އެންމެ ފަސް

ރިޝްވަތު ހިފުމުގެ ކުށުގައި ޔާމީނަށް އިއްވި ހުކުމް ބާތިލުކޮށްފި

އާރަށު މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ހައިކޯޓުން ވަނީ ޖަލު ހުކުމުން މިނިވަން ކޮށްފައި ---

ވ. އާރަށު މައްސަލައިގައި ރިޝްވަތު ހިފުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އަލުން އެ މައްސަލަ ބަލަން ހައިކޯޓުން އަންގައިފި އެވެ.

އާރަށު މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން ޖުމްލަ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގަ އެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް މި މައްސަލައިގެ ތެރެއިން އިއްވާފައިވެ އެވެ.

މި މައްސަލައިގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަން އާރަށް ހޯދުމުގެ މުގާބިލުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޔާމީނަށް ދިން ކަމާއި އަދި އެ ފައިސާ ރައީސް ޔާމީން ނަންގަވައި ލޯންޑާކުރިކަން ސާބިތުވެފައިވެ އެވެ. ދެ ބޭފުޅުންގެ ފަރާތުން މި މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. 

ހުރިހާ ދައުވާއަކަށް ވަކިވަކިން ހައިކޯޓުން ހުކުމް އިއްވަމުންދާއިރު، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާ ގުޅިގެން އިއްވި ހުކުމުގައި ބުނީ، ހެކިބަސް ނަގާ ނިންމާލި ފަހުން ދިފާއީ ހެކިވެރިންގެ ހެކިބަސް ނަފީކުރަން ދައުލަތުން އާ ހެކިތަކެއް ހުށަހަޅާފައި ވަނީ ވެސް ގޯސްކޮށް ކަމަށެވެ. އަދި އެ ހެކިތައް ދަށު ކޯޓުން ބަލައިގެންފައި ވަނީ ވެސް ގޯސްކޮށް ކަމަށެވެ. އެގޮތުން، ހެކިތައް ބަލައިގެންފައި ވަނީ ގުޅުން ނެތް އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށް ހުކުމް އިއްވަމުން ފަނޑިޔާރު ހުޒެއިފާ މުހައްމަދު ފާހަގަކުރައްވާފައިވެ އެވެ.

ފަހުން ހުށަހެޅި ހެކިތަކަށް އިއުތިރާޒް ކުރަން ދިފާއަށް ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާތީ އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ހުކުމުގައި ފާހަގަކުރައްވާފައިވެ އެވެ. އޭގެ ސަބަބުން ދިފާއުގެ ހައްގަކަށް އަރައިގެންފައިވާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ. އަދި އެ ހެކިތަކަށް ބުރަދަން ދީގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ސުވާލު އުފެދޭ ނިންމުމަކަށްވާތީ އަލުން އެ މައްސަލައިގައި ގޮތެއް ނިންމަން ޖެހޭ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

ކުރީގެ ރައީސް ޔާމީން މިއަދު ހައިކޯޓުގެ ހުކުމް އިއްވި މަޖިލީހުގައި --

ދަށު ކޯޓުން ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެފައި ނުވާތީ އެއީ އެމަނިކުފާނަށް ލިބިދީފައިވާ ހައްގެއް ނިގުޅައިގަނެފައިވާ ކަމަށެވެ. އެގޮތުން، އެ މަރުހަލާއަކީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް އިއުތިރާޒް ކުރުމަށާއި ޝަރީއަތުގެ މަރުހަލާއަށް މަގުކޮށައިދިނުމަށް މުހިންމު މަރުހަލާއެއްކަން ފާހަގަކޮށްފައިވެ އެވެ. ޝަރީއަތުގެ ކުރީގެ މަރުހަލާގައި ގޮތެއް ނިންމުމާއި އެ ނިންމުން އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށް ހުކުމުގައި ބުންޏެވެ.

މި މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހެކިތައް ބަލައިގެންފައި ނުވަނީ ދީފައިވާ މުއްދަތު ފަހަނައަޅާ ދިޔަފަހުން ހުށަހެޅުންތައް ހުށަހެޅިކަމަށް ނިންމުމަށްފަހު އެވެ. ހައިކޯޓުގެ ހުކުމުގައި ބުނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން މުއްދަތު ގުނާނެ ގޮތާ ގުޅޭ ގޮތުން ޔާމީންގެ ފަރާތުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ދަށު ކޯޓުގެ ގާޒީ ސާފު ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.

މުއްދަތު ހަމަވިފަހުން ހުށަހަޅުންތައް ހުށަހެޅުމުން، ހުށަހެޅުމެއް ހުށަހަޅާފައި ނެތް ކަމަށް ކޯޓުން އަންގާފައި ވާތީ ހަސްމުންނަށް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ގެއްލިފައިވާ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އަދި މިއީ އިންސާފަށް އެޅުނު ހުރަހެއް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. 

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ނުދީ ހެކި ވަޒަންކޮށް ނަތީޖާ ނެރެފައި ވަނީ އަދުލުވެރި ނިންމުމެއް ނޫން ކަމަށްވާތީ އެ ހުށަހެޅުންތަކާމެދު ގޮތެއް ނިންމަން ޖެހޭ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން ޔާމީންގެ މާލީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ދަށު ކޯޓުން ނިންމާފައި އޮތުމަކީ ވެސް ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އިޖުރާއީ އައިބެއް އޮތުމުން، އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ވަނީ ތަހުވީލުކޮށްފަ އެވެ. 

އެހެންކަމުން ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ފުރުސަތުދީ، ފަހުން ހުށަހެޅި ހެކިތައް އެއްފަރާތްކޮށްގެން ގޮތް ނިންމަން ވަނީ އަންގާފަ އެވެ. 

ރައީސް ޔާމީންގެ މައްޗަށް ދެން ސާބިތުވި މަނީލޯންޑަރިންގެ ކުށުގައި ދަށު ކޯޓުން އިއްވާފައި ވަނީ ހަތް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެކެވެ. އެ ދައުވާގެ ހުކުމް ވެސް މިރޭ އިއްވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.