އަނެއްކާވެސް މަޝްއަރު ޖަމާއަތުގެ މައްސަލަ: އުމްރާއަށް ދިޔަ މީހުން ނާދެވި ތާށިވެފައި

ސަރުކާރުގެ އުސޫލުތަކާ ހިލާފަށް އުމްރާއަށް މީހުން ގެންދިޔަ މަޝްއަރު ގްރޫޕުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެ އެވެ.

އުމްރާއަށް ފުރަން ގޮސް ތިބި ބަޔަކު ވީއައިއޭގައި: އުމްރާއަށް ގެންދާ ބައެއް ގްރޫޕްތަކުގެ މައްސަލަތައް ވަރަށް ބޮޑު -- އެމްއޭސީއެލްގެ ފޮޓޯއެއް
  •   މައްސަލަ ފުލުހަށް ހުށަހަޅަނީ

"މަޝްއަރު ޓްއާސް" ގެ ހަވާލުގައި މިދިއަ ރޯދަ މަހު އުމްރާއަށް ގެންދިޔަ ދިވެހިންތަކެއް ރާއްޖެ ނާދެވި، މައްކާގައި ތާށިވެއްޖެ އެވެ. 

އެ ގްރޫޕު މެދުވެރިކޮށް އުމްރާއަށް ދިޔަ ބައެއް މީހުނާ ހަވާލާދީ އާއިލާތަކުގެ ބައެއް މެންބަރުން ބުނާ ގޮތުންނަމަ ފަންސާހެއްހާ މީހުނަށް ރާއްޖެ ނާދެވި މައްކާގައި ތާށިވެފައި އެބަތިއްބެވެ. އަދި މިހާރު މަޝްއަރު ޓުއާސް އިން އެ އެންމެންގެ ގާތު އެދިފައި ވަނީ ގްރޫޕުން ފަހުން އަދާ ކުރާ ގޮތަށް ކޮންމެ މީހަކު ވެސް އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެން ރާއްޖެ ދިއުމަށެވެ. 

"[ގްރޫޕުން] މިހާރު ބުނަނީ އަމިއްލައަށް ޓިކެޓް ނަގާށޭ ޖެހޭނީ. [ޓިކެޓް ނެގުމުން] އެ ޓިކެޓަށްވާ ފައިސާ ފަހުން ދޭނަމޭ." އޭނާ ބުންޏެވެ. 

"މިރާ" އަށް މައުލޫމާތު ދިން އެކަކު ބުނި ގޮތުގައި އުމްރާވެރިންނާ މެދު މަޝްއަރު ގްރޫޕުން ކަންކަން ކުރީ ފަރުވާ ކުޑަކޮށެވެ. އެގޮތުން އެމީހުން މައްކާގައި ތިބޭން ހަމަޖައްސައިދިން ހޮޓަލަށް ފައިސާ ނުދައްކާ ކަމަށް ވެސް އޭނާ ބުންޏެވެ. 

މި މައްސަލަ ފެންމަތިވެފައި އޮއްވާ މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އޭނާގެ އެ ޕޯސްޓެއްގައި ބުނަނީ އޭނާގެ ގްރޫޕަށް އެ ގޮތް މެދުވެރިވީ ޗެކެއް ބައުންސްވެ، މާލެ ދާން އޮތް ފްލައިޓް ސަސްޕެންޑުކޮށްގެން ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް އޭނާ ނުދެ އެވެ. ފިރާގާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރި ނަމަވެސް ފޯނުން ގުޅޭ ގޮތެއް ނުވެއެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ މި މައްސަލާގައި ވާހަކަފުޅު ދައްކަވާފަ އެވެ. މިނިސްޓަރު ވެސް އެކްސްގައި ޕޯސްޓް ކުރައްވާ ވިދާޅުވީ، އުސޫލުތަކާ ހިލާފަށް މީހުންގެ އަތުން ފައިސާ ނަގައި، އެއަށް އިހުމާލުވަމުންދާ މައްސަލައެއް ފުލުހުނަށް ހުށަހަޅާނެ ކަމަށެވެ. 

ފައިސާގެ ޗެކެއް ބައުންސްވެ މިދިޔަ އަހަރު ވެސް މަޝްއަރު ގްރޫޕުން އުމްރާއަށް ގެންދިޔަ މީހުން މައްކާގައި ތާށިވެފައި ވެއެވެ. އެ ފަހަރުވެސް އުމްރާއަށް ދިޔަ މީހުން ރާއްޖެ އައީ އެ މީހުން އަމިއްލައަށް ޓިކެޓު ނަގައިގެނެވެ. 

އަމިއްލަ ޖަމާއަތްތަކުން މީހުން އުމްރާއަށައި ހައްޖުގެ އަޅުކަމަށް ގެންދިއުމުގައި ދިމާވަމުން އަންނަ މައްސަލަތައް ރާއްޖޭގައި ކޮންމެ އަހަރަކު ދިމާވާތާ އެތަކެއް އަހަރުވެފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.