ރައީސަށް ޔާމީންގެ ޝުކުރު، އެކަމަކު ވިދާޅުވީ ނުރައްކަލެއް އުޅޭ ކަމަށް

"އެެހެންވީމަ މީގައި ކޮންމެވެސް ކަހަލަ ނުރައްކަލެއް އެބަ އުޅޭ،" ޔާމީން މިނިވަންވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ރޭ ދެއްކެވި ވާހަކަފުޅުތަކާމެދު ސުވާލު އުފައްދާ ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އުންމީދަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު މިނިވަންވެވަޑައިގަތުން ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް ޝުކުރު އަދާ ކުރައްވާ ނަމަވެސް އެހެން ވިދާޅުވުމުން އެކަމުގައި ނުރައްކަލެއް އުޅޭ ކަމަށް ބެލެވޭ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލަ މިއަދު ހައިކޯޓުން ނިންމަން ވަނީ ތާވަލު ކޮށްފަ އެވެ. އެ މައްސަލަ ތާވަލު ކޮށްފައި މިވަނީ މައްސަލައިގެ އަޑުއެހުންތައް ނޮވެންބަރު 21، 2023 ގައި ނިމި އެތައް މަހެއް ހޭދަވީ ފަހުންނެވެ.

ރޭ އޮތް ކެމްޕެއިން ޖަލްސާއެއް ގައި ރައީސް މުއިއްޒު ވިދާޅުވީ ޔާމީން މިނިވަން ވެވަޑައިގަތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާ ކެމްޕެއިންގައި ވެސް ތަކުރާރުކޮށް އެ ވާހަކަ ވިދާޅުވެފައި ވާނެ ކަަމަށެވެ. އަދި އިންތިހާބުން ކާމިޔާބު ލިބުމަށް ފަހު ބޭއްވެވި ފުރަތަމަ ބައްދަލްވުމުގައި އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑު މީގެ ކުރީން ވެސް އާންމުކޮށް ހުންނާނެ ގޮވާލާފައި ހުންނާނެ ޖުޑީޝަރީއަށް އެމަނިކުފާނުގެ މައްސަލަ އިންސާފުވެރި ކަމާ އެކު އަވަހަށް ނިންމަައި ދޭށޭ. އެކަން އޮންނާނީ އަޅުގަނޑު ގޮވާލާފައި،"

ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ ރައީސް ޔާމީން މާދަމާ މިނިވަން ވެވަޑައިގަތުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާ އެއާއެކު ކުރީގެ ހުރިހާ ރައީސުން މިނިވަންކަމާއެކު އުޅުއްވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައި ގޮތަށް ދުއާއަކީ ރައީސް ޔާމީން މިނިވަން ވެގެން އައުން،"

ރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސްގެ އެ ވާހަކަފުޅަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ސުވާލު ކުރެއްވީ މިއަދުގެ ހުކުމް މަޖިލީހަށް ފަނޑިޔާރުން ހަމަވާނެތޯ އެވެ. މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންނެވެ. ޔާމީން ވިދާޅުވީ ހުކުމް ކުރުމުގެ މަޖިލީސް ކުރިއަށް ގެންދެވޭނީ ފަނޑިޔާރުން ހަމަވެގެން ކަމަށާ މިއަދު ފަނޑިޔާރަކު ސަލާމް ގައި ނުވަތަ އެހެން ކަމެއް ގައި އުޅުއްވާތީ ވަޑައިނުގެންނެވޭނެ ހާލަތެއް އައިސް ދާނެތޯ ސުވާލު ކުރެއްވި އެވެ.

"އެ ވިދާޅުވީ އުންމީދު ކުރައްވަމޭ ރައީސް ޔާމީން މިނިވަން ވާނެ ކަމަށް. އެހެންވީމަ މިއަށް ހަމަ ރައީސް މުއިއްޒަށް ޝުކުރު ދަންނަވާލާއިރު އަޅުގަނޑު ހަމަ ހިތާ ހިތާ ސުވާލު ކުރަން [ފަނޑިޔާރުންގެ] ބެންޗު ހަމަވާނެތޯ،"

އޭގެ ފަހުން ޔާމީން ވިދާޅުވީ އެފަދަ މޭރުމަކުން ރައީސް މުއިއްޒު ވާހަކަ ދެއްކެވުމުން ހަނދާނަށް އަންނަނީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރުގެ ކުރީން ރައީސް މައުމޫން ވިދާޅުވި ވާހަކަފުޅު މަތީން ކަމަށެވެ.

"..2018 ގައި ސުޕްރީމް ކޯޓުގެ ބަޣާވާތުގެ ނުރައްކާތެރި އަމުރުފުޅު ނިކުތްއިރު އޭގެ ކުރީ ރޭ ދެއްތޯ ހަމަ ރައީސްކަން ކުރެއްވި ރައީސަކު ވިދާޅުވީ ވަރަށް ބޮޑު ހަނދު ކޭތައެއް ހިފާނެ ވާހަކަ. އެހެން ނޫންތޯ. އެހެންވީމަ މި މެސެޖު އައީމަ އަޅުގަނޑު ހަނދާނަށް އަންނަނީ އެކަން،"

ޔާމީން ވިދާޅުވީ ރައީސް އެފަދަ ވާހަކައެއް ދެއްކެވިއިރު މިދިޔަ މަސްތަކުގައި ރައީސާ އެ މަނިކުފާނާ އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާ ކަމަށެވެ. ރައީސަކީ އެމަނިކުފާނަށް މެެސެޖު ފޮނުއްވާ އުޅުއްވާ ބޭފުޅެއް ނޫން ކަމަށާ މެސެޖު ފޮނުއްވާ ހައްދަވާ ކަމަށް ވިދާޅުވެ "އުޑުގައި ޖެހި ބިމުގައި ޖެހުނަސް" އެއީ ބުހުތާނު ދޮގު ކަމަށް ވިދާޅުވި އެވެ.

"އެެހެންވީމަ މީގައި ކޮންމެވެސް ކަހަލަ ނުރައްކަލެއް އެބަ އުޅޭ،" ޔާމީން މިނިވަންވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ރޭ ދެއްކެވި ވާހަކަފުޅުތަކާމެދު ސުވާލު އުފައްދާ ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

1
450
އަފުން
1 week ago

ޔާމީނަކީ ތަރައްޤީ ވިސްނުމުގެ ބޭފޫޅެއް. ނަމަވެސް ޔާމީންގެ ހަލާކަކީ މީހުންނާއި ޒާތީވުމާއި ބަދަލުހިފުމުގެ ރޫހު މަނިކުފާނުގެ ހިތުގައި އޮންނަ އޮތުން. މަނިކުފާނަކީ ހިތްތިރި މީހެއްނަމަ ވަރަށް ކާމިޔާބު މީހަކަށް ވާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.