ނަމަވެސް މި އިންތިހާބުގެ ވަގުތު ދިގު ކުރަން އީސީ އިން ނިންމާފައި ވަނީ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން އެ ދުވަހު ވިއްސާރަ ކޮށްފާނެ ކަމަށް ލަފާކޮށެވެ.
އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ވޯޓުލުން އެ ދުވަހުގެ ހަވީރު 5:30 އާ ހަމައަށް ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
އީސީ އިން މިއަދު ބުނީ ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް ކަމަށެވެ. އެއަށްފަހު ވަގުތު އިތުރު ނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އާންމު ގޮތެއްގައި އިންތިހާބުތައް ކުރިއަށް ގެންދަނީ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. ނަމަވެސް މި އިންތިހާބުގެ ވަގުތު ދިގު ކުރަން އީސީ އިން ނިންމާފައި ވަނީ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން އެ ދުވަހު ވިއްސާރަ ކޮށްފާނެ ކަމަށް ލަފާކޮށެވެ.
އަދި އެދުވަހު ވިއްސާރަ ނުކުރިޔަސް މިދުވަސްވަރަކީ ހޫނު ދުވަސްވަރަކަށް ވެސް ވުމުން، އޭގެ ސަބަބުން މީހުން ވޯޓުލާން ނުނުކުމެދާނެ ކަމަށް ވެސް ބަލައިގެނެވެ.
މި ނިންމުން ކޮމިޝަނުން ނިންމާފައި ވަނީ މަޖިލީސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ވެސް އެކު އެވެ.
އީސީ އިން މިއަދު ވަނީ ޗާޕުކޮށްފައިވާ ވޯޓް ކަރުދާހުގެ އަދަދު ވެސް އާންމުކޮށްފަ އެވެ. އެގޮތުން، 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ. މިފަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާއި އިރު، 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓަ އެވެ.