އަނެއްކާވެސް | އައްޑޫ މޫނުމަތި ބަދަލުކުރާ ހަންކެޑެ މަޝްރޫއު މިރޭ ފަށަނީަ

ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފައްކާ ކުރަން އެކި ވެރިކަމުގައި ވާހަކަ ދެއްކި ރަށެވެ. ކޮންމެ ފަހަރަކު ވެސް ވެރިކަން ނިމިގެންދާއިރު ވެސް އެކަމެއް ނުއެއް ވެއެވެ.

ހަންކެޑެ އޮންނާނެ ގޮތުގެ މައްޗަށް މިދިޔަ ސަރުކާރުން ދެއްކި ކުރެހުމެއް

އައްޑޫގެ ޓޫރިޒަމްގެ މޫނުމަތި ބަދަލު ކޮށްލާ ހަންކެޑެ ޓޫރިޒަމްގެ ބިޔަ މަޝްރޫއު ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އިން މިރޭ ފަށާނެ އެވެ. 

އައްޑޫގެ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ހަންކެޑެ މަޝްރޫއު މެނޭޖް ކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އިންނެވެ. މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބޔގެ ކެމްޕޭނާ ދިމާކޮށް އަވަސްއަވަހާ ލޯންޗް ކުރި މި މަޝްރޫއަކީ ޓޫރިޒަމްގެ ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ތަރައްގީ ކުރާ ބިޔަ މަޝްރޫ އެކެވެ. 

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ. ހަންކެޑެ ސައިޓްގައި މިރޭ ހަވާ އެރުވުމާއެކު އޮންނަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައި ދެއްވަނީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ. 

1041 ކޮޓަރި، 2082 އެނދު

ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރަން ހަވާލު ކޮށްފައިވާ ހަންކެޑެއަށް އަރާ ޗައިނާ ކުންފުނިން ހަންކެޑައިގައި 1041 ކޮޓަރި 2082 އެނދު ގާއިމް ކުރާނެ އެވެ. މި މަޝްރޫއުގައި އެހެން ގިނަ ބައިތަކެއް ވެސް ހިމެނޭނެ އެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) އެވެ. 

އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުގެއް ގޮތުގައި ކުރިއަށް ގެންދަން ފައިނަލް ވެފައި އޮތް މި މަަޝްރޫއުގައި މިހާރު ކުރަމުން ދަނީ ކަރުދާހުގެ މަސައްކަތްތަކުގެ އެންމެ ފަހު ބައެވެ. މި މަޝްރޫއުގެ އިތުރުން އައްޑޫން ގެސްޓްހައުސް ހަދަން ދޫކޮށްފައިވާ ބިންތައް ގަނޑުކޮށް ނަގައި އެ ތަންތަނުގައި ގެސްޓްހައުސް މަޝްރޫއެއް ވެސް މި ކުންފުނިން ހިންގާނެ އެވެ. މިހާރު މި މަޝްރޫއު ރަސްމީކޮށް އިއުލާނު ނުކޮށް ލަސްވާ ސަބަބަކީ ގެސްޓްހައުސްތަކުގެ ނަމްބަރުތައް ފައިނަލް ނުވެގެނެވެ. 

ހަންނެޑެ ތަރައްގީ ކުރާ ޗައިނާ ކުންފުނިން މަޝްރޫއު އިންތިޒާމުކޮށް ރާވާފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގަ އެވެ. މާނައަކީ އެ ކުންފުނިން އެ އަންނަނީ ފައިސާ ހިފައިގެނެވެ. އެ ފައިސާ އިން ހަދައި އެ ތަންތަން ފަންޑު މެނޭޖުމަންޓާ ހަވާލު ކުރުމުން ހިންގަން ފެށުމާއެކު ފައިސާ ދައްކަން ފަށާނެ އެވެ. މި މަޝްރޫއު ހިންގާތީ ކްރޮސް ސަބްސިޑީ އުސޫލުން އެ ކުންފުންޏަށް ރިސޯޓު ހަދަން ރަށެއް / ފަޅެއް ލިބޭނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ގެސްޓްހައުސް ބައި ތަރައްގީ ކުރާ ފައިނޭންޝަލް މޮޑެލަކީ ވެސް އެއީ އެވެ. މި މަޝްރޫއު އިންތިޒާމު ކޮށްފައި އޮތީ އެސްއެމްއީ ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެންނެވެ. މި ގެސްޓްހައުސްތައް ތަރައްގީ ކުރުމަށްފަހު ޗައިނާ ކުންފުނިން ފައިސާ ދައްކާނީ އެސްއެމްއީބޭންކަށެވެ. 

ހަންކެޑެއަށް ފަސް ވަނަ ކުންފުނި

ގާތްގަނޑަކަށް ހަތް ހެކްޓަރު ހުންނަ އެ ރަށުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ފުވައްމުލަކު ތޫނޑު ކުންފުންޏަށް ދިނީ 2006 ވަނަ އަހަރު އެވެ. އެފަހަރު ހަވާލުކުރީ 18 މަސް ދުވަހުން ނިންމާށެވެ. އެކަމަކު އެ ކުންފުންޏަށް އެކަމެއް ނުވި އެވެ. އެހެންވެ އެ ކުންފުނީގެ އަތުން ނަގައި 2008 ހާފް ޑިގްރީ ކިޔާ ކުންފުންޏަކަށް ދިނެވެ. އެ ފަހަރު ވެސް އެ މަސައްކަތް ކުރިއަކަށް ނުދިޔަ އެވެ. އޭގެ ފަހުން ފެނުނީ 2011 ވަނަ އަހަރު ޑޮލަޓަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ހަންކެޑެ ވިއްކާލި ތަނެވެ. އެ ކުންފުންޏަށް ވެސް އެ ރަށުގައި ގާބުރިއެއް ބޭއްވޭ ވަރެއް ނުވި އެވެ. އެއަށްފަހު ރަށަށް 2013 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް އަރަން ދިމާ ކުރި އެވެ. ރަށް ސިންގަޕޫރު ކުންފުންޏާ ހަވާލު ވެސް ކުރި އެވެ.


އެ ކުންފުނިން ރަށް ތަރައްގީ ކުރާނެ ޕްލޭނެއް ވެސް ދެއްކި އެވެ. އޭރު އެ ކުންފުނިން ބުނެފައި ވަނީ ފަސް ތަރަގީގެ ރިސޯޓެއް އެތަނުގައި ހަދާނެ ވާހަކަ އެވެ. އެކަމަކު އެ ކުންފުންޏަށް ވެސް ވީކަމެއް ނެތެވެ. އޭގެ ފަހުން މި ރަށް ވާނުވާގައި އޮތުމަށް ފަހު 2019 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދައުރުގައި ރަށުގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރަށް ރަށް ނެގި އެވެ. އެ ރަަށް ޓޫރިޒަމަށް ހުޅުވާލާނީ އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް ސަރުކާރުން އޭރު ބުންޏެވެ. އަދި ޑިސެމްބަރު 2، 2022 ގައި ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ރަށް ހަމަޖެއްސި އެވެ. އަދި މިދިޔަ މަހު 27 ގައި ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން މި ރަށުގެ އާ ފޮޓޯ ކުރެހުންތަކެއް ދައްކާލި އެވެ. 

މާޒީގެ ރޮނގުމަތީން ހަންކެޑެ

  •  2006 -- ސިޓީ ހޮޓާ އަޅަން ތޫނޑު ކުންފުންޏަށް
  •  2008 -- ނުވެގެން ރަށް އަތުލައި ހާފް ޑިގްރީ ކުންފުންޏަކަށް
  •  2011 -- ހަންކެޑެގެ ހައްގުތައް ޑޮލަޓަން ކުންފުންޏަށް
  •  2013 -- ސިންގަޕޫރު ކުންފުންޏަށް ރަށް ދިނުން
  •  2019 -- ސަރުކާރުން ރަށުގެ އެއްބަސްވުން ބާތިލް ކުރުން
  •  2022 -- ހަންކެޑެ އިންޓްގަރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ނެގުން
  •  2023 -- ފަންޑު މެނޭޖުމަންޓުން ކުރެހުންތަކެއް އާއްމު ކުރުން

ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފައްކާ ކުރަން އެކި ވެރިކަމުގައި ވާހަކަ ދެއްކި ރަށެވެ. ކޮންމެ ފަހަރަކު ވެސް ވެރިކަން ނިމިގެންދާއިރު ވެސް އެކަމެއް ނުއެއް ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.