ކޮންހާ ގަނައެއް ތަޅުވާކަށް ؛ މާލެއަށް ޓޫރިސްޓުން ނާރުވަންވީނު

މާލެއަށް އަރާ ޓޫރިސްޓަކަށް އެންމެ ކުޑަމިނުން ފާހާނާ ކޮށްލެވޭނެ ފަދަވެސް ނެތެވެ. މިހާރު ކްރޫޒްލައިނާގެ ހުރިހާ ފައިދާއެއް ދަނީ ބޭރަށެވެ. މިކަން ކުރަންޏާ ކުރަންވީ ރަނގަޅެވެ. ނުކުރަންޏާ މިކަން ހުއްޓާލާފަ އެހެން ކަމަކާ އުޅުން ރަނގަޅުވާނެ އެވެ.

މާލެއަށް ފޭބި ޓޫރިސްޓުންތަކެއް އެއް ނަންބަރު ފާލަން ކައިރީގައި -- އަވަސްގެ ފޮޓޯއެއް

ސައިކަލް ދުއްވާފަ ގޮސް ރައީސް އޮފީސް ކުރިމަތީ މަޑުކޮށްލިތަނުން މާ ދުރުނޫން ހިސާބެއްގައި ތިބި ޓޫިރިސްޓު މުސްކުޅި ދެމަފިރިން ގޮވާލައި އަހައިލި އެވެ. މިތާ ކައިރީގައި ފާހާނާއެއް ހުރޭ ހެއްޔެވެ؟  އެ ދެ މީހުންގެ ތެރެއިން އެކަކު ފާހާނާކޮށްލަން ބޭނުންވީ އެވެ. ބަލާބެލުމަށް އެމީހުންނަކީ މިހާރު މާލެ ބަނދަރުގައި އޮތް ކްރޫޒްލައިނާއިން ފޭބި ބައެެކެވެ. އެ މީހުންގެ އެ ސުވާލާއެކު ޖެހުނީ ޝޮކެކެވެ. ބުނާނެ އެކައްޗެއް ވެސް ނޭނގުނެވެ. ނުހުންނާނެއޭ ބުނެފިނަމަ އެ ބެދުނީ ލަދަކު އެވެ. ހުންނާނެއޭ ބުނެފި ނަމަ އެ ހެދުނީ ދޮގެކެވެ. އެހެން ބުނާކަށް ލާހިކެއް ނޫނެވެ. މި ރާއްޖެއަކީ ދުނިޔޭގެ އެއްވަނަ ޓޫރިޒަމް މަންޒިލޭ ކިޔައިން އުޅޭތީ އެވެ. ކޮންމެ އަހަރު އެ ތާޖު ރާއްޖޭން ހޯދާތީ އެވެ. އެ މީހުން ފައިބައި އެ ތިބީ ވޯލްޑް ބެސްޓް ޓޫރިޒަމް ޑެސްޓިނޭޝަންގެ ވެރި ރަަށަށެވެ. އެމީހުންނަނީ މެހުމާނުންނެވެ. ވިސްނާ ވިސްނާ ވެސް ދޭނެ ޖަވާބެއް ހަމަ ހިލާ ނޭނގުނެވެ. ސަބަބަކީ ދަންނަން "ޕޭ ޓޮއިލެޓެއް" މާލެއަކު ނުހުރެ އެވެ. މިއީ އާކަމެއް ނޫނެވެ. 

ރާއްޖޭގެ ޓޫރިޒަމް ބައިގަރުނުން ނައްޓާލައިގެން ގަރުނަކާ ދިމާއަށް ދަތުރު ކުރި ނަަމަވެސް ޓޫރިޒަމްގެ އެންމެ މުހިންމު ކްރޫޒްލައިން ތަކުން އެއް ފަހަރާ އަންނަ މީހުނަށް ދެވޭނެ ހިދުމަތެއް ދިވެހިންކަށް ނުހޯދުނެވެ. މިހާރު ވެސް ދިވެހިން އެއްފަހަރާ އެއްހާސް ދެހާސް މީހުން އަންނަ ކްރޫޒްލައިނާތަކުން އަންނަ މީހުންނަށް ވެސް ޑީލް ކުރަނީ ރިސޯޓުތަކުން ހަނދާނީ ހަދިޔާ ގަންނަން ރަށަށް އަރާ ޓޫރިސްޓުންނެކޭ އެއްގޮތަށެވެ. މި މީހުން މާލެއަށް ފޭބުމަށް ފަހު މަގެއްގެ މަތިން ހިނގަ އެއް ނުލެވެ އެވެ. ނުވިތާކަށް ސަލާމަތުން ފޭބެނީ ވެސް މަދު ފަހަރެއްގަ އެވެ. އެ މީހުން މާލެއަށް ފޭބުމަށްފަހު މާލޭގެ މަގުމަތީގައި އެނބުރި އެނބުރިފައި ބޯޓަށް އަރައިގެން ދަނީ އެވެ. އެ މީހުންގެ އަތުން އިތުރު އެއްޗެއް ހޯދާކަށް ސަރުކާރަކުން ނުވިސްނަ އެވެ. އެފަދަ ޕްލޭނެއް ވެސް ނެތެވެ. ނުވިތާކަށް އެ މީހުންނަށް ފާހާނާ ގަނޑެއް ވެސް މާލެއަކު ނުހުރެ އެވެ.

