ބޮޑު އިގްތިސޯދެއް: ސީދާ އަމާޒާއެކު މާފުށިކުންފުނި ހިދުމަތަށް

މާލެ އަތޮޅު މާފުށީ ލޯކަލް އޮތީރިޓީ ކުންފުނިން މައިގަނޑު 12 ކަމެއް ކުރާނެ އެވެ. އަދި ވިޔަފާރިކޮށްގެން ނަފާ ހޯދައި އޭގެ ފައިދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ އެވެ.

މާފުށި ލޯކަލް އޮތޯރިޓީ ކުންފުނިގެ މަސައްކަތް ފައްޓަވައި ދިނުމަށް މާފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު
މާފުށީގައި ޓޫރިސްޓުންތަކެއް ބައިސްކަލް ދުއްވަނީ: ރާއްޖޭގައި ޓޫރިޒަމް އެންމެ ބޮޑަށް ތަރައްގީކޮށްފައިވާ މީހުން އުޅޭ ރަށަކީ މާފުށި -- މި

ކ. މާފުށިން : މުހައްމަދު އަފްރާހު 

ރާއްޖޭގެ އެންމެ ވަރުގަދަ ކައުންސިލް ކުންފުންޏަށްވުމުގެ އަމާޒެއް ކަނޑައަޅައި، މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (އެމްއެލްއޭސީ) ގެ މަސައްކަތް ފަށައިގެންފި އެވެ. 

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އިގްތިސޯދު އޮތް ރަށް ކަމަށްވާ މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މަސައްކަތް ފައްޓަވައި ދެއްވައި އެ ކުންފުނީގެ އޮފީސް ހުޅުވައި ދެއްވީ ކައުންސިލް މިނިސްޓަރު އާދަމް ޝަރީފެވެ. 

މިނިސްޓަރު ޝަރީފު ވަނީ މާފުށީ ކުންފުނީގެ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު އެ އޮފީހުގައި އޮތް މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާ ކުންފުނީގެ ބޯޑު އިފްތިތާހުކޮށްފަ އެވެ. 3 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގައި އަންހެން ދެ މުވައްޒަފުން ވެސް ހިމެނެ އެވެ. 

މާފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރު ޝަރީފު ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުވުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށާ މިއީ ސަރުކާރުން އެންމެ ބޭނުންވާ ގޮތް ކަމަށެވެ. މި އަމާޒަށް ދިއުމަށްޓަކައި ކައުންސިލް ކުންފުނި ހަދައިގެން ރަށުގައި މަސައްކަތް ކުރުމަށް ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. 

މާފުށީ ކައުންސިލްގެ ރައީސް ސޮލާހު އަދި ކުންފުނީގެ ރައީސް ސުލައިމާން

"ރަށްރަށުގެ ކައުންސިލްތައް ބާރުވެރި ކުރުވުމާއި ވީހާ ވެސް ގިނަ ބާރުތަކާއި އިހުތިޔާރުތައް ކައުންސިލްތަކަށް ދޫކުރުމަށް ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ. ރައީސް ވަނީ ކައުންސިލްތަކަށް ޓެކުހުގެ ވަކި ޕަސެންޓެއް ލިބޭނެ އުސޫލުތަކެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފަ. ރަށުގެ އިހްތިސޯސްގެ ތެރޭގައި ތަނެއް ނެތްނަމަ އެހެން ތަންތަން ހޯއްދަވައިގެން ވެސް ރަށްރަށަށް އާމްދަނީ ހޯދޭނެ ވަސީލަތް ހޯއްދަވާނެ ކަމަށް ވިދާޅުވެފަ. އިއްޔެ އިއުލާނު ކުރެއްވި ލައިސަންސް ހެދުމުގެ ފީ ވެސް ކައުންސިލްތަކަށް ލިބޭނެ ގޮތް ހެދުމަށް،" ޝަރީފު ވިދާޅުވި އެވެ. 

މިނިސްޓަރު ޝަރީފް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެދިގެން ދިއުމަކީ މި ރަށުގެ މަސައްކަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމެއް ކަމަށެވެ. ބައެއް ހިދުމަތްތަކަކީ ރަނގަޅު ކުންފުންޏެއް ނެތް ނަމަ ދޭން ދަތިވާނެ ހިދުމަތްތައް ކަމަށާ ނަމަވެސް މި ކުންފުނި އުފެދިގެން ދިއުމާއެކު މާފުށްޓަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. 

"މި ރަށުގެ ކައުންސިލްގެ ފަރާތުން މިހާރު ވެސް ގިނަ ކަންތައްތަކެއް ދަނީ ކުރަމުން. ހާއްސަކޮށް ކައުންސިލުން އިންތިހާބަށް ވެފައިވާ ގިނަ ވައުދުތައް ވަނީ ފުއްދާފަ،" ޝަރީފު ވިދާޅުވި އެވެ. 

