ހަންކެޑެ ލޯގޯ ލޯންޗްކޮށް، އައްޑޫ ޓޫރިޒަމްގެ ބިޔަ މަޝްރޫއު ފަށައިފި

ހަންކެޑެ މަޝްރޫއަކީ ފަށާނެ ކަމަށް ބުނެ ގިނަ ދުވަސްތަކެއްވީ މަޝްރޫއެކެވެ. ނަމަވެސް ނުފެށި ލަސްވެގެން ދިޔައީ އެވެ.

އައްޑޫގެ ޓޫރިޒަމްގެ މޫނުމަތި ބަދަލު ކޮށްލާ ހަންކެޑެ ޓޫރިޒަމްގެ ބިޔަ މަޝްރޫއު ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީއީސީ) އާ ހަވާލުކޮށްގެން މިރޭ ފަށައިފި އެވެ. 

އައްޑޫގެ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ހަންކެޑެ މަޝްރޫއު މެނޭޖް ކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އިންނެވެ. މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގައި ކެމްޕޭނާ ދިމާކޮށް އަވަސްއަވަހާ ލޯންޗް ކުރި މި މަޝްރޫއަކީ ޓޫރިޒަމްގެ ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ތަރައްގީ ކުރާ ބިޔަ މަޝްރޫ އެކެވެ. 

ހަވާއެރުވުމާއެކު އޮތް މަޝްރޫއު ލޯންޗް ކުރީ އައްޑޫގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ. މި ރަސްމިއްޔާތުގައި އިންޓަގްރޭޑެޓް ޓޫރިޒަމް މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ސީއެންއީއީސީގެ ވައިސް ޕްރެސިޑެންޑް ޖިން އުހޭ ވެސް ބައިވެރިވަޑައިގަތެވެ. 

އައްޑޫއަށް 2،000 ޓޫރިސްޓު އެނދު

މި ރަސްމިއްޔާތުގައި އެމްއެފްއެމްސީގެ އެގްޒެކެޓިވް ޑިރެކްޓަރު އެންޑް ޕްރެޒިޑެންޓް ހުވެއިން ބައިވެރިވަަޑައިގަތެވެ. ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރަން ހަވާލު ކޮށްފައިވާ ހަންކެޑެއަށް އަރާ ޗައިނާ ކުންފުނިން ހަންކެޑައިގައި 1041 ކޮޓަރި 2082 އެނދު ގާއިމް ކުރާނެ އެވެ. މި މަޝްރޫއުގައި އެހެން ގިނަ ބައިތަކެއް ވެސް ހިމެނޭނެ އެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އެވެ.

ރަސްމިއްޔާތުގައި ހޯމް ލޭންޑް މިނިސްޓަރު ކެޕްޓަން އިހުސާން ވިދާޅުވީ މި މަޝްރޫއަކީ އައްޑޫގެ ތަރައްގީ ބޮޑުކޮށް ފެންނަން ފަށާ ދުވަސް ކަމަށާ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕީޑް ކަމަށެވެ. 

"ހަންކެޑެ ޕްރޮޖެކްޓަކީ 2008 ވަނަ އަހަރުން ފެށިގެން އައްޑުއިވޭ. ކޮންމެވެސް ވަރަކަށް މަސައްކަތް ފެށުނީ 2021 ވަނަ އަހަރުން ފެށިގެން. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މި ޕްރޮޖެކްޓުގެ މަސައްކަތް ހަލުވިކޮށް ހަތަރު މަސްތެރޭގައި ގްއުންޑް ބްރޭކް ވެގެންދާ ވަރުވީ،" އިހުސާން ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ކުރިން ހިންގި މިފަދަ ޕްރޮޖެކްޓްތަކާ ހިލާފަށް މި މަޝްރޫ އަށް އިންވެސްޓް ކުރާ 175 މިލިއަން ޑޮލަރުގެ ބޮޑު ބައެއް މި ސަރަހައްދަށް ހަރަދު ވެގެން ދާނެ މޮޑެލްއަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އެކަން ޔަގީންކޮށްދެއްވުމަށް މިނިސްޓަރު ވަނީ އެމްއެފްއެމްސީގެ ވެރިންގެ ކިބައިން އެދިވަަޑައިގެންފަ އެވެ. 

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ނިމިގެންދާއިރު މި ސަރަހައްދުގެ ކާޕެންޓްރީ އާއި ހޯލް ސޭލް ވިޔަފާރި އާއި ޓުއާ ގައިޑިން ސިނާއަތް އޭގެ އިތުރުން ވެސް އިތުރު ދާއިރާ އަށް އަސްލު ސިފައިގައި ދިރުން އަންނަތަން ފެނިގެންދާނެ ކަމަށެވެ. 

އައްޑޫން 3،000 ވަޒީފާ އުފެދިގެންދާނެ

މި ރަސްމިއްޔާތުގައި ސީއެންއީއީސީގެ ސީނިޔަ ވައިސް ޕްރެސިޑެންޓް ޖިން އުހޭ ވިދާޅުވީ މި މަސްރޫއާއެކު އައްޑޫއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާ މިގޮތުން ގިނަ އަދަދެއްގެ ވަޒީފާ ތަކެއް އުފެދިގެންދާނެ ކަމަށެވެ. 