މާލެއަށް ކްރޫޒްލައިނާ ތަކުން ފައިބާ މީހަކު ފާހާނާ ކޮށްލަން ވެއްޖެނަމަ އެންމެ ފެންވަރު ރަނގަޅުތަނެއްގެ ގޮތުގައި ވެސް ދައްކަނީ ފުލުސް އޮފީހުގައި ހުންނަ ފާހާނާ އެކެވެ. އެ ތަނަކީ ފުލުސް އޮފީހަށް ތުހުމަތުތަކުގައި ގެންދާ މީހުން ވަންނަ ތަނެކެވެ. އަދި އެތަނަކީ ނުބައިވަސް ދުވާ އެހާމެ ހަޑި ތަނެކެވެ. މިިއީ ޓޫރިސްޓުންނަށްވެސް މާލޭން ލިބޭ އެންމެ ފެންވަރު ރަނގަޅު ފާހާނާ އެވެ. 

މަސްވެރިން ޕާކު "ކްރޫޒްލައިން ޓާމިނަލް"

އެ ފާހާނާ ޓޫރިސްޓުން ވަންނަން ލިބޭއިރު މީގެ ކުރިން މާލެއަށް ފައިބާ ޓޫރިސްޓުންނަށް ހިދުމަތްދޭން "ދުނިޔޭގެ ފެންވަރު" ގެ ކްރޫޒްލައިން ޓާމިނަލެއް އެޅި އެވެ. މިދިޔަ ސަރުކާރުން އެމްޓީސީސީއަށް ހަވާލު ކޮށްގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އެޅި ތަން ހަދާފައިވަނީ ދެ ބުރިއަށެވެ. މި ފެންވަރަށް މިތަން ހެދީ މޮޅުކޮށްލާށެވެ. ހެންވޭރުގެ މައި ޖަންގުސަންގެ ވަސްހޮޅި ހުންނަަ މަސްވެރިންގެ ޕާކުގައި ހެދި އެތަން ދެ ބުރިއަށް ހެދީ މަތީ ޑެގުމަތީގައި ޓޫރިސްޓުންނަށް ކެއުންތައް އިންސާފު ކުރަން ތިބެވޭ އިންތިޒާމުތަކާއެކުގައި ކަމަށް އޭރުގެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. 

އެކަމަކު އެތަން ހެދި ބަޔަކަށް ނޭނގޭ ކަމަކީ ކްރޫޒްލައިނާއިން އަންނަ ގިނަ މީހުންނަކީ 80 އިން މަތީގެ މުސްކުޅި މީހުނެވެ. ރިޓަޔާކޮށް ދަތުރުކޮށްލާ މީހުންނެވެ. އެމީހުންނަކީ ބޮޑެތި އުސް ސިޑިސިޓިން އަރައި ފޭބޭނެ ބައެއް ނޫނެވެ. އެހެންވީއިރު އެކަހަލަ ތަނެއް ކްރޫޒްލައިން ޓާމިނަލެކޭ ކިޔާފަ ހެދީ ކީއް ކުރަން ހެއްޔެވެ؟ މީގެ ބަދަލުގައި އތަނުގައި ހަމައެކަނި ޕޭ ޓޮއިލެޓެއް ހެދި ނަމަވެސް ނިމުނީ ނޫން ހެއްޔެވެ؟ އެތަނެއް ހަދައިގެން އޭގެން ބައެއްގެ ޖީބަށް މަންފާތަކެއް ވަނުން ނޫން ކަމެއްވި ހެއްޔެވެ؟

ދެން އޮތީ ހަގީގީ ކުލަޖެހެމުން ދިޔަ ކްރޫޒްލައިން ޓާމިނަލަކަށް ހެދި ގޮތެވެ. ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކިއިރު ކްރޫޒްލައިން ޓާމިނަލްއަށް ބިން އޮތެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ މާސްޓަ ޕްލޭން ވެއްޔާ މޮޑެލައި ކްރޫޒްލައިން ޓާމިނަލް އެތަނުން "ގެއްލުވާލާފަ" އެވެ. އެއެއް މިއެއް ނުބަލައި ގޯތި ދީ މުޅި ތަން ހަފުސްކޮށްލީ އެވެ. މިއީ މިކަން ވެސް ގޮތެވެ. އެއަށް ހެދި ގޮތެވެ. 

ކްރޫޒްލައިންގެ ފައިދާ ދަނީ ބޭރަށް

މި ވާހަކަތައް ބާއްވާފަ މިކަމުގެ އެހެން ވާހަކަ އެކެވެ؛ މިހާރު މާލެ ބަނދަރަށް ބޮޑެތި އުޅަނދުތަކެއް އައުން ނޫން ފައިދާއެއް ދިވެހިންނަކަށް ނުވެއެވެ. މިހެންބުނުމުން ތިޔަހެނެއް ނުވާނެއޭ ބުނެފާނެ އެވެ. މިހާރު މާލެއަށް އަންނަ މި ބޯޓު ފަހަރުން ހުރިހާ ފައިސާއެއް ދަނީ ރާއްޖޭން ބޭރަށެވެ. މިކަން ހިނގާ ގޮތަކީ މާލެ ބަނދަރަށް ކްރޫޒްލައިނާއެއް ބަނދަރުކޮށްލުމާއެކު އެ މީހުންގެ އިތުރު ހަރަކާތްތައް އިންތިޒާމު ކުރަނީ ބިދޭސީންނެވެ. ކްރޫޒްލައިން މިއަދު މާލެއަށް ބަނދަރު ކުރާނަމަ އެކްސެލް ޝީޓެއް ޕްރިންޓް ކޮށްލައިގެން އަވަށްޓެރި އިންޑިއާ / ލަންކާގެ އެޖެންޓުން ތިބެނީ މާލެ ފައިބަ އެވެ. 

މި މީހުންނަ އަންނަނީ ދުރާލާ ބޮލަކަށް ވާވަރަށް ފައިސާ ނަގައިގެންނެވެ. އަދި ނުވިތާކަން މާލެ ބަނދަރަށް ފައިބާ ޓޫރިސްޓުންގެ އަތުން ޓިޕްސް ވެސް އެމީހުން ހޯދަ އެވެ. ޓުއާ ގައިޑުންގެ ގޮތުގައި ތިބެނީ އެ މީހުނެވެ. އެކަމަކު ރާއްޖޭން "ޓޫރިސްޓު ފުލުސް" ވެސް ތިބެ އެވެ. ޓޫރިޒަމް މިނިސްޓްރީއެއް ވެސް އޮވެ އެވެ. އެކަމަކު ވާ ކަމެއް ހަރާމެވެ. ޓޫރިސްޓު ގައިޑުންގެ ގަވައިދުތައް ވެސް ހުރެ އެވެ. އެކަމަކު ޓޫރިސްޓު ގޮވައިގެން އުޅޭ މީހުނަކީ ހުއްދަ އޮތް ބައެއްތޯ ބަލައިލާނެ ބަޔަކު ނުތިބެ އެވެ. އެހެންވެ މިހާރު މި ކްރޫޒްލައިނާއިން ކިތަންމެ ބަޔަކު އަޔަސް ރާއްޖެއަށް މިކަމުން ލިބޭނެ މަންފާއެއް ނޯވެ އެވެ. ރާއްޖޭން ނަން ހަޑިވުންނޫން ކަމެއް ނުވެ އެވެ. ސަބަބަކީ އެމީހުން ރާއްޖޭގެ ވެރިރަށް މާލެއަށް ފައިބާ ވަންނާނެ ފާހާނާ ގަނޑެއް ވެސް ނެތުމެވެ. 

މިހާރު މިކަން ހުއްޓާލަން ޖެހެ އެވެ. މިކަން ކުރާނަމަ ރަނގަަޅަށް ކުރަންވީ އެވެ. އެހެންނޫނީ މުސްކުޅިންތަކެއް މާލެއަށް އަރުވައިގެން ކޮން ގަނައެއް ތަޅުވާކަށް ހެއްޔެވެ؟  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.