެއް ގެއްލިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހައިކޯޓުން މިއަދު ވަނީ ރައީސް ޔާމީން މިނިވަން ކުރައްވާފަ އެވެ. ނަމަވެސް ދަށު ކޯޓުން މައްސަލަ ނިންމުމުގައި ގޯސްތަކެއް ހަދާފައި ވާތީ އަލުން މައްސަލަ ބަލަން ވަނީ ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފަ އެވެ. 

ހުކުމަށްފަހު މިނިވަނެއްގެ ގޮތުގައި ހައިކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަންވެޑައިގަންނަވާނެކަން މާ ކުރިން ވެސް އެނގިިވަޑައިގަންނަވާ ކަމަށެވެ. މިއީ އުފައްދައިގެން ކޮށްފައިވާ ދައުވާތަކެއް ކަމަށާއި މައްސަލައިގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި މައްސަލަ ހައިކޯޓަށް ހުށަހެޅިފަހުން އެތައް ކަމެއް ދިމާވެ ޝަރީއަތްތައް ލަސްވެގެން ގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަކީލުން ހާޒިރު ނުވެގެންނާއި ފަނޑިޔާރުން ޗުއްޓީއަށް ދިއުމާއި އަދި އަޑު އެހުންތައް ނިންމާލުމަށްފަހު ހުކުމްކުރުމާ އެދޭތެރޭ ވެސް ހަތަރު މަސް ހިނގާފައިވާ ކަމަށެވެ.

ހުކުމް ކުރުން ލަސް ކުރުމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް އެމަނިކުފާނު ކުރައްވާ ތުހުމަތު ވެސް ތަކުރާރު ކުރައްވާފައިވެ އެވެ.

"ދައުލަތުން ވެސް ބޭނުންވާނީ، އެމްޑީޕީ ސަރުކާރުން ވެސް ބޭނުންވާނީ އަޅުގަނޑުގެ މައްޗަށް ކްރިމިނަލް ކޯޓުން އައި ހުކުމް މި ކޯޓުން ދަމަހައްޓާނެ ކަމަށް އެމީހުން އުންމީދު ކުރާނީ. އެކަމަކު ދަމަހައްޓާނެ ކަމުގެ ފޭރާން ހުރި އެވިޑެންސް ހުށަހެޅިފަ ނެތީ އިނގޭތޯ،" ރައީސް ޔާމީން ސާބިތުކަމާއެކު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެންމެ ދެރަފުޅު ވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މީހަކު ތާށިވުމުން ޝަރީއަތްތައް އަވަސް ކުރެވޭނެ ގޮތެއް ނެތުމުން ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވުމުން ޒާތީ ގޮތުން ކަންބޮޑުވެވަޑައިނުގަތް ނަމަވެސް އެއީ ވެސް ގެއްލިގެން ދިޔަ ހައްގެއްކަން ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ހައިކޯޓު ކުރިމަތީ ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- މި

"އަޅުގަނޑު ޒާތީ ގޮތުން މާ ބޮޑަށް ކަންބޮޑެއް ނުވޭ ރިޔާސީ އިންތިހާބުގަ ކުރިމަތި ނުލެވުނީމަ، އެކަމަކު މިއަދުގެ ނަތީޖާއިން ކީކޭ މި ބުނެދެނީ، އެ ސުޕްރީމް ކޯޓަށް ގޮސްގެން އަޅުގަނޑުގެ ކެނޑިޑެސީ އެލިޖިބިލިޓީ ބާތިލުވީއިރު މިއަދު މި ބޭފުޅުން ކުރި ހުކުމް އަޅުގަނޑު ގަބޫލުކުރަނީ މިއަށްވުރެ މާކުރިން ކުރެއްވޭނެއޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ނޫނަސް އެހެން މީހެއްގެ މައްސަލަ ވެސް މިހާ ދިގުލައިގެން ދިއުމަކީ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ޖާނަލިސްޓުން ވެސް އެބަ އަހަން ޖެހޭ ސިޔާސީ މީހަކަށް ވީމަ މިހެން ޝަރީއަތް ލަސްވެގެންދާން ޖެހޭނެތޯ، މީގެ ތެރޭގަ ރައީސް ޔާމީން އެއްވެސް ކަމަކަށް ކުރިމަތިލިޔަ ނުދޭން ނޫނިއްޔާ ރައީސް ޔާމީން ޖަލުގަ ހުރުމަކީ ތިމަންނަމެންގެ އުފަލަކަށް ދެކޭކަމަކަށް ވަންޏާ ފިޔަވާ އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެ މި މައްސަލަތައް ދިގުލައިގެން ދާންވާނެ ކަމަކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ލޯޔަރުން ކުރެއްވި ބުރަ މަސައްކަތަށް ތައުރީފު ކުރައްވާ ޝުކުރު ވެސް ދަންނަވާފަ އެވެ. އަދި ދެގޮތެއް ނުވެ ތިބި ސަޕޯޓަރުންނާއި އެމަނިކުފާނު މިނިވަންކޮށްދެއްވުމަށް ދުއާ ކުރަމުންދިޔަ ރައްޔިތުންނަށް ވެސް ޝުކުރު ދެންނެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.