އިހްސާނާއި ފުލުހުންގެ ވެރިންތަކެއް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައެއް

ކްރިމިނަލް ކޯޓުން މިއަދު ބުނީ މިނިސްޓަރު އިހުސާންގެ އިތުރުން ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު އަދި ސަބް އިންސްޕެކްޓަރު މަމްދޫހް ހަސަން އެމައްސަލައިގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: ކޯޓުގެ ހުރުމަތް ކަނޑައި ފަނޑިޔާރުންނަށް ނުފީޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައި --

މިދިޔަ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށް ނިންމި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސް ވެރިންތަކެއް ނުފޫޒު ފޯރުވިކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުންގެ ގާޒީންގެ ކުއްލި މަޖިލީހަށް އެޖެންޑާ ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ މިނިސްޓަރު އިހުސާންގެ އިތުރުން ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު އަދި ސަބް އިންސްޕެކްޓަރު މަމްދޫހް ހަސަން އެ މައްސަލައިގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އަދި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކަނޑާފައިވާ ކަމަށެވެ. އެހެންވެ، މި މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ ގާޒީންގެ ކުއްލި މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

"އަދި މިކަމާމެދު ގޮތެއް ނިންމުމަށް 18 އޭޕްރިލް 2024 ދުވަހު 1:00 އަށް ގާޒީންގެ މަޖިލީހެއް ވަނީ ތާވަލު ކުރެވިފަ،" އެކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ނަމަވެސް، ނުފޫޒު ފޯރުވީ ކޮން ގޮތަކަށް ކިހިނެއް ކަމެއް ކޯޓުން ނުބުނެ އެވެ. އަދި އިތުރު ތަފްސީލެއް ވެސް ނުދެ އެވެ.

އެ ކޯޓުން ނިންމާގައިވާ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ މައްޗަށެވެ. ދެން ދައުވާކުރި، ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހުމަދު ސުނައިނު އަދި، ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

މި މައްސަލަ ކޯޓުން ނިންމި ފަހުން ހޯމް މިނިސްޓްރީ އަދި ފުލުހުން ގުޅިގެން މި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ވަރަށް ތަފްސީލުކޮށް އެ ޑްރަގް އެތެރެކޮށް ފޮނުވަން މަސައްކަތް ކޮށްފައިވާ ގޮތް ކިޔައިދީފަ އެވެ. ސީސީޓީވީ ފުޓޭޖްތައް ވެސް ދައްކާފައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އެ މައްސަލަ ސާބިތު ކުރެވޭ މިންވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. 

މިފަދަ މައްސަލަތަކުގެ ތަފްސީލުތައް މީގެ ފަހުން އާންމު ކުރައްވާނެ ކަމަށް އެދުވަހު މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.