ކޮންގްރެސްގެ ކެމްޕޭން ނިންމަން ރައީސާއި ކެންޑިޑޭޓުން ބައިވެރިވާ ހިނގާލުމެއް

ފިޔާތޮށި އަދި ވިލު ނޫ ކުލައިގެ ހެދުމުގައި ވީހާވެސް ގިނަ ބަޔަކު މި ހިނގާލުމުގައި ބައިވެރިވާން ވަނީ އެދިފައެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ހިނގާލުން: މަޖިލީސް ކެމްޕެއިން ނިންމާލަން ވެސް ބާއްވާނީ ހިނގާލުމެއް

އަންނަ އާދީއްތަ ދުވަހު ބާއްވާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެމްޕޭން ނިންމާލުމަށް ހާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ކޮންގްރެސް ޕާޓީން ބުނީ ހިނގާލުން ފަށާނީ ހޮނިހިރު ދުވަހު ހަވީރު ރަސްފަންނުން ކަމަށެވެ. ހިނގާލުން ނިންމާލާނީ އާޓިފިޝަލް ބީޗަށެވެ. ހިނގާލުމުގައި ކޮންގްރެސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމާއި ކޮންގްރެސްގެ ލީޑާޝިޕްގެ ބޭފުުޅުންނާއި ސަރުކާރުގެ އިސްވެރީންނާއި ހުރިހާ ދާއިރާއެއްގެ ކެންޑިޑޭޓުން ބައިވެރި ވާނެ އެވެ.

ފިޔާތޮށި އަދި ވިލު ނޫ ކުލައިގެ ހެދުމުގައި ވީހާވެސް ގިނަ ބަޔަކު މި ހިނގާލުމުގައި ބައިވެރިވާން ވެސް ވަނީ އެދިފައެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 6:00 ގައި އިންތިހާބުގެ ކެމްޕެއިން ނިންމާލަން ޖެހޭނެ އެވެ. އޭގެ ފަހުން ކެމްޕެއިން ހަރަކާތެއް ހިންގުމަކީ މަނާ ކަމެކެވެ.

މަޖިލީސް އިންތިހާބަށް ކޮންގްރެސްގެ ޓިކެޓްގައި 89 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. ނަމަވެސް ބައެއް ދާއިރާތަކަށް ކޮންގްރެސްގެ ޓިކެޓް ދިން ކެންޑިޑޭޓުންނަށް ތާއީދު ނުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ ތިން ދާއިރާއެއް ހިމެނެ އެވެ. އެއީ މައްޗަންގޮޅީ މެދާއި ގަލޮޅު އުތުރާއި ތިމަރަފުށީ ދާއިރާ އެވެ. މައްޗަންގޮޅީ މެދަށް ކޮންގްރެސްގެ ޓިކެޓް ލިބުނު ކެންޑިޑޭޓް ވަނީ ފަހަތަށް ޖެހި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓާ އެކު ހުރިކަން ހާމަކޮށްފައެވެ.

މި ކެންޑިޑޭޓުންގެ އިތުރުން މާފަންނު އުތުރު ދާއިރާއަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި މާމިގިލީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ދ. މީދޫ ދާއިރާއަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމަށް ތާއީދު ކުރުމަށް ވެސް ކޮންގްރެސް ޕާޓީން ވަނީ ނިންމާ ފައެވެ.

މަޖިލީސް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 90 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފައިވެ އެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީއާ އެމްއެންޕީއާ ދަ ޑިމޮކްރެޓްސް އިން ވެސް ކެންޑިޑޭޓުން ނެރެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.