ރައީސް އަމަލު ކުރައްވަނީ ކޮންގްރެސް ޕާޓީގެ އުސޫލުތަކާ ވެސް ހިލާފަށް: ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ބާއްވައިގެން ކެނޑިޑޭޓަކު ހޮވުމުން ވެސް ރައީސް މުއިއްޒު އެ ކެނޑިޑޭޓަކު ގަބޫލުފުޅު ނުކުރައްވައި އަމިއްލަ ގޮތްތައް ގެންގުޅުއްވަމުން ގެންދަވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވާހަކަދައްކަވަނީ --

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް އެތައް ދޮގެއް ހައްދަވަމުން ކަމަށާއި އެމަނިކުފާނު އަމަލު ކުރައްވަނީ ކޮންގްރެސް ޕާޓީގެ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތިމަރަފުށީ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ މީރާގެ ކުރީގެ ކޮމިޝަނަރު ފަތުހުﷲ ޖަމީލްގެ ކެމްޕޭނު ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު އިޝާރާތް ކުރެއްވީ އެ ދާއިރާގައި ކޮންގްރެސްގެ ކެނޑިޑޭޓަކު ހުއްޓައި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓަށް ސަރުކާރުން ތާއީދު ކުރާ ކަމެވެ. އޭގެ އިތުރުން ވެސް އެހެން ދާއިރާތަކުގައި ވެސް އެ މައްސަލަ ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ތިމަރަފުށި ދާއިރާގެ ކޮންގްރްސް ޓިކެޓް ކާމިޔާޝު ކުރެއްވީ އިބްރާހިމް ސަނާހު އެވެ. ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިންގެ ތާއީދު އޮތީ އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ރިޔާޒަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ބާއްވައިގެން ކެނޑިޑޭޓަކު ހޮވުމުން ވެސް ރައީސް މުއިއްޒު އެ ކެނޑިޑޭޓަކު ގަބޫލުފުޅު ނުކުރައްވައި އަމިއްލަ ގޮތްތައް ގެންގުޅުއްވަމުން ގެންދަވާ ކަމަށެވެ. ވިދާޅުވީ، "މިއަދު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެ ޕާޓީގެ އެތެރޭގެ އުސޫލުތަކަށް ހަމަތައް ވެސް ހިފަހައްޓާ ބޭފުޅެއް ނޫން. މިރަށުން އެއޮތީ ސާފުކޮށް އެކަން ފެންނަން،" މިހެންނެވެ.

"މިފަދަ ބޭފުޅުން ކޮން ގާނޫނަކަށްތޯ އަމަލުކުރައްވާނީ، ކޮން ގާނޫނެއްގެ ހަމަތަކެއްތޯ ހިފަހައްޓަވާނީ. މިއުޅެނީ ކައިރީގަ ތިބި އެތެރޭގަ ޕާޓީގެ މެމްބަރުން ނިންމި ނިންމުމަށް ޗެލެންޖު ކުރައްވައިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެހެންވެ ރައީސް މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އެތައް ބަޔަކު ޕާޓީ ދޫކޮށް އެހެން ކެނޑިޑޭޓުންނަށް ތާއީދު ކުރަމުންދާކަން ވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ރައީސް ހައްދަވަމުން ގެންދަވާ ދޮގު ތަކުގެ ތެރޭގައި ކައުންސިލްތަކަށް ޓީޖީއެސްޓީން ޕަސެންޓެއް ދޭ ވާހަކަ އަކީ ވެސް އާ ކަމެއް ވިދާޅުވާ ވިދާޅުވުމަކީ ދޮގެއް ކަމަށެވެ. މިހާރު ވެސް މުޅި ބަޖެޓުގެ އެއް ޕަސެންޓާއި ރަށްރަށުގެ ބިމު ކުލީގެ 40 ޕަސެންޓް ކައުންސިލްތަކަށް ލިބެމުންދާ ކަމަށެވެ.

"ދައުލަތުގެ ޖުމްލަ އާމްދަނީގެ ތެރެއިން ހުރިހާ ޓެކްސްއެއް ހިމެނޭނެ. އެކަން ވެސް ރައްޔިތުންނަށް އޮޅުވާލައިގެން އާ ކަމެއް ކުރާ ގޮތް ދައްކަން ވެގެން އެ ދޮގު ވެސް ހަދައިފި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަދިވެސް އެތައް އޮޅުވާލުންތަކެއް އެބަހުރި ކަމަށާއި، މިފަދަ ކަންކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ފަތުހުﷲ މެން ފަދަ މާލީ ބޭފުޅުން މަޖިލީހަށް ހޮވަން ވަރަށް މުހިންމު ކަމަށެވެ. މިހާރު ވެސް މަޖިލީސް ތެރެއިން މިފަދަ ކަންކަމަށް ފިޔަވަޅު އަޅަން ޖެހިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.