ކުންފުނިން ހިއްސާ ވިއްކާނެ

މާފުށީ ކައުންސިލްގެ ރައީސް ސޮލާހު ވާހަކަފުޅު ދައްކަވަނީ

މާފުށީ ކައުންސިލްގެ ރައީސް ރައީސް ހުސެއިން ސޮލާހު ވިދާޅުވީ މި ކުންފުނީގެ ސަބަބުން މާފުށީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ނޫން އެއްވެސް އެހެން ގޮތަކަށް މަސައްކަތް ނުކުރާނެ މި ކުންފުންޏަކީ މި ރަށު ރައްޔިތުންގެ ކުންފުނި ކަމަށެވެ. އަދި މި ކުންފުނިން އަންނަ އަހަރު ރަށުގެ ރައްޔިތުންނަށް ހިއްސާ ވިއްކާނެ ކަމަށެވެ. 

"މާފުށިން މި ލިބޭ ކާމިޔާބުގެ ހިއްސާދާރުންނަކީ މާފުށީ ރައްޔިތުން. މި ކުންފުނިން މާފުށީގެ ތަރައްގީ މެކުހަށް ޖަހާނަން. މިއީ ނަތީޖާ ނެރެވޭނެ ކުންފުންޏަކަށް ވާނެ،" ސޮލާހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މި ކުންފުނި ހުޅުވުމާއެކު މި ރަަށުގެ ގިނަ މުއައްސަސާތަކަށް ވެސް ގިނަ އެހީތެރިކަމެއް މިހާރާ ހިލާފަށް ލިބިގެން ދާނެ ކަމަށެވެ. 

"އަޅުގަނޑުމެން ސިއްހީ މަރުކަޒަށް އެހީވާ ނަން. ތަޅެއް ހަލާކުވީމަ އޮންނާކަށް ބޭނުމެއް ނޫން. މި ކުންފުނި މެދުވެރިކޮށް ސީއެސްއާރުގެ ދަށުން ވެސް އެހީތެރިވާނަން،" ސޮލާހު ވިދާޅުވި އެވެ. 

މާފުށީގައި މައިގަނޑު 12 ކަމެއް ކުރާނެ

ކައުންސިލްގެ ބައެއް މެންބަރުންނާއެކު ރައީސް ސޮލާހު އަދި މިނިސްޓަރު އާދަމް ޝަރީފު

މާފުށީގެ ތަރައްގީ އެކަށް ބަދަލު ކޮށްލެވޭނެ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްމާން ރަޝީދު ވިދާޅުވީ މި ކުންފުނި ވުޖޫދަށް އައިސްފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ކޮށްގެން ކަމަށާ ކުންފުނިން މައިގަނޑު 12 ކަމެއް ކުރާނެ ކަމަށެވެ. 

ސުލައިމާން ވަނީ ކުރާނެ މަސައްކަތްތަކުގެ ތެރޭން ބައެއް ކަންކަން ވިދާޅުވެ ދެއްވާފަ އެވެ. މިގޮތުން މާފުށީ އިޖުތިމާއީ ސަރަހައްދު ބެލެހެއްޓުމާއި މާފުށީ ޕޯޓް ބެލެހެއްޓުމުގެ އިތުރުން މާފުށީ މަގުތައް ބަލަހައްޓައި އަޑިގުޑަން ފިލުމުގެ އިތުރުން ލޯކަލް ބީޗް ބެލެހެއްޓުން ވެސް ހިމެނެ އެވެ. 

"އަޅުގަނޑުމެންގެ މަގުސަދަކީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ތެރޭން ފައިދާގައި އެންމެ ފުރަތަމަ ހިންގާ ކުންފުންޏަށް މި ކުންފުނި ހެދުން. މި ކުންފުންޏަށް ފައިދާވުމުން މާފުށީ ރައްޔިތުންނަށް ހުރިހާ ރައްޔިތުންނަށް ކުރާނެ. މި ގޮތުން ފައިދާގަ ހިންގަން ފެށުމުން ކޮންމެވެސް އެއް ސިފައެއްގައި ހުރިހާ ރައްޔިތުންނަށް އިންޝުއަރެންސުގެ ހިދުމަތް ދޭން ވެސް ކުންފުނީގެ ވިސްނުން އެބަހުރި،" ސުލައިމާން ވިދާޅުވި އެވެ. 

މާފުށި - މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ އެއް ރަށެވެ. އެ ރަށުގެ އާބާދީ އަކީ 1,824 އެވެ. މާފުއްޓަކީ އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 618 މިލިއަން ރުފިޔާ) ރޯލް ކުރާ ބޮޑު އިގްތިސޯދެކެވެ. އެއީ މާލެ ފިޔަވަައި ރާއްޖޭގައި އޮތް އެންމެ ގިނައިން އާމްދަނީ ބޮޑު ރަށެވެ. އެ ރަށުގައި 63 ތަނެއްގައި 1,868 ޓޫރިސްޓު އެނދު އެބަހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.