"އަންދާޒާ ކުރެވޭ ގޮތުގައި އައްޑޫން ސީދާ ގޮތުން 1،988 ވަޒީފާ އުފެދިގެންދާނެ. ނުސީދާ ގޮތުން 1،625 ވަޒީފާ އުފެދިގެންދާނެ،" ޖިން އުހޭ ވިދާޅުވި އެވެ. 

ހަންނެޑެ ތަރައްގީ ކުރާ ޗައިނާ ކުންފުނިން މަޝްރޫއު އިންތިޒާމުކޮށް ރާވާފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގަ އެވެ. މާނައަކީ އެ ކުންފުނިން އެ އަންނަނީ ފައިސާ ހިފައިގެނެވެ. އެ ފައިސާ އިން ހަދައި އެ ތަންތަން ފަންޑު މެނޭޖުމަންޓާ ހަވާލު ކުރުމުން ހިންގަން ފެށުމާއެކު ފައިސާ ދައްކަން ފަށާނެ އެވެ. މި މަޝްރޫއު ހިންގާތީ ކްރޮސް ސަބްސިޑީ އުސޫލުން އެ ކުންފުންޏަށް ރިސޯޓު ހަދަން ރަށެއް / ފަޅެއް ލިބޭނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ގެސްޓްހައުސް ބައި ތަރައްގީ ކުރާ ފައިނޭންޝަލް މޮޑެލަކީ ވެސް އެއީ އެވެ. މި މަޝްރޫއު އިންތިޒާމު ކޮށްފައި އޮތީ އެސްއެމްއީ ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެންނެވެ. މި ގެސްޓްހައުސްތައް ތަރައްގީ ކުރުމަށްފަހު ޗައިނާ ކުންފުނިން ފައިސާ ދައްކާނީ އެސްއެމްއީބޭންކަށެވެ. 

ދެ އަހަރުން މަޝްރޫއު ނިންމާނެ

މި މަޝްރޫއު ފަރުމާކޮށްފައިވަނީ ދެ އަހަރުން ނިންމާ ގޮތަށެވެ، މިތަނުގައި ލަގްޒަރީ ވިލާތަކާއި ލަގްޒަރީ އެޕާޓްމަންޓްތައް އަދި އައްޑޫއަށް ހާސް މިއުޒިއަމެއްވެސް ހުންނާނެ އެވެ. މިތަނުން އައްޑޫގެ ތާރީހު އެނގެން ހުންނާނެ އެވެ. 

ހަންކެޑެ އަށް ފަސް ވަނަ ކުންފުނި

ގާތްގަނޑަކަށް ހަތް ހެކްޓަރު ހުންނަ އެ ރަށުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ފުވައްމުލަކު ތޫނޑު ކުންފުންޏަށް ދިނީ 2006 ވަނަ އަހަރު އެވެ. އެފަހަރު ހަވާލުކުރީ 18 މަސް ދުވަހުން ނިންމާށެވެ. އެކަމަކު އެ ކުންފުންޏަށް އެކަމެއް ނުވި އެވެ. އެހެންވެ އެ ކުންފުނީގެ އަތުން ނަގައި 2008 ހާފް ޑިގްރީ ކިޔާ ކުންފުންޏަކަށް ދިނެވެ. އެ ފަހަރު ވެސް އެ މަސައްކަތް ކުރިއަކަށް ނުދިޔަ އެވެ. އޭގެ ފަހުން ފެނުނީ 2011 ވަނަ އަހަރު ޑޮލަޓަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ހަންކެޑެ ވިއްކާލި ތަނެވެ. އެ ކުންފުންޏަށް ވެސް އެ ރަށުގައި ގާބުރިއެއް ބޭއްވޭ ވަރެއް ނުވި އެވެ. އެއަށްފަހު ރަށަށް 2013 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް އަރަން ދިމާ ކުރި އެވެ. ރަށް ސިންގަޕޫރު ކުންފުންޏާ ހަވާލު ވެސް ކުރި އެވެ.

އެ ކުންފުނިން ރަށް ތަރައްގީ ކުރާނެ ޕްލޭނެއް ވެސް ދެއްކި އެވެ. އޭރު އެ ކުންފުނިން ބުނެފައި ވަނީ ފަސް ތަރަގީގެ ރިސޯޓެއް އެތަނުގައި ހަދާނެ ވާހަކަ އެވެ. އެކަމަކު އެ ކުންފުންޏަށް ވެސް ވީކަމެއް ނެތެވެ. އޭގެ ފަހުން މި ރަށް ވާނުވާގައި އޮތުމަށް ފަހު 2019 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދައުރުގައި ރަށުގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރަށް ރަށް ނެގި އެވެ. އެ ރަަށް ޓޫރިޒަމަށް ހުޅުވާލާނީ އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް ސަރުކާރުން އޭރު ބުންޏެވެ. އަދި ޑިސެމްބަރު 2، 2022 ގައި ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ރަށް ހަމަޖެއްސި އެވެ. އަދި މިދިޔަ މަހު 27 ގައި ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން މި ރަށުގެ އާ ފޮޓޯ ކުރެހުންތަކެއް ދައްކާލި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.