މާލެ ރައްޔިތުންނަށް ފުރިހަމަ އިތުބާރު އެބައޮތް، ނިންމުން ރަނގަޅު ވާނެ: ރައީސް

މޭޔަރު ކަމަށް އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމަނިކުފާނު އިންތިހާބު ކުރުމަށް ވޯޓް ދެއްވި ފަދައިން މި ފަހަރު ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވާނެ ކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޮންގްރެސް އިން މާލެ ސިޓީއަށް ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން -- ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި މާލެ ސިޓީގެ ރައްޔިތުން ރަނގަޅު ނިންމުން ނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދެކުނާއި ގަލޮޅު އުތުރަށް، ކޮންގްރެސްގެ ޓިކެޓް ގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތެއް ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް ކަމަށާ އެ އިންތިހާބު ގައި ރިސްކެއް ނަގަންވީ ސަބަބެއް ނެތް ކަމަށެވެ.

އެމަނިކުފާނަކީ ރައްޔިތުން ބޭނުންވި ތަސައްވުރާ އެކު ވެރިކަމަށް ވަޑައިގެން އެ އަމާޒަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކޮށް ރައްޔިތުން އެދޭ ތަރައްގީއާ ކުރިއެރުން ހުރިހާ މާނައެއް ގައި ގެނެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ކޮންމެ ރައްޔިތަކަށް ވެސް މަދުވެގެން ހައުސިން ޔުނިޓެއް ކަށަވަރު ކޮށް ދިނުމަކީ މި ދައުރުގެ އެންމެ މުހިންމު އަމާޒު ކަމަށް ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް -- ހާއްސަކޮށް މާލެ އަށް އޮތް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާ ސަރުކާރުން އެކަމަށް ކިތަންމެ މަަސައްކަތެއް ކޮށް ފުރިހަމަ ތަސައްވުރެއް ގެންގުޅުނު ނަަމަވެސް އެ މަސައްކަތަށް މަޖިލީހަށް ހުރަސް އެޅިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން ތަކުރާރު ކުރައްވާ އެދިވަޑައިގެންނެވީ އެ ފުރުސަތު ނުދެއްވުމަށެވެ.

"މިނިވަންކަމާ އެކީގައި ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ އަމިއްލަ ވިސްނުމުން ވިސްނައިފި ކޮންމެ މީހަކަށް ވެސް ގަބޫލު ކުރެވޭނެ އެ ގޮތަށް [ސަރުކާރަށް ޖެއްސުން ކުރާނެ މެންބަރުން ތިބޭ] މަޖިލީސް ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަން،"

ރައީސް ވިދާޅުވީ ނިމިގެން ދިޔައީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމެއް ކަމަށާ ވެރިކަން ލިބި ސުޕަ މެޖޯރިޓީ އޮވެ އެއްވެސް ކަމެއް ކޮށް ނުދެވުނު ކަމަށެވެ. 2018 ގެ އިންތިހާބަށް ވީ ވައުދުތައް 2019 ގެ މަޖިލީސް އިންތިހާބަށް ތަކުރާރުކޮށް 2023 ގެ އިންތިހާބަށް ފަހު 2024 ގެ އިންތިހާބަށް ވެސް އެ ވައުދުތައް ތަކުރާރު ކުރަމުންދާ މަންޒަރު ފެންނަ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީއަށް ލިބުނު ފުރުސަތުގައި ވައުދުތައް ނުފުއްދިކަން އެއީ ފެންނަން އޮތް ހަގީގަތް ކަމަށް ވިދާޅުވެ ރައީސް އެދިވަޑައިގަތީ މާލެ ސިޓީގެ 17 ދާއިރާ އިން ވެސް ކޮންގްރެސްގެ ކެންޑިޑޭޓުން ހޮއްވެވުމަށެވެ. އެއީ ތަރައްގީއަށް އޮތް ފުރުސަތު ކަމަށާ މާލެ ރައްޔިތުންގެ ނިންމުމާމެދު ސުވާލެއް ނެތް ކަމަށް ވިދާޅުވި އެވެ. މާލެ ސިޓީގެ މޭޔަރު ކަމަށް އަދި އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމަނިކުފާނު އިންތިހާބު ކުރުމަށް ވޯޓް ދެއްވި ފަދައިން މި ފަހަރު ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވާނެ ކަން ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ކޮށްލާފައެއް ނުވާނެ. ކޮންމެ ވަގުތުކޮޅެއް ހޭދަ ކުރަނީ ތަރައްގީގެ މަސައްކަތު ގައި،"

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ހުރިހާ މާނައެއް ގައި ހަމަޖެހުން ގާއިމު ކުރުމާއި ބަދަލު ހިފުމުގެ ރޫހު ނައްތާލުން ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ރައްޔިތުން ފަހުރުވެރިވާ ފަދަ ފަސް އަހަރަކަށް މި ފަސް އަހަރު ހައްދަވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.