އެންޓި ޑިފެކްޝަން ބިލަށް ރައީސް ގެންދަވަނީ ގާނޫނީ ލަފާ ހޯއްދަވަމުން: ހީނާ

ހީނާ ވިދާޅުވީ އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅީ އޭޕްރީލް 7، ގައި ކަމަށެވެ. މިހާރު ކުރިއަށްދަނީ އެ ބިލު ފާސްކުރުމާ މެދު ގާނޫނީ ލަފާ ހޯދުމުގެ މަރުހަލާކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރަން ފޮނުވާފައިވާ އެންޓި ޑިފެކްޝަން ބިލާ މެދު ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގާނޫނީ ލަފާ ހޯއްދަވަމުން ކަމަށް ސަރުކާރު ހިންގެ ކޮންގްރެސްގެ ޕާޓީގެ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅު ވެއްޖެ އެވެ. 

މި މަހުގެ 21 ގައި އޮންނަ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ބައެއް ކަންކަން ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، އެންޓި ޑިފެކްޝަން ބިލު ތަސްދީގު ކުރުން ލަސްވާތީ އަންނަ ޝަކުވާތަކާ ގުޅިގެން އެ މައުލޫމާތު ރައީސް އޮފީހުން މިއަދު އޮޅުން ފިލުވި އިރު، ކުރިއަށް ދަނީ ގާނޫނީ ލަފާ ހޯދުމުގެ މަރުހަލާއެއް ކަމަށެވެ. 

"އެ ބިލު ތަސްދީގު ކުރެއްވުމަށް ގާނޫނީ ލަފާ ހޯއްދުމުގެ ފުރުސަތު ރައީސަށް ލިބި ވަޑައިގަންނަވާ، މިހާރު އެ މަރުހަލާ ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވަނީ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އެ ބިލު މަޖިލީހުން ރައީސް އޮފީހަށް ހުށަހެޅީ އޭޕްރީލް 7، ގެ ރޭގަނޑު 9:35 ގައި ކަމަށެވެ. ބިލު ތަސްދީގުކުރުމާއި، އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސްއަށް ލިއްބައިދޭ 15 ދުވަހުގެ މުއްދަތު ހަމަވާނީ އޭޕްރީލް 22 ގެ ނިޔަލަށެވެ. 

އެންޓި ޑިފެކްޝަންގެ ބިލެއް ހުށަހެޅުމަކީ 19 ވަނަ މަޖިލީހުގެ ކެމްޕޭނުގައި އެމްޑީޕީއިން ހުށަހެޅި ލެޖިސްލޭޓިވް އެޖެންޑާގައި އޮތް ކަމެކެވެ. ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު ފެށި މި މަޖިލީހަށް އެ ބިލު ހުށަހެޅީ މަޖިލީހުގެ ދައުރު ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. 

މި ބިލުގައި މަޖިލީހުގެ މެންބަރުކަމުން ވަކިކުރެވޭ ގޮތަށް ތިން މާއްދާއެއް ކަނޑައަޅާފައި އެބަ އޮތެވެ. އެއީ މެންބަރުކަމަށް އިންތިހާބުވާއިރު ހުންނަ ޕާޓީ ނޫން އެހެން ޕާޓީއަކަށް ވަނުމާއި، ޕާޓީއިން ވަކިވުމާއި އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ސިޔާސީ ޕާޓީއަކަށް ވަނުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.