ކާރަށް އަރާވަޑައިގަންނަވަމުން ޔާމީނު އެއްސެވީ އަބްދުއްރަހީމް ކޮބައިތޯ

ހ. ދޫވެހި ކައިރިއަށް އެއްވެ ތިބި ސަޕޯޓަރުންނާ މުހާތަބުކޮށް ޔާމީން ފާހަގަކުރެއްވީ ކުރިން މިފަދަ ކޮންމެ އެއްވުމެއްގެ އެންމެ ކުރީގައި ހުންނަވާ އަބްދުއްރަހީމް ނެތްކަމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: -- ފައިލް ފޮޓޯއެއް

ވ. އާރަށު މައްސަލައިގައި 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހައިކޯޓު އިސްތިއުނާފުގެ ފަހު އަޑުއެހުމަށް މިއަދު ވަޑައިގަންނަވަމުން، ސަރުކާރުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ކޮބައިތޯ މިއަދު ސުވާލު ކުރައްވައިފި އެވެ. 

މިއަދު ހައިކޯޓުގައި އޮތް ހުކުމުގެ އަޑުއެހުމަށް ވަޑައިގަންނަވަން ކާރުކޮޅަށް ރައީސް ޔާމީން އަރާވަޑައިގެންނެވި އިރު، ރައީސް ޔާމީނުގެ ގެކޮޅު ހ. ދޫވެހި ކައިރިއަށް އެއްވެ ތިބި ސަޕޯޓަރުންނާ މުހާތަބުކޮށް ޔާމީން ފާހަގަކުރެއްވީ ކުރިން މިފަދަ ކޮންމެ އެއްވުމެއްގެ އެންމެ ކުރީގައި ހުންނަވާ އަބްދުއްރަހީމް ވަޑައިގެން ނެތުމެވެ. 

"މިހާރު ނާދޭ ދޯ މިތާކަށް އަބްދުއްރަހީމް މެނެއް؟" ސަމާސާ ކުރައްވަވާ، ޔާމީނު ވިދާޅުވި އެވެ. 

ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އެންޑޯސް ކުރެއްވި ކެންޑިޑޭޓުގެ ގޮތުގައި ނިކުމެވަޑައިގަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކާމިޔާބީއަށް ފަހު ކޮންގްރެސް އާއި ޕީޕީއެމް ބައިބައިވި އެވެ. ރައީސް މުއިއްޒު އާއި ރައީސް ޔާމީނާ ދެމެދު ގުޅުން ހީނަރުވެ ޕާޓީ ދެބައިވި އިރު އިސް ސަފުގައި ތިބި ގިނަ ބަޔަކު ބައިއަތު ހިފީ ރައީސް މުއިއްޒުއާއެކު އެވެ. 

ރައީސް ޔާމީނު ތުހުމަތުކުރާ ގޮތުގައި މި ސަރުކާރުގެ ތެރޭގައި އެންމެ ބޮޑު ނުބައެއް ހައްދަވާ ބޭފުޅަކީ އަބްދުއްރަހީމެވެ. 

އާދީއްތަ ދުވަހުގެ ރޭ އޮތް ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީނު ދެއްކެވި ބައެއް ވާހަަކަތަކުގައި ވެއެވެ: 

"އެއްކަލަ ރޯލްމޮޑެލް [އަބްދުއްރަހީމް އަބްދުﷲ] ކަމަށް މި ވަނީ [އަޅުގަނޑާ] އެންމެ ބޮޑަށް ޒާތީ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެންނަށް ވެސް އެ ބޭފުޅުންނާ މެދު ދެއްކޭނެ ވާހަކަ މަދެއް ނުވާނެ،"

"އެކަމަކު އަޅުގަނޑަކީ އެހާ ދަށް ފެންވަރަކަށް ދާނެ މީހެއް ނޫން،" އަބްދުއްރަހީމަށް ކިތަންމެ ގޮތަކުން ރައްދު ދެއްވިދާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން އެރޭގެ ޖަލްސާ ގައި ވިދާޅުވި އެވެ.

ރައީސް ޔާމީން އެންމެ އިތުބާރު ކުރެއްވި އެއް ސިޔާސީ ލީޑަރަކީ އަބްދުއްރަހީމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.