އިންތިހާބާ ގުޅިގެން ވަޒީފާގެ ބިރުދައްކާ ކަމަށްބުނެ އެޗްއާރުސީއެމް ކަންބޮޑުވެއްޖެ

އެޗްއާރުސީއެމްގެ މާ ބޮޑު ހަރަކާތެއް ނޯންނަ ނަމަވެސް ބައެއް ހާލަތްތައް ދިމާވުމުން އެ ކޮމިޝަނުން ނޫސްބަޔާން މެދުވެރިކޮށް ބަސް ބުނެ ހަދަ އެވެ.

ވެރިކަން ކުރާ ކޮންގްރެސް ކޯލިޝަނުގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން: ބައެއް ފަރާތަތައް ނުފޫޒު ފޯރުވުމުގެ ކަންކަން ކުރާ ކަމަށް ތުހުމަތު އޮވޭ

މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީީހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން، ވަޒީފާގެ ބިރު ދެއްކުންފަދަ އަމަލުތައް ހިންގާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ. 

އެ ކޮމިޝަނުން އިއްޔެ ނޫސް ބަޔާނެއް އާންމުކޮށް، އޭގައި ބުނީ މަޖިލިސް އިންތިހާބާ ގުޅިގެން ވަޒީފާގެ ބިރު ދެއްކުމުގެ އަމަލުތައް ހިންގާ ކަމަށް ސޯޝަލް މީޑިއާ އާއި ހަބަރުތަކުގައި ދައުރުވާ ކަމަށެވެ. އަދި އެ ކޮމިޝަނުން އެކަމާ ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން އެފަދައިން ހިންގާ އަމަލުތައް ކުށްވެރިކޮށް އެކަންކަން ކުރާ މީހުނާ މެދު ފިޔަވަޅު އަޅަން ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފައި ވެސް ވެއެވެ. 

އަދި މިހެން ކޮމިޝަނުގެ ބަޔާނުގައި އޮވެއެވެ: 

"... އެއްވެސް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް، ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓު ދިނުމުގެ ހައްގަކަށް އުނިކަން އަތުވެދާނެ ކަންކަމުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް ގޮވާލަމެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުވައްސަސާތަކަށް ގޮވާލަމެވެ." 

އާންމު ގޮތެއްގައި މާ ބޮޑު ހަރަކާތެއް ނޯންނަ އެކަމަކު ބައެއް މުނާސަބަތަކު ތަކާއި ބައެއް ހާދިސާތަކާ ގުޅުވައި ނޫސްބަޔާންތައް ނެރޭ އެޗްއާރްސީއެމުން އިއްޔެ ނެރުނު ބަޔާން ބުނާ ގޮތުން ބައެއް ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާ ގުޅުންހުރި ދޮގު ވާހަކަތައް ފަތުރަމުން ގެންދެ އެވެ. އޭގެ އިތުރުން ރިޝްވަތު ދިނުމާއި ވޯޓު ގަނެ ވިއްކުމާއި ވަޒީފާގެ ބިރު ދެއްކުމާއި، ކެމްޕޭނަށާއި ކެމްޕޭން ޕޯސްޓަރު ފަދަ ތަކެއްޗަށް ގެއްލުން ދިނުން ފަދަ ކަންކަން ވެސް އެ ކޮމިޝަނަށް ފާހަގަ ވެފައި ވެއެވެ. -- ބަޔާނުގައި އެހެން ބުނެފައިވި ނަމަވެސް އެއްވެސް ފަރާތަކަށް ތުހުމަތެއް ކޮށްފައެއް ނުވެއެވެ. 

އެ ބަޔާން ނިންމާލަމުން އިންތިހާބަށް ކެމްޕޭން ކުރުމުގައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް އިހްތިރާމް ކުރުމަށާއި މަޖިލިސް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ވެސް އެޗްއާރްސީއެމުން ގޮވާލާފައި ވެއެވެ. 

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެ އިންތިހާބަށް ވަގުތު ކައިރިވެފައި ވާއިރު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތައް، އަދި އިދިކޮޅުގައި އޮތް އެމްޑީޕީން ގެންދަނީ ހުއްޓާ ނުލައި މާލެ އާއި އަތޮޅުތަކުގައި ކެމްޕޭން ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.