އިހްލާސްތެރި ހިތަކައިގެން މަސައްކަތް ކުރެއްވީ ނާއިބު ރައީސާ އާދަމް އަދި ޓޮމް: ޔާމީން

އެމަނިކުފާނުގެ ދިފާއުގައި ކުރަމުންދިޔަ އެ މަސައްކަތު ގައި އިހްލާސްތެރި ހިތަކައިގެން ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅުން ސާފުވެވަޑައިގަންނަވާ ކަމަށެވެ. އެ ބޭފުޅުންގެ ނަންތައް ވެސް ވިދާޅުވި އެވެ.

ނާއިބު ރަައީސް ހުސައިން މުހައްމަދު ލަތީފް (ކ) މިނިސްޓަރު އާދަމް ޝަރީފް އުމަރު (މ) މެންބަރު އަހްމަދު ތޯރިގް (ވ)

ޖަލުގައި ދުވަސްތައް ހޭދަކުރެއްވިއިރު އެމަނިކުފާނު މިނިވަން ކުރުމަށް އިހްލާސްތެރި ހިތައިގެން މަސައްކަތް ކުރެއްވި ބޭފުޅުން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ބޭފުޅުންގެ ނަންތައް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހާމަ ކުރައްވައިފި އެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ބޮޑެތި ރެލީތަކާއި އިހްތިޖާޖުތައް ކުރިއަށް ގެންދިޔަ އެވެ. އެ ރެލީތަކާއި އިހްތިޖާޖު ތަކުގައި ޕީޕީއެމް / ޕީއެންސީގެ މުޅި ލީޑާޝިޕާއި އެތައް ސަތޭކަ އާންމު މެންބަރުން ބައިވެރިވެފައިވެ އެވެ.

ނަމަވެސް އެ ދުވަހު ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕުން ކުރި މަސައްކަތާމެދު ޔާމީން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އެއީ އެއްވެސް އިހްލާސްތެރި ކަމެއް / ތެދުވެރި ކަމެއް ނެތި ކުރިއަށް ގެންދިޔަ އިހްތިޖާޖުތަކެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ. ނަތީޖާއެއް ނެރުމުގެ ކުޑަވެސް އުންމީދެއް ދެ ޕާޓީގެ ލީޑާޝިޕް ގައި ނެތް ކަމަށް ވެސް ވިދާޅުވެ އެވެ.

ޔާމީންގެ އާ ސިޔާސީ ޕާޓީ -- ޕީޕަލްސް ނެޝަނަލް ފްރަންޓްގެ މިރޭގެ ޖަލްސާ ގައި ވެސް ޔާމީން ވަނީ އެ މޭރުމުން ބައެއް ވާހަކަތައް ވިދާޅުވެފައެވެ. ފުރަތަމަ ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރުމަށް ހިންގި މުޒާހަރާތަކުގެ ހަބަރުތައް ޖަލުގައި ހުންނެވި ނަމަވެސް ފުރިހަމައަށް ލިބިވަޑައިގަންނަވަމުން ގެންދެވި ކަމަށެވެ. އަދި އެމަނިކުފާނުގެ ދިފާއުގައި ކުރަމުންދިޔަ އެ މަސައްކަތު ގައި އިހްލާސްތެރި ހިތަކައިގެން ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅުން ސާފުވެވަޑައިގަންނަވާ ކަމަށެވެ. އެ ބޭފުޅުންގެ ނަންތައް ވެސް ވިދާޅުވި އެވެ.

"މިހާރުގެ ވީޕީ [ނާއިބު ރައީސް] ހުސެން މުހައްމަދު ލަތީފަކީ އަޅުގަނޑު ގަބޫލު ކުރާގޮތުން ވަރަށް އިހުލާސްތެރިކަމާ އެކީ އަޅުގަނޑު ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް އިނގޭތޯ. ހަމަ އެގޮތަށް މަހިބަދޫ ދާއިރާގެ މެންބަރު [އަހްމަދު ތޯރިފް] ޓޮމް އަކީ އަޅުގަނޑު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި މީހެއް އިނގޭތޯ. އަޅުގަނޑު އެޔެއް ޑައުޓެއް ނުކުރަން އިނގޭތޯ. ތިންވަނަ ބޭފުޅަކީ ލޯކަލް ގަވާމަންޓް އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް. ހަމަ ވަރަށް އިހުލާސްތެރި ކަމާ އެކީ މަސައްކަތް ކުރެއްވި ތިން ބޭފުޅުން މިއީ،" ޔާމީން ވިދާޅުވި އެވެ.

ދެ ޕާޓީގެ ލީޑާޝިޕް ގައި ދެން ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވާ ޔާމީން ދެން ވިދާޅުވީ "އެހެން ބޭފުޅުންގެ ތެރޭގައި ދެން އެއީ ކޮސްމެޓިކް" ކަމަށެވެ. 

ރައީސް ޔާމީން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ -- ޔާމީން | ދަ މިރާ

ޔާމީން މިހެން ވިދާޅުވިއިރު ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފަކީ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެކެވެ. ވަރަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިއިރު ޔާމީންގެ އެންމެ އަރިހުގައި ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ހުސައިން އެވެ.

ރައީސް މުއިއްޒުގެ ރަނިންމޭޓަކަށް ހުސައިން ހަމަޖެއްސެވީ ވެސް ޔާމީންގެ ތާއީދާއި އިންތިހާބު ބޮއިކޮޓް ކުރުމަށް ޔާމީން ކުރެއްވި މަސައްކަތް ދޫކޮށްލައްވާނެ ކަމުގެ ޔަގީންކަން ހޯއްދެވުމަށް ކަމަށް ވެ އެވެ.

ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ނިންމުމުން ރައީސް މުއިއްޒުއާ ވާދަކުރެއްވީ އާދަމް ޝަރީފެވެ. ޔާމީންގެ އިހްލާސްތެރި ލިސްޓް ގައި މިނިސްޓަރު އާދަމްގެ ނަން ހިމެނުއްވިއިރު މުއިއްޒާއި ވާދަ ކުރައްވަން އާދަމް ނިކުންނެވީ ޔާމީންގެ ތާއީދާ އެކު އެވެ. ޔާމީނަށް ވަފާތެރި ހުރިހާ ސެނެޓަރުން ވޯޓް ދެއްވީ އާދަމް ޝަރީފަށެވެ. މުއިއްޒު ކާމިޔާބު ހޯއްދެވީ ދެ ވޯޓުގެ ތަފާތުންނެވެ.

މެންބަރު އަހްމަދު ތޯރިގަކީ ވެސް ޔާމީންގެ އަރިސް / އިތުބާރު އޮތް ބޭފުޅެކެވެ. އިންތިހާބު ބޮއިކޮޓް ކުރަން އެންގެވުމުން އެެކަމަށް ވެސް ފުރަތަމަ ތާއީދު ކުރެއްވި އެއް ބޭފުޅަކީ ތޯރިގެވެ.

ޔާމީން، ޕީޕީއެމާއި ފެއަށް ވަޑައިގެން ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު އެމަނިކުފާނުގެ އިހްލާސްތެރި ލިސްޓްގައި ހިމެނޭ ތިން ބޭފުޅުންގެ ތާއީދު މިވަގުތު އޮތީ ރައީސް މުއިއްޒަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.