ރައީސްގެ ރައްދު؛ އުޑުގަޖެހި ބިމުގައި ޖެހުނަސް ދެކޮޅަށް ދެއްކޭނެ އެކައްޗެއް ވެސް ނޯންނާނެ

"އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްގުގައި ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ މުދަލަކު ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ ފައިސާ އަކު ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲސުބުހާނަހޫވަތައާލާ ކިބައިން އަޅުގަނޑަށް އެކަލާންގެ ފުއްސެވުމާ ރުއްސެވުން ލިބުން،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިން ރެލީ އެއް ގައި ވާހަކަފުޅު ދައްކަވަނީ

އަބުރު ކަތިލަން ދޮގު ވާހަކަތައް ފެތުރި ނަމަވެސް ގާނޫނާއި ހިލާފަށް / ރައްޔިތެއްގެ ހައްގަކަށް އުނިކަން އަންނާނެ ގޮތަށް ކުރައްވާފައިވާ އެއްވެސް ކަމެއް ނުދެއްކޭނެ ކަމަށް ވިދާޅުވެ ވާދަވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގަދައަށް ރައްދު ދެއްވައިފި އެވެ.

ގަލޮޅުގެ ދެ ދާއިރާއަކަށް ކޮންގްރެސްގެ ޓިކެޓް ގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތު ގައި ބައިވެރިވެވަޑައިގެން ވާދަވެރީންނަށް ރައީސް މުއިއްޒު، ރައްދު ދެއްވީ އެމަނިކުފާނު ހިންގަވާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ކަމަށް ބުނެ ރިޕޯޓްތަކެއް މިއަދު އާންމުކޮށްފައި ވަނިކޮށެވެ.

އިންޓެލިޖެންސް ރިޕޯޓްތަކެއް ކަމަށް ބުނެ މިއަދު އާންމުކުރީ އެއްވެސް ހަގީގަތެއް ނެތް ދޮގު ބަޔާންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުވުމަކީ އިއްޔެ އަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫން ކަމަށެވެ. މާލެ ސިޓީގެ މޭޔަރުގެ އިންތިހާބުން ފެށިގެން ވާދަވެރީން ގެންދަނީ އެކަން ކުރެވޭނެ ގޮތެއް ހޯދަމުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ބޮލުގައި ދޮގު އަޅުވަން އުޅެ އުޅެ އެޅުވޭ ގޮތެއް ނުވޭ،"

ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އަމާނާތްތެރިކަމާ އެކު ވައުދުތައް ފުއްދެވުމުގެ މަަސައްކަތް އެމަނިކުފާނު ކުރައްވާ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ދެކޮޅަށް ހިންގަމުން ދިޔަ ކަންކަން ކާމިޔާބު ނުވުމުން މިއަދު އަނެއްކާ ވެސް އެމަނިކުފާނުގެ އަބުރު ކަތިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މޭޔަރުގެ ރޭހަށް ނިކުންނެވުމުން ވެސް އެފަދަ ތުހުމަތުތައް ތަކުރާރުކޮށް ކުރަމުން ދިޔަ އެވެ. އަދި އަސާސެއް ނެތް ކަންކަމުގައި ދައުވާ އުފުލާ ޝަރީއަތް ވެސް ހިންގި ކަމަށެވެ. ސަރުކާރު އޮވެ، މަޖިލީހުގެ ފުލް ކޮންޓްރޯލް އޮވެ ވެސް އެމްޑީޕީއާ އޭރުގެ ވާދަވެރީންނަށް އެމަނިކުފާނުގެ އެއްވެސް ގޯހެއް ފެނިވަޑައިނުގެން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ގާނޫނާ ގަވާއިދާ ހިލާފަށް އޭރު ވެސް މިހާރު ވެސް ފަހުން ވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްގުގައި ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ މުދަލަކު ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ ފައިސާ އަކު ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲސުބުހާނަހޫވަތައާލާ ކިބައިން އަޅުގަނޑަށް އެކަލާންގެ ފުއްސެވުމާ ރުއްސެވުން ލިބުން،"

އެމަނިކުފާނު ވިދާޅުވީ ގާނޫނާއި ހިލާފު ކަމެއް / ރައްޔިތަކަށް ދެރައެއް، ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

"އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެކައްޗެއް ވެސް ނޯންނާނެ. އަޅުގަނޑު އެދެނީ ގަދައަށް ތި ވާހަކަ ދައްކަން. ދެއްކި ވަރަކަށް ތި ބޭފުޅުން ބޭޒާރު ވާނީ. އެ އެއްޗެހި ވޯކެއް ނުކުރާނެ މިހާރަކު،" ވާދަވެރީންނަށް ވަރުގަދަ އަށް ރައްދު ދެއްވާ ރައީސް މިރޭ